ހުޅުމާލޭގައި ޤާއިމުކޮށްފައިވާ މެކޭނިކަލް ޕާކިންގ ސިސްޓަމްތައް އާންމުންނަށް ބޭނުންކުރެވޭގޮތަށް ވަރަށް އަވަހަށް ހުޅުވާލާނެކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
މިއީ މާލެފަހި ޕްރޮގްރާމްގެ ދަށުން، މާލޭގެ ޕާކިންގގެ މައްސަލަ ހައްލުކުރުމަށް ކުރެވޭ މުހިންމު މަސައްކަތެއްކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.
ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރ އަލީ ނިޝާން ވިދާޅުވީ މެކޭނިކަލް ޕާކިން ރެކްތައް އޮޕަރޭޝަނަށް ގެނައުމަށް މަސައްކަތް މިހާރު ކުރަމުންދާކަމަށެވެ. އެގޮތުން ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ހުރި މި ރެކްތައް ދެވަނަ ފިޔަވައްސައް ބަދަލުކުރުމަށް އެޗްޑީސީއާއެކު މަޝްވަރާކުރެވި އަގަކާއި ހަމައަށްވެސް އާދެވުނުކަމަށް ނިޝާން ވިދާޅުވިއެވެ.
ނިޝާން ވިދާޅުވީ މެކޭނިކަލް ޕާކިންގ ސިސްޓަމްތައް ހުރިތަނުން ނަގައިގެން އެހެންތަނަށް ގެންދާނަމަ ވަރަށް ބޮޑު ޚަރަދެއް ހޭދަކުރަންޖެހޭއިރު، ޕާކުރަން އެތަން ބޭނުންކުރާ ފަރާއްތަކަށްވެސް ޕާކުކުރުމަށް ދުރައް ދިޔުމަކީ ފަަސޭހަކަމެއް ނޫންކަމަށެވެ. އެހެންކަމުން އެ މެކޭނިކަލް ޕާކިންގ ސިސްޓަމްތައް އޮޕްރޭޝަނަށް ގެންނާނީ މިހާރުވެސް އެރެކުތައް ހުރިތަންތަނުގައި ބަހައްޓައިގެންކަމަށް ނިޝާން ވިދާޅުވިއެވެ. އަދި މަސައްކަތް ކުރަމުން ދަނީ ވީއެންމެ އަވަހަކަށް އާންމުންނަށް ބޭނުންކުރެވޭ ގޮތަށް ހެދުމަށްކަމަށް ވިދާޅުވިއެވެ.
"މިހާރު ހުރި ތަނުން ނަގައި އެހެންތާކަކަށް ބަދަލުކޮށް އަތުރަން ވެއްޖެކަމުގައިވާނަމަ ވަރަށް ބޮޑު ހަރަދެއް އެެބަދޭ. މިހާރު ހުރި ތަނުން ދުރައް ޖައްސައިފިނަމަ ޕާކުކުރަންވެސް ވަރަށް ދުރައް ދާން ޖެހެނީ" ނިޝާން ވިދާޅުވިއެވެ.
ހަތަރު ފުރޮޅުލީ އުޅަނދުތަކަށް ޚާއްސަކޮށްގެން ހުޅުމާލޭގައި މެކޭނިކަލް ޕާކިންގ ސިސްޓަމްތަކެއް ޤާއިމުކޮށްފައިވަނީ 2017ވަނަ އަހަރުގެ ތެރޭގައެވެ. މިފަދަ 8 ސިސްޓަމެއް ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ އެކި ސަރަޙައްދުތަކުގައި ޤާއިމުކޮށްފައިވާއިރު އެއީ ގާތްގަނޑަކަށް 255 އުޅަނދަކަށް ޕާކުކުރެވޭނެ ޖާގައެވެ. އެހެންނަމަވެސް މިއިން އެއްވެސް ތަނެއް މިއަދާ ހަމައަށް އައިއިރުވެސް އެއްވެސް ވަރަކަށް ބޭނުންނުކުރާކަމީ އާންމުންގެ ބޮޑު ކަންބޮޑުވުމެކެވެ.
މާލޭ ސަރަޙައްދަށް ދިމާވެފައިވާ ޕާކިންގ މައްސަލަ ހައްލުކުރުމަށްޓަކާ ކުރާ މަސައްކަތުގެ ތެރެއިން މެކޭނިކަލް ޕާކިންގ ސިސްޓަމްތައް ބޭނުންކުރަން ފެށުމަށް ތައްޔާރުވަމުންދާއިރު، ހުޅުމާލެއިން ވަގުތީ ޕާކިން ޒޯންގެ ގޮތުގައި 2 ބިމެއް މިހާރުވެސް އަންނަނީ ބޭނުންކުރަމުންނެވެ.