ޔަހޫދީ ފައުޖުން ސޫރިޔާގެ ހުޅަނގުގެ ރަށްތަކަށް އަމާޒުކޮށް ނުރައްކާތެރި ޙަމަލާތަކެއް ދީފިއެވެ. ޒަޔަނިސްޓު އިސްރާއީލުގެ ފައުޖުން ސޫރިޔާއަށް ޙަމަލާތަކެއް ދީފައި މި ވަނީ، ދެ ޤައުމުގެ ދެމެދުގައި ސުލްޙަ ޤާއިމު ކުރުމަށް ނުރަސްމީ މަޝްވަރާތަކެއް ފަށައިގެން ކުރިއަށް ގެންދާ ދަނޑިވަޅެއްގައެވެ. އަދި، ދެ ފަރާތުގެ ދެމެދުގައި އެއްބަސްވުމެއް އެކުލަވައިލުމުގެ އުންމީދު އޮތް ކަމުގައި އެމެރިކާއިން ދިމިޝްޤަށް ކަނޑައަޅާފައި ހުންނަވާ މަންދޫބު ވިދާޅުވެފައިވާ ވަގުތެއްގައެވެ.
ޔަހޫދީ ފައުޖުގެ ޙަމަލާތައް އަމާޒު ކޮށްފައި ވަނީ ސޫރިޔާގެ ހުޅަނގު ފަރާތު އައްސޭރިފަށުގައި އޮތް އަލް-ލާޛިޤިއްޔާ އަދި ޠަރްޠޫސް ސަރަޙައްދަށެވެ. ސޫރިޔާގެ ދައުލަތުގެ މީޑިޔާއިން ބުނީ، ލާޛިޤިއްޔާއަށް ދީފައިވާ ވައިގެ ޙަމަލާތަކުގައި އެކަކު ޝަހީދު ކޮށްލައި، އިތުރު ތިން މީހުން ޒަޚަމު ކޮށްލާފައިވާ ކަމުގައެވެ. ޠަރްޠޫސަށް ދީފައިވާ ޙަމަލާތަކުގައި މީހުންގެ ފުރާނައަށް ނުރައްކާވެފައިވާ ކަން ސާފެއް ނޫނެވެ. މެޑިޓެރޭނިޔަން ކަނޑުގެ އައްސޭރިފަށުގައި އޮތް ސަރަޙައްދުތަކަށް ޔަހޫދީ ފައުޖުން ވައިގެ ޙަމަލާތަކެއް ދީފައިވާ ކަން ސޫރިޔާގެ މަސްރަޙު ދިރާސާ ކުރާ، ސީރިޔަން އޮބްޒަރވޭޓަރީ ފޯ ހިޔުމަން ރައިޓްސް (އެސްއޯއެޗްއާރު)ން ވެސް ކަށަވަރު ކޮށްދިނެވެ.
ސޫރިޔާގައި މި ވަގުތު ވެރިކަން ކުރަމުންދާ ހަޔިއަތު ތަޙްރީރް އަލް-ޝާމް (އެޗްޓީއެސް)ގެ ސަރުކާރާއި ޒަޔަނިސްޓު އިސްރާއީލާ ދެމެދު ސުލްޙަ ޤާއިމު ކުރުމަށް ނުރަސްމީކޮށް މަޝްވަރާތައް ފަށާފައި ވަނީ މޭ މަހުގެ ކުރީކޮޅުގައެވެ. އެޗްޓީއެސުން ސޫރިޔާގެ ވެރިކަން ފޭރިގަނެ، އައު ސަރުކާރެއް ޤާއިމު ކޮށްފައި ވަނީ 2024ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 8ވަނަ ދުވަހުއެވެ.
ޔަހޫދީ ފައުޖުން ސޫރިޔާގެ ހުޅަނގުގެ ރަށްތަކަށް އެންމެ ފަހުން ދީފައިވާ ޙަމަލާތައް އަމާޒު ކޮށްފައި ވަނީ ޢާންމުން ދިރިއުޅޭ ސަރަޙައްދުތަކަށް ކަމުގައި ބެލެވޭއިރު، ޔަހޫދީ ފައުޖުން ވަނީ އެއީ ހަތިޔާރު ގުދަންތަކަކަށް އަމާޒުކޮށް ދީފައިވާ ޙަމަލާތަކެއް ކަމުގައި ބުނެފައެވެ. އަދި، އެ ޙަމަލާތަކުގައި ނުރައްކާތެރި މިސައިލްތަކެއް ނައްތައިލާފައިވާނެ ކަމުގައި ވެސް ޔަހޫދީ ފައުޖުން ބުންޏެވެ.
ޔަހޫދީ ފައުޖުން ލާޛިޤިއްޔާއާއި ޠަރްޠޫސަށް ޙަމަލާ ދީފައި މި ވަނީ، އެމެރިކާއިން ދިމިޝްޤަށް ކަނޑައަޅާފައި ހުންނަވާ މަންދޫބު ތޮމަސް ބަރާކް ދިމިޝްޤަށް ކުރެއްވި ދަތުރުފުޅެއް ނިންމަވައިލެއްވިތާ އެއް ދުވަސް ފަހުންނެވެ. ބަރާކް ދިމިޝްޤަށް ވަޑައިގަންނަވާފައި ވަނީ އެޗްޓީއެސްގެ ސަރުކާރާ އެކު ދޭދޭ ގުޅުންތައް ބަދަހި ކުރުމާ ގުޅޭ ގޮތުން މުހިންމު މަޝްވަރާތަކެއް ބޭއްވެވުމަށެވެ.
ޒަޔަނިސްޓުންނާއި ސޫރިޔާއާ ދެމެދު އޮތް ހަމަނުޖެހުންތަކަށް ސުލްޙަވެރި ޙައްލެއް ހޯދޭނެ ކަމަށް ޤަބޫލު ކުރައްވާ ކަމުގައި އޭނާ ދެކެވަޑައިގަންނަވައެވެ. "އަޅުގަނޑު ދަންނަވާނީ، [މަޝްވަރާތައް] ފަށަން ޖެހޭނީ ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލުމުގެ އެއްބަސްވުމަކުންނޭ، ސަރަޙައްދީ ރޮނގާ ގުޅޭ މަޝްވަރާތައް ފަށަން ވާނީ އެއަށް ފަހުންނޭ،" އޭނާ ވިދާޅުވިއެވެ.
1948ވަނަ އަހަރުގެ ޢަރަބި-އިސްރާއީލް ހަނގުރާމައަށް ފަހު އެ ދެ ޤައުމުގެ ދެެމެދުގައި ރަސްމީ ހައިސިއްޔަތަކުން ސުލްޙަ ޤާއިމު ކޮށްފައެއް ނެތެވެ. އެއަށް ފަހު، 1967ވަނަ އަހަރު ޔަހޫދީން ކުރި ހަނގުރާމައާ އެކު ދެ ޤައުމުގެ ދެމެދުގައި އޮތް ހަތުރުވެރިކަން އެތަކެއް ގުނައަކަށް އިތުރުވެގެން ދިޔަ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ. އެ ހަނގުރާމައިގެ ތެރެއިން ޔަހޫދީން ވަނީ ސޫރިޔާގެ އަލް-ޖޫލާންގެ އުސް ބިންތަކަށް އަތްގަދަ ކޮށްފައެވެ. މިހާރު ވެސް އެ ސަރަޙައްދު އޮތީ ޔަހޫދީންގެ އަތްދަށުގައެވެ.
ސޫރިޔާގެ ކުރީގެ ރައީސް ބައްޝާރް އަލް-އަސަދުގެ ވެރިކަމުގެ ދުވަސްވަރު ވެސް ޔަހޫދީ ފައުޖުން ވަނީ ސޫރިޔާގެ ސިޔާދަތީ މިނިވަންކަމާއި އިސްތިޤުލާލަށް އަރައިގަނެ، އެ ޤައުމަށް ނުރައްކާތެރި ޙަމަލާތަކެއް ދީފައެވެ. އަސަދުގެ ވެރިކަން ނިމުމަކަށް އައުމުގެ ކުޑަ ދުވަސްކޮޅެއް ކުރިން ޔަހޫދީ ފައުޖުން ވަނީ ސޫރިޔާގެ އިތުރު ބިންތަކެއް ފޭރިގަނެފައެވެ. ޔަހޫދީން ވެސް ޤަބޫލު ކުރާ ގޮތުގައި، އަސަދުގެ ސަރުކާރު ވައްޓައިލި އެޗްޓީއެސަކީ ނިރުބަވެރި ޖަމާޢަތެކެވެ.
އެޗްޓީއެސާއި ޔަހޫދީންނާ ދެމެދު ސުލްޙަ ޤާއިމު ކުރުމަށް އެންމެ ބޮޑަށް ބާރު އަޅުއްވަމުން ގެންދަވަނީ ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕެވެ. މޭ މަހުގެ ތެރޭގައި ސަޢޫދީ ޢަަރަބިއްޔާއަށް ކުރެއްވި ދަތުރުފުޅެއްގެ ތެރެއިން ޓްރަމްޕް ވަނީ އެޗްޓީއެސް ސަރުކާރުގެ ރައީސް އަޙްމަދު އަލް-ޝަރާޢާ ބައްދަލު ކުރައްވާފައެވެ. އަދި، ޒަޔަނިސްޓު އިސްރާއީލާ އެކު ސުލްޙައިގެ އެއްބަސްވުމެއް އެކުލަވައިލުމަށް ޝަރާޢަށް ބާރު އަޅުއްވާފައެވެ.