ރާއްޖޭގެ ފުޓްބޯޅަ ހާލަތު އޮތް ގޮތުން ފުޓްބޯޅައިގައި ކުރިއަށްދެވެނީ ސަރުކާރުން އެހީތެރިވަމުން އަންނާތީ ކަމަށް ގައުމީ ފުޓްބޯޅަ ޓީމުގެ މެނޭޖަރު އަބްދުﷲ ޝިބާއު ބުނެފިއެވެ.
ގައުމީ ފުޓްބޯޅަ ޓީމުގެ ތައްޔާރީތަކާ ގުޅޭ ގޮތުން ޕީއެސްއެމް ނިއުސްގެ "ކުޅިވަރު ވިންދު" ޕްރޮގްރާމުގައި ވާހަކަދައްކަމުން ޝިބާއު ބުނީ ހުރިހާ ފަރަތާތްތަކުން ފުޓްބޯޅަ ކުރިއަރުވަން ކުރަމުންދާ މަސައްކަތަކީ ގައުމީ ޓީމުގެ ކުޅުންތެރިންނަށް ލިބިގެންދާނެ ހިތްވަރެއް ކަމަށެވެ. ފުޓްބޯޅައިގެ ތެރެއިން ރަނގަޅު މާހައުލެއް ހޯދައިދިނުމަށް އެފްއޭއެމްގެ މެނޭޖުމެންޓާއި، ނޯމަލައިޒޭޝަން ކޮމިޓީގެ މެންބަރުން ކެނޑިނޭޅި މަސައްކަތް ކުރަމުންދާ ކަމަށް ޝިބާއު ބުންޏެވެ.
ސިންގަޕޫރާ ދެކޮޅަށް ކުޅެން ހަމަޖެހިފަވާ އެކުވެރިކަމު މެޗަކީ ޓިމޯ ލެސްޓޭއާ ދެކޮޅަށް ކުޅެން ހަމަޖެހިފައިވާ މެޗަށް ތައްޔާރުވުމަށް ލިބިގެންދާނެ މުހިއްމު ފުރުސަތެއްގެ ގޮތުގައި ފާހަގަކުރަމުން ޝިބާއު ބުނީ އަލަށް ޓީމާ ގުޅުނު ކުޅުންތެރިން ޓެސްޓުކުރުމަކީ މިމެޗުގެ މުހިންމުކަން ބޮޑުވާ ސަބަބެއް ކަމަށެވެ.
"އިންތިޒާމުތަކަށް ބަލާއިރު އަޅުގަނޑުމެން މިދަނީ ފަހަތުގަ ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރަމުން، އެއީ ސަރަކުރާގެ ކަމާބެހޭ ދާއިރާ އާއި، ސިންގަޕޫރު ފުޓްބޯޅަ ފެޑެރޭޝަނާއި، އޮސްޓްރޭލިޔާގެ ފެޑެރޭޝަނާ ގުޅިގެން މަސައްކަތް ކުރަމުން." ޝިބާއު ބުންޏެވެ.
ރާއްޖެއިން ކުޅެން ހަމަޖެހިފައިވާ ދެ މެޗަށް ތައްޔާރުވުމަށް ވަގުތު ވަރަށް ބޮޑަށް ކުޑަތަންވެއްޖެ ކަމަށާއި، ތައްޔާރުވުމުގެ ބޮޑުބައި ކުރިއަށްދާނީ ރާއްޖޭގައި ކަމަށް ޝިބާއު ވަނީ ބުނެފައެވެ. އޭނާ ބުނީ މިވަގަތު ރާއްޖޭގެ ފުޓްބޯޅައިގެ ހާލަތު އެންމެންނަށްވެސް އެނގޭ ކަމަށާއި، ފުޓްބޯޅަ ނަގާ ކޮޅަށްޖަހައި އެހެން ހަރުފަތަކަށް ގެންދިޔުމަށް ސަރުކާރުންވެސް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.
"ޚާއްސަކޮށް ވެސް ސްޕޯޓްސް މިނިސްޓްރީން ވަރަށް ގިނަ މަސައްކަތްތަކެއް ކުރައްވާ، އެނގިވަޑައިގަންނަވާނެ ގައުމީ ކޮންމެ ޓީމެއް މިހެން ދަތުރު ކުރާއިރުގައި ޓިކެޓަށް ކުރާ ހަރަދަކީ ވަރަށް ބޮޑު އެއްޗެއް." ޝިބާއު ބުންޏެވެ.
ޝިބާއު ބުނީ ރާއްޖޭގެ އެކި އުމުރުފުރާތަކުގެ ޓީމުތަކަށްވެސް ސަރަކާރުން ބޮޑު ހޭދައެއްކުރާ ކަމަށެވެ.
ގައުމީ ޓީމުން އެންމެ އަވަހަށް ކުޅޭ ބައިނަލްއަގުވާމީ މެޗަކީ މި މަހުގެ ފަސްވަނަ ދުވަހު ސިންގަޕޫރާއެކު ކުޅޭ އެކުވެރިކަމުގެ މެޗެވެ. އެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ސިންގަޕޫރުގެ ނެޝަނަލް ސްޓޭޑިއަމްގައެވެ. އެއަށްފަހު ގައުމީ ޓީމުން ކުޅޭނީ އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގައި ޓިމޯ ލެސްޓޭއާ ދެކޮޅަށެވެ. އެ މެޗު އޮންނާނީ މި މަހުގެ 10 ގައި އޮސްޓްރޭލިއާގައެވެ.