އަންނަ ސީޒަނަށް ޓީމު ވަރުގަދަކުރުމުގެ ގޮތުން ބްރެންޓްފަޑުން ލިވަޕޫލްގެ ރިޒާވް ގޯލްކީޕަރު ކޮއިމްހިން ކެލެހާ ސޮއި ހޯދައިފިއެވެ.
ލިވަޕޫލްއިން ޒުވާން ކީޕަރު ވިއްކާލީ 18 މިލިއަން ޕައުންޑަށެވެ. ކެލެހާ ވަނީ ލިވަޕޫލްގައި ވަރުގަދަ މެޗުތަކެއްވެސް ކުޅެފައެވެ. ނަމަވެސް 23 އަހަރުގެ ކީޕަރު އެ ކުލަބު ދޫކޮށްލަން ބޭނުންވަނީ ފުރަތަމަ 11 ގައި ގަވާއިދުން ކުޅެވޭނެ ކުލަބަކަށް ބަދަލުވާން ވެގެންނެވެ.
ރިޕަބްލިކް އޮފް އަޔަލަންޑްގެ ކީޕަރަކަށް ލިވަޕޫލުގެ ގޯލަށް ކުޅެން ފުރުސަތު ލިބެނީ އެއްވަނަ ކީޕަރު ބްރެޒިލްގެ އަލިސަން ބެކާއަށް ނުކުޅެވޭނަމަ އެކަންޏެވެ.
އަނެއްކޮޅުން އަންނަ ސީޒަނުގައި އެއްވަނަ ކީޕަރުގެ ވާދަވެރިކަން އިތުރަށް ބޮޑުވާނެ އެވެ. އެއީ އަލިސަން ބެކާ އާއި ޖޯޖިއާގެ ކީޕަރު ޖިއޯޖިއޯ މަމަޑާޝްވީލީވެސް ލިވަޕޫލްގައި ހުންނާނެތީ އެވެ. އޭނާ ހުސްވި ސީޒަނުގައި ކުޅެމުންދަނީ ލޯނު އެއްބަސްވުމެއްގެ ދަށުން ސްޕޭނުގެ ވެލެންސިއާ އަށެވެ.
"އަހަރެން މި ހުރީ އަންނަ ސީޒަނުގައި ގަވާއިދުން ކުޅެން ފުރުސަތު ލިބޭނެ ޓީމެއްގެ އިންތިޒާރުގައި. އަހަރެން ބޭނުންވަނީ މިހާރު ބަރާބަރަށް ކުޅެން. އެއީ ގައުމީ ޓީމުގެ ކީޕަރުގެ މަގާމު ދަމަހައްޓަން އަހަރެން ކޮންމެހެން ކުރަންޖެހޭ ކަމެއް،" ކެލެހާ ބުންޏެވެ.
ބްރެންޓްފަޑަށް އޭނާ ބަދަލުވީ އެސްޓަންވިލާއިން އޭނާ ގަތުމަށް މަސައްކަތް ކުރަނިކޮށެވެ. އަންނަ ސީޒަނަށް ކީޕަރަކު ހޯދަން އެސްޓަން ވިލާއިން ބޭނުންވީ އެއްވަނަ ކީޕަރު އާޖެންޓީނާގެ އެމެލިއާނޯ މާޓިނޭޒް ކުލަބު ދޫކޮށްލާނެތީއެވެ.