ކުޅިވަރު

އަންޗެލޮޓީއަށް ބްރެޒިލް ކޯޗުކަން ދިން ގޮތް ފީފާއިން ބަލަނީ


އިޓަލީއަށް އުފަން ތަޖުރިބާކާރު ކޯޗު ކާލޯ އަންޗެލޮޓީއަށް ބްރެޒިލްގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަން ދިން ގޮތް ދުނިޔޭގެ ފުޓްބޯޅައިގެ މައި ޖަމުއިއްޔާ، ފީފާއިން ބަލަން ފަށައިފިއެވެ.

ފީފާއިން މިހާރު ބްރެޒިލް ފުޓްބޯޅަ ފެޑަރޭޝަނަށް އަންގާފައިވަނީ މިކަން ހިނގައިދިޔަ ގޮތް އަންނަ ބުދަ ދުވަހުގެ ކުރިން ތަފްސީލުކޮށްދިނުމަށެވެ.

ބްރެޒިލްގެ ކޯޗުކަމަށް އަންޗެލޮޓީ ހަމަޖައްސަން ވާހަކަތައް ފެށީ އޭނާ ރެއާލް މެޑްރިޑުގެ ކޯޗަކަސް ހުއްޓައެވެ. އަދި މިދިޔަ އޭޕްރީލް މަހު ބްރެޒިލްގެ ކޯޗަކަށް ވުމަށް އަންޗެލޮޓީ އެއްބަސްވި ކަމަށް މީޑިޔާތަކުން ވާހަކަ ދައްކަން ފެށި އެވެ. ނަމަވެސް އޭރު އަންޗެލޮޓީ މިކަން ދޮގު ކުރި އެވެ. އޭނާ ބުނަމުންދިޔައީ އެފަދަ އެއްވެސް ކަމެއް ނުހިގާ ކަމަށެވެ. ބްރެޒިލްގެ ފުޓްބޯޅަ ފެޑަރޭޝަނުން އެންމެ ފުރަތަމަ އަންޗެލޮޓީއާ މަޝްވަރާ ކުރީ އޭނާގެ ކޯޗުކަމުގައި އޭސީ މިލާނަށް ކުޅުނު ބްރެޒިލްގެ ފޯވަޑް ރޮނާލްޑޯ ލައްވައެވެ. ސްޕޭނުގައި ދިރިއުޅޭ ރޮނާލްޑޯ މިކަމަށް އެއްބަސްވި ނަމަވެސް އަންޗެލޮޓީ މިކަން ދޮގުކުރި އެވެ.

ފަހުން މި މަޝްވަރާތަކުގައި އުޅުނީ ބްރެޒިލްގެ ވިޔަފާރިވެރިއެއް ކަމަށްވާ ޑިއެގޯ ފެނާންޑޭޒެވެ. ރެއާލް މެޑްރިޑް ކުޅުނު ގިނަ މެޗުތަކުގައި އޭނާ ވަނީ ސަންޓިއާގޯ ބާނަބައު ސްޓޭޑިއަމުގެ ވީވީއައިޕީ ބޮކްސްއިން ފެނިފަ އެވެ. އަދި އަންޗެލޮޓީއާއެކު ބްރެޒިލްއިން ހެދި އެއްބަސްވުމުގައިވެސް އޭނާގެ ނަން ވަނީ ހިމަނާފަ އެވެ. އެކަމަކު މެދުވެރިއެއްގެ ރޯލު އޭނާ ކުޅުނުއިރު ފީފާއަށް މި މައްސަލަ ހުށަހެޅި ފަރާތްތަކުން މައްސަލަ ޖެއްސާފައިބަނީ ފެނާންޑޭޒް އަކީ ފީފާގައި ރަޖިސްޓާ ވެފައިވާ ފުޓްބޯޅަ އެޖެންޓެއް ނޫން ކަމަށް ބުނެއެވެ. ނަމަވެސް ބްރެޒިލްގެ ފުޓްބޯޅަ ފެޑަރޭޝަނުން އަންޗެލޮޓީގެ ސޮއި ހޯދަން އޭނާ އައްޔަންކޮށް، އެއްބަސްވުމެއް ދިން ސަބަބާމެދު ގިނަ ބަޔަކު ވަނީ ސުވާލު އުފައްދައިފަ އެވެ.

އަންޗެލޮޓީ ބްރެޒިލްގެ ކޯޗުކަމާ ހަވާލުވީ އަންނަ އަހަރު އެމެރިކާގައި ބާއްވާ ފީފާ ވޯލްޑް ކަޕުގެ ނިޔަލަށެވެ. އޭނާ އަކީ ދުނިޔޭގެ އެންމެ ކާމިޔާބު ގައުމު ކަމަށްވާ ބްރެޒިލްގެ ގައުމީ ޓީމާ ހަވާލުވި ފުރަތަމަ ބިދޭސީ ކޯޗެވެ.