އީރާނުގެ ނިއުކްލިޔަރ މަޝްރޫޢުގެ ކަންކަން ބަލަހައްޓަމުންދާ އދގެ އެޓޮމިކް ހަކަތައާ ބެހޭ ބައިނަލްއަޤުވާމީ އިދާރާ އައިއޭއީއޭ މެދުވެރިކޮށް، އީރާނުން ބައިނަލްްްއަޤްވާމީ މުއާހަދާއަކާ ޚިލާފުވެފައިވާ ކަމަށް ކަނޑައެޅުމަށް ހުޅަނގުގެ ބާރުތަކުން މަސައްކަތް ކުރަމުންދާ ކަމަށް މަސްދަރުތަކުން ބުނެފިއެވެ.
އައިއޭއީއޭއިން ކޮންމެ ތިން މަހަކުން އެއް މަހު އީރާނުގެ ނިއުކްލިޔަަރ މަޝްރޫޢުއާ ގުޅޭ ރިޕޯޓެއް ތައްޔާރު ކޮށް، އެ އިދާރާގެ ބޯޑު ބައްދަލުވުންތަކުގައި އެ ރިޕޯޓު ހުށަހަޅައެވެ. އައިއޭއީއޭގެ ބޯޑުގެ ބައްދަލުވުމެއް ޖޫން މަހުގެ 9ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު އެ ބައްދަލުވުމުގެ ކުރިން މެންބަރު ޤައުމުތަކާއެކު އެންމެ ފަހުގެ ރިޕޯޓުތައް ޙިއްޞާ ކުރުމަށް އައިއޭއީއޭއިން ދަނީ ތައްޔާރުވަމުންނެވެ. މި ރިޕޯޓުތަކުގެ ތެރޭގައި ނިއުލްލިޔަރއާ ގުޅުން ހުރި ކަންކަމުގައި އީރާނުން އެއްބާރުލުންދޭ މިންވަރާއި މިފަދަ އެހެނިހެން މަޢުލޫމާތު ބަޔާން ކޮށްފައިވާ ވަރަށް ތަފްޞީލީ ރިޕޯޓެއް ވެސް ހިމެނެއެވެ. މި ރިޕޯޓަކީ މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި އައިއޭއީއޭގެ ބޯޑުން ނެރުނު ޤަރާރެއްގެ ދަށުން ހުށަހަޅަންޖެހޭ ރިޕޯޓެކެވެ. މި ރިޕޯޓުގައި އީރާނާ ގުޅޭ އައު މަޢުލޫމާތުތައް ޙިއްޞާ ކުރާނެ ކަމަށް ބެލެވެއެވެ.
މި ރިޕޯޓުގައި ހިމަނާނެ ކަމަށް ބެލެވޭ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް، ނިއުލްލިޔަރ ހަތިޔާރު އުފެއްދުން ހުއްޓުވުމާ ގުޅޭގޮތުން ޤާއިމު ކޮށްފައިވާ ބައިނަލްއަޤްވާމީ މުއާހަދާއެއް ކަމަށްވާ ނަން ޕްރޮފިލަރޭޝަން ޓްރީޓީ، އެންޕީޓީ މުއާހަދާއާ އީރާނުން ޚިލާފުވެފައިވާ ކަމަށް ކަނޑައެޅުމަަށް އައިއޭއީއޭއަށް ބައެއް ޤައުމުތަކުން ހިތްވަރުދެމުންދާ ކަމަށް ވަނީ ބެލެވިފައެވެ. އެ ގޮތުން އެ ފަދަ ނިންމުމެއް ނިންމަން އެމެރިކާއާއި އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތާއި ޖަރުމަނުވިލާތުން އައިއޭއީއޭއަށް ފިއްތުންތައް ކުރިމަތިކުރުވަމުންދާ ކަމަށްވެއެވެ. ނިއުލްލިޔަރ މަރުކަޒުތަކުގެ ގޮތުގައި ކަނޑައަޅާފައި ނުވާ ބައެއް ސަރަޙައްދުތަކުން ޔުރޭނިއަމްގެ އަސަރު ފެނިފައިވާތީ، އެއީ މުއާހަދާގެ ޤަވާއިދުތަކާ އީރާނުން ޚިލާފުވެފައިވާ ކަމުގެ ހެއްކެއް ކަމަށް އެ ޤައުމުތަކުން ޤަބޫލު ކުރެއެވެ. އަދި އެ ގޮތަށް އެ ކަން ދިމާވި ސަބަބު ބުނެދިނުމަށް އީރާނުން އަވަސްވެގަންނަން ޖެހޭ ކަމަށް ވެސް އެ ޤައުމުތަކުން ޤަބޫލު ކުރެއެވެ. ވިލާތުގެ އޮފިޝަލަކު ވިދާޅުވީ ތަފްޞީލީ ރިޕޯޓުގައި އައު ވާހަކަތައް ހިމެނޭނެ ކަމަށް ބެލެވޭއިރު، އީރާނުން އެންޕީޓީ މުއާހހަދާއާ ޚިލާފުވެފައިވާ ކަން މިހާރު ވެސް ޔަޤީންވާ ކަމަށެވެ.
އައިއޭއީއޭގެ ތަފްޞީލީ ރިޕޯޓު ނެރުމުން، އެމެރިކާއިން ނުވަތަ ހުޅަނގުގެ ބާރުތައް ގުޅިގެން އީރާނުން އެންޕީޓީގެ ޝަރުތުތަކާ ޚިލާފުވެފައިވާ ކަަމަށް ބަޔާން ކޮށް ޤަރާރެއް ތައްޔާރު ކުރާނެ ކަމަށް ކަމާގުޅޭ މަޢުލޫމާތު އެނގޭ މަސްދަރުތަކުން ބުނެއެވެ. ބޯޑުގައި ހިމެނޭ ޤައުމުތަކާއެކު މަޝްވަރާ ކުރުމަށް ފަހު އެމެރިކާއާއި ފަރަންސޭސިވިލާތާއި އިނގިރޭސިވިލާތާއި ޖަރުމަނުވިލާތުން އެ ޤަރާރު ރަސްމީކޮށް ޖޫން މަހުގެ ބޯޑު ބައްދަލުވުމުގައި ބޯޑަށް ހުށަހަޅާނެއެވެ.
އީރާނުން މުއާހަދާއަކާ ޚިލާފުވެފައިވާ ކަމަށް އައިއޭއީއޭގެ ބޯޑުން އެންމެ ފަހުން ރަސްމީކޮށް ކަނޑައަޅާފައި ވަނީ 2005ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. އައިއޭއީއޭއިން އޭރު އެ ގޮތަށް ކަނޑައަޅާފައި ވަނީ އީރާނާއި އެހެން ޤައުމުތަކާމެދު ބޮޑެތި ދެބަސްވުންތައް އުފެދިފައި ވަނިކޮށެވެ. އެ ދެބަސްވުންތައް އުފެދުނީ ބައިނަލްއަޤްވާމީ މުޖުތަމަޢުއަށް އެންގުމެއް ނެތި އީރާނުން ސިއްރިއްޔާތުގައި ނިއުކްލިޔަރ ޙަރަކާތްތައް ހިނގަމުންދާކަން ހާމަވުމާ ގުޅިގެންނެވެ. އައިއޭއީއޭއާއި އެމެރިކާއިން މިހާރު ޤަބޫލު ކުރާ ގޮތުގައި ނިއުކްލިޔަރ ހަތިޔާރު އުފެއްދުމުގެ ސިއްރު މަޝްރޫޢުއެއް އީރާނުން ހިންގާ، 2003ވަނަ އަހަރުގެ ތެރޭގައި އެ މަސައްކަތް ވަނީ ހުއްޓުމަކަށް ގެނެސްފައެވެ. ނަމަވެސް އީރާނުން ބުނަމުން ދަނީ އެ ޤައުމުން ނިއުކްލިޔަރ ހަތިޔާރު އުފެއްދުމުގެ މަޝްރޫޢުއެއް އެއް އިރެއްގައި ވެސް ނުހިންގާ ކަމަށެވެ. އެ ޤައުމުން ނިއުކްލިޔަރ ޓެކްނޮލޮޖީ ބޭނުން ކުރަމުން ދަނީ ޞުލްޙަވެރި ބޭނުން ތަކަށް ކަމަށް އެ ޤައުމުން އަބަދު ވެސް ދަނީ ބުނަމުންނެވެ.
އައިއޭއީއޭގެ ބޯޑުން 2006ވަނަ އަަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ފާސް ކުރި އެހެން ޤަރާރެއްގެ ދަށުން ވަނީ އީރާނުން މުއާހަދާތަކާ އެއްގޮތަށް ޢަމަލު ނުކުރާ ކަމަށް ބުނާ މައްސަލަ އދގެ ސަލާމަތީ މަޖިލީހަށް ހުށަހަޅާފައެވެ. އެ ފަރަހަރު އެ މަޖިލީހުން ވަނީ އީރާނާ ދެކޮޅަށް ފިޔަވަޅުތައް އަޅައިފައެވެ. މިހާރު ކުރިމަތިވެފައިވާ މައްސަލަ ސަލާމަތީ މަޖިލީހަށް ފޮނުވާނީ ކޮަން ހިސާބަކުން ކަމެއް އަދި ސާފު ނުވާ ކަމަށާއި، އެ މައްސަލައިގައި ސަލާމަތީ މަޖިލީހުން އީރާނާ ދެކޮޅަށް އަޅާނީ ކޮން ކަހަލަ ފިޔަވަޅެއް ކަން ވެސް ސާފު ނުވާ ކަމަށް މަސްދަރުތަކުން ބުނެއެވެ. ޤަރާރު ހުށަހެޅުމާއެކު އެންމެ ފުރަތަމަ ވެސްް އަސަރު ކުރާނީ އެމެރިކާއާއި އީރާނާ ދެމެދު ނިއުކްލިޔަރ މަޝްރޫޢުއާ ގުޅޭ ގޮތުން ކުރަމުންދާ މަޝްވަރާތަކަށް ކަމަށް ބެލެވެއެވެ. އީރާނުގެ އިސް އޮފިޝަލަކު ވިދާޅުވީ އެ ފަދަ ޤަރާރެއް ނެރެފި ނަމަ އެ ޤަރާރުގައިވާ ވާހަކަތަކުގެ މައްޗަށް ބިނާ ކޮށް އީރާނުގެ ނިއުކްލިޔަރ މަސައްކަތްތައް އިތުރު ކުރާނެ ކަމަށް ބެލެވޭ ކަމަށެވެ.
އައިއޭއީއޭގެ ބޯޑުން ފަހުގެ ތާރީޚުގައި ވަނީ ހުޅަނގުގެ ބާރުތަކުން އެ ބޯޑަށް ހުށަހަޅާ ހުރިހާ ޤަރާރެއް ވެސް ފާސް ކޮށްދީފައެވެ. އެހެން ކަމުން ހުޅަނގުގެ ޤައުމުތަކުން މި ޤަރާރު ހުށަހެޅުމުން ބޯޑުން އެ ޤަރާރު ފާސް ކޮށްދޭނެ ކަމާމެދު ސުވާލެއް ނެތެވެ. ނަމަވެސް އެ ޤަރާރަށް ތާއީދު ކުރާނީ ކިތައް ޤައުމުން ކަމެއް ޔަޤީނެއް ނުވެއެވެ. ހުޅަނގުގެ މި ފަދަ ހުށަހެޅުންތަކާ ދެކޮޅަށް އާންމުކޮށް ވޯޓުދޭ ހަމަ އެކަނި ދެ ޤައުމަކީ ރަޝިޔާއާއި ޗައިނާއެވެ.
އީރަނުން މިހާރު ވެސް 60 އިންސައްތަ ސާފު މިނަށް ޔުރޭނިއަމް މުއްސަނދި ކުރަމުންދާއިރު، ހަތިޔާރު އުފެއްދުމަށް ބޭނުންވާ 90 އިންސައްތައިގެ ސާފު މިނަށް ޔުރޭނިއަމް މުއްސަނދި ކުރުމަކީ އެ ޤައުމަށް އުނދަގޫ ކަމަކަށް ނުވާނެއެވެ. އައިއޭއީއޭއިން ލަފާ ކުރާ ގޮތުގައި އީރާނުގެ އަތުގައި މިހާރު ހުރި ޔުރޭނިއަމް އިތުރަށް މުއްސަނދި ކޮށްފި ނަމަ އެ ޤައުމަށް ހަ ނިއުކްލިޔަރ ހަތިޔާރު އުފެއްދޭނެއެވެ.