ކުޅިވަރު

އެންމެ އަގުހުރި ޓީމަކަށް އަނެއްކާވެސް ރެއާލް މެޑްރިޑް


ދުނިޔޭގެ އެންމެ އަގުހުރި ފުޓްބޯޅަ ޓީމަކަށް އަނެއްކާވެސް ރެއާލް މެޑްރިޑް ވެއްޖެއެވެ.

ފޯބްސް މަޖައްލާއިން ބުނާ ގޮތުގައި ރެއާލް މެޑްރިޑުން ވަނީ ފާއިތުވެދިޔަ އަހަރު 6.6 ބިލިއަން ޑޮލަރުގެ ވިޔަފާރިކޮށްފަ އެވެ. އަދި ރެއާލް އަކީ ދުނިޔޭގެ ފުޓްބޯޅަ ކުލަބު ތަކުގެ ތެރެއިން ފުރަތަމަ ފަހަރަށް ބިލިއަން ޑޮލަރުގެ އާމްދަނީ ހޯދި ކުލަބެވެ. ހުސްވި އަހަރުގެ ސީޒަނުގައި އެ ކުލަބުގެ އާމްދަނީ އަކީ 1.13 ބިލިއަން ޑޮލަރެވެ.

ދަނޑުމަތީގެ ނަތީހޖާ ކިތަންމެ ދަށް ކޮށް އުޅުނު ނަމަވެސް މި ލިސްޓުން ދެ ވަނަ ލިބެނީ އިނގިރޭސިވިލާތުގެ މެންޗެސްޓާ ޔުނައިޓެޑަށެވެ. ހުސްވި އަހަރުގެ ސީޒަނުގައި ޔުނައިޓެޑުން ވަނީ 6.6 ބިލިއަން ޑޮލަރުގެ ވިޔަފާރިކޮށްފަ އެވެ. އާމްދަނީ އަކީ 834 މިލިއަން ޑޮލަރެވެ. އިނގިރޭސި ލީގުގައި ހުސްވި އަހަރުގެ ސީޒަން އަށް ވަނާގައި އަދި ނިމުދިޔަ ސީޒަން ޔުނައިޓެޑް ނިންމާލީ 15 ވަނާގަ އެވެ.

ރެއާލްގެ އެންމެ ބޮޑު ވާދަވެރިޔާ ސްޕޭނުގެ ބާސެލޯނާ ހިމެނީ އެންމެ އަގުހުރި ކުލަބުތަކުގެ ލިސްޓުގެ ތިން ވަނާގަ އެވެ. މާލީ ދަތިތަކުގެ ތެރޭގައި އޮތް ނަމަވެސް ބާސެލޯނާ ވަނީ ހުސްވި އަހަރުގެ ސީޒަނުގައި 5.6 ބިލިއަން ޑޮލްރުގެ ވިޔަފާރިކޮށްފަ އެވެ. ލިސްޓުގެ ހަތަރަކާއި ފަހަކަށް އަންނަނީ އިނގިރޭސި ޗެމްޕިއަން ލިވަޕޫލާއި ކުރީގެ ހަތަރު އަހަރުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ އެވެ.

ގަދަ 10ގައި ހިމެނޭ އިނގިރޭސި އެހެން ޓީމުތަކަކީ އާސެނަލް އާއި ޓޮޓެންހަމާއި ޗެލްސީ އެވެ. މީގެ އިތުރުން ދެން ހިމެނެނީ ފްރާންސްގެ ޕީއެސްޖީ އާއި ޖަރުމަނުގެ ޗެމްޕިއަން ބަޔާން މިއުނިކެވެ.

ފޯބްސްއިން ބުނީ ދުނިޔޭގެ އެންމެ ގަދަ 30 ކުލަބުން ހުސްވި އަހަރުގެ ސީޒަނުގައި 72 ބިލިއަން ޑޮލަރުގެ ވިޔަފާރިކޮށްފައި ކަމަށެވެ. މިއީ އެވްރެޖްކޮށް ޓީމަކަށް 2.4 ބިލިއަން ޑޮލަރުގެ ވިޔަފާރި އެވެ. އަދި މިއީ އޭގެ ކުރީ އަހަރާ އަޅާ ބަލާއިރު 5 ޕަސެންޓް އިތުރު އަދަދެކެވެ.