ޚަބަރު

އަންހެނުންނަށް ޚާއްސަ "ފަށާ މަދަދު" ލޯނުގެ ދެވަނަ ފިޔަވައްސަށް ހުޅުވާލަނީ


  • ލޯނު އެޕްލިކޭޝަން ބަލައިގަންނަން ފަށާނީ މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން

  • މި ލޯން ސްކީމްއަކީ 5 ފިޔަވައްސަކަށް ކުރިއަށްގެންދާ ސްކީމްއެއް

އަންހެން ވިޔަފާރިވެރިންނަށް ޚާއްސަކޮށް ދޫކުރާ "ފަށާ މަދަދު" ލޯނުގެ ދެވަނަ ފިޔަވަހީގެ ދަށުން ލޯނަށް އެދުމުގެ ފުރުޞަތު މިމަހުގެ 15ވަނަ ދުވަހު ހުޅުވާލުމަށް އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން، އެސްޑީއެފްސީ އިން ނިންމައިފިއެވެ.

މި ލޯނު ސްކީމްއަކީ ވިޔަފާރީގެ ދާއިރާގައި އަންހެނުން ބާރުވެރިކުރުމަށް އަންހެނުންނަށް ޚާއްޞަ ލޯން ސްކީމެއް ތަޢާރަފުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެލެއްވި ވައުދުފުޅާ އެއްގޮތަށް ކުރިއަށްގެންދާ ލޯން ސްކީމްއެކެވެ. މި ލޯން ސްކީމް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވަނީ 5 ފިޔަވައްސަކަށް ބަހާލައިގެންނެވެ.

އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަނުން ވިދާޅުވީ ލޯން ސްކީމްގެ ދެވަނަ ފިޔަވަހީގެ ދަށުން ލޯނަށް އެދޭ ފަރާތްތަކުގެ އެޕްލިކޭޝަން މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން ބަލައިގަންނަން ފަށާނެކަމަށެވެ. މި ލޯން ސްކީމްއަށް 100 މިލިޔަން ރުފިޔާ ކަނޑައަޅާފައިވާއިރު ކޮންމެ ފިޔަވައްސަކަށް 20 މިލިޔަން ރުފިޔާ ވަނީ ޚާއްސަކޮށްފައެވެ. މީގެ އިތުރުން މި ލޯން ސްކީމްގައި %25 ޚާއްސަ ކޮށްފައިވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށެވެ.

އޭގެ ދަށުން އަހަރަކު 6 އިންސައްތައިގެ އިންޓްރެސްޓާއެކު އަލަށް ވިޔަފާރި ފަށާ ފަރާތްތަކަށް 100،000 ރުފިޔާއާއި 500،000 ރުފިޔާއާ ދެމެދުގެ ޢަދަދަކަށް ލޯނު ދިނުމަށް ވަނީ ހަމަޖެހިފައެވެ. ލޯނަށް ގިނަވެގެން 12 މަސްދުވަހުގެ ގްރޭސް މުއްދަތެއް ލިބޭނެއެވެ. އަދި ލޯނު 7 އަހަރު ދުވަހަަށް ބަހާލައިގެން ދެއްކޭނެ އިންތިޒާމު ވެސް ހަމަޖެހިފައި ކަމަށެވެ.


އަންހެނުންނަށް ޚާއްސަކޮށްގެން ދޫކުރާ ލޯނަކީ އެސްޑީއެފްސީއާއި އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާގެ އިތުރުން އިޖުތިމާޢީ އަދި އާޢިލީ ތަރައްޤީއާ ބެހޭ ވުޒާރާ ގުޅިގެން ވިޔަފާރީގައި ހަރަކާތްތެރިވާ އަންހެނުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ކުރިއަށްގެންދާ ސްކީމްއެކެވެ.