ކުޅިވަރު

ގެމްޕާ ޓްރޮޕީ ކުޅޭނީ ނޯ ކޭމްޕުގައި: ލަޕޯޓާ


ޖޯން ގެމްޕާ ޓްރޮފީ ނޯ ކޭމްޕުގައި ކުޅޭނީ އަންނަ ސީޒަނުގައި ބާސެލޯނާގެ މެޗުތައް އަމިއްލަ ދަނޑަށް ބަދަލުކުރުމުގެ ޕްލޭނުގައި ކަމަށް އެ ކުލަބުން ބުނެފިއެވެ.

ރައީސް ޖޯން ލަޕޯޓާ ވިދާޅުވީ ކޮންމެ ސީޒަނެއް ވެސް ފެށުމުގެ ކުރިން ބާސެލޯނާއިން ކޮންމެވެސް ޓީމަކަށް ދައުވަތު ދީގެން ކުޅޭ މެޗު މި ފަހަރު ވަރަށް ހާއްސަވާނެ ކަމަށެވެ. މި މެޗުގައި ބާސެލޯނާއާ ވާދަ ކުރާނީ އިޓަލީގެ ކޯމޯ އެވެ. މިއީ ބާސެލޯނާގެ ކުރީގެ މިޑްފީލްދަރު ސެސް ފެބްރިގާސް ކޯޗުކޮށްދޭ ކުލަބެވެ.

"މި މެޗު އަހަރުމެން ބޭނުން ކުރާނީ ދަނޑު ޓެސްޓް ކޮށްލަން ކުޅޭ މެޗެއްގެ ގޮތުގައި. ދަނޑުގެ އިންތިޒާމްތަކާއި ވަސީލްތަތަކާއި އެ ނޫން ވެސް ކަންކަން ޓެސްޓްކޮށް ލީގު މެޗުތައް މި ދަނޑަށް ބަދަލު ކުރުމުގެ ފެށުމަކަށް ވާނީ މި މެޗު. މިއީ ރިސާހަލް އެއް،" ލަޕޯޓާ ވިދާޅުވި އެވެ.

ބާސެލޯނާގެ ދަނޑު ކޭމްޕް ނޯ މަރާމާތުކޮށް ސްޓޭޑިއަމް އަލުން ޒަމާނީކޮށް ބިނާ ކުރުމަށް ބޮޑުބައެއް ތަޅާލީ މީގެ ދެ އަހަރު ކުރިންނެވެ. އަދި އެ ކުލަބުން އުއްމީދު ކުރަނީ 2026 ވަނަ އަހަރު ސްޓޭޑިއަމް އެއްކޮށް ނިންމާލެވޭނެ ކަމަށެވެ.

މުޅި ސްޓޭޑިއަމް އެއްކޮށް ނުނިމުނު ނަމަވެސް އަންނަ ސީޒަނުގެ ފުރަތަމަ ތިން މެޗަށް ފަހު ބާސެލޯނާގެ މެޗުތައް ނޯ ކޭމްޕްގައި ކުޅެން ވަނީ ސްޕެނިޝް ލީގާއެކު ވެސް މަޝްވަރާކޮށްފަ އެވެ. ކުރިން އެއް ލައްކަ މީހުންގެ ސްޓޭޑިއަމް އަލުން ބިނާކޮށް ނިމޭއިރު ދަނޑުގަ ޖާގަ 105000 އަށް އަރާނެ އެވެ. ނަމަވެސް އަންނަ ސީޒަން ފަށާއިރު ކުޅި ބަލަން ވަދެވެނީ 60000 މީހުންނަށެވެ.

ނޯ ކޭމްޕް މަރާމާތަށް ބަންދު ކުރުމުން ބާސެލޯނާގެ މެޗުތައް ކުޅެފައިވަނީ ސްޕޭނުގެ އޮލިމްޕިކް ސްޓޭޑިއަމް ކުއްޔަށް ހިފައިގެންނެވެ. މީގެ ސަބަބުން އެ ކުލަބުގެ މެޗު ޑޭ އާމްދަނީގެ ބޮޑު ބައެއް ވަނީ ގެއްލިގެންގޮސްފަ އެވެ. ނަމަވެސް އަމިއްލަ ދަނޑަށް ބަދަލުވުމުން މެޗު ޑޭ ވިޔަފާރިން ކުލަބަށް ބޮޑު ފައިދާ އެއް ވާނެ އެވެ.