މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށުން އައިނު ހެއްދުމުގެ ޚިދުމަތް ފަށަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ. ރައީސް މިކަން އިއުލާންކުރެއްވީ ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ އާސަންދައިގެ ދަށުން އައިނު ހެއްދުމަށް ދޭ އެހީ ބޮޑުކޮށްދިނުމަށް ރިޔާސީ އިންތިޚާބުގެ ދުވަސްވަރު ވަރަށް ގިނަ ރައްޔިތުން އެދިފައިވާ ކަމަށެވެ. އެކަން ކުރެވޭނެ ގޮތްތަކެއް ބެއްލެވުމަށްފަހު އަންނަ ޖޫން މަހުން ފެށިގެން އައިނު ހެއްދުމަށް އާސަންދައިން ދޭ 1000 ރުފިޔާގެ އެހީގެ ބަދަލުގައި 2000 ރުފިޔާ ދިނުމަށް ނިންމަވާފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އާސަންދައިގެ އަގަށް ބަދަލު ގެނައުމުން ބައެއް ފަރާތްތަކުން އޭގެ ނާޖާއިޒު ފައިދާ ނަގަން މަސައްކަތްކޮށްފާނެކަން ފާހަގަކުރައްވައި ރައީސް ވަނީ އެ ފުރުޞަތު ނުދެއްވާނެކަމަށް ވިދާޅުވެފައެވެ. އަދި އެކަން ކަށަވަރު ކުރުމަށް މާލެސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށުން ހިންގާ ސަރުކާރު ހޮސްޕިޓަލުތަކުގައި އައިނު ހެއްދުމުގެ ޚިދުމަތް ދޭން ފަށަން ނިންމަވާފައިވާާ ކަމަށާއި އެއަށްފަހު، ޕްރައިވެޓް ވިޔަފާރިތަކަށްވެސް ކޮލިޓީ ރަނގަޅު އައިނު ހެޔޮ އަގުގައި ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.
"ޕްރައިވެޓް ސެކްޓަރގައި އައިނު ވިޔަފާރި ކުރާ މީހުން ކިތަންމެ ހިތްހަމަ ނުޖެހުނަސް އަޅުގަނޑުގެ މައްސަލައެއް ނެތް. އަޅުގަނޑަށް މުހިންމީ ވިޔަފާރިވެރިން ރައްޔިތުންނަށް ދެރަނިކަމެތިކަން ދިނުމުގެ އާދަ މި ޤައުމުން ފިލުވައިލުން. އެހެންވެ މި ދެންނެވީ ސިނގިރޭޓް ބިޒްނަސްވެސް ހުއްޓާލާފައި އެހެން ކަމަކަށް ވަޑައިގަންނަވާށޭ. އަޅުގަނޑަށް މުހިންމީ ރައްޔިތުންގެ ސިއްޙަތު. ދެން ޕްރައިވެޓް ސެކްޓަރގައި މަސައްކަތް ކުރާ ފަރާތްތައްވެސް ޖެހޭނީ އައިޖީއެމްއެޗާ ވާދަކުރަން" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ސިއްޙީ ދާއިރާ ތަރައްގީ ކުރެއްވުމަކީ އެމަނިކުފާނުގެ އެންމެ އިސްކަންދޭ ދެވަނަ ސިޔާސަތު ކަމަށާއި އެއީ ހުރިހާ ދާއިރާއަކާވެސް ގުޅިލާމެހިފައިވާ ދާއިރާއެއް ކަމަށެވެ. އަދި އިންސާނީ ވަސީލަތްތަކާއި އުމްރާނީ ވަސީލަތްތައް ތަރައްގީކޮށް ވަށައިޖެހޭ ތަރައްގީއެއް ގެންނަވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ޞިއްޙީ ޚިދުމަތް ހޯދުމަށް ބުރަ އުފުލާފައި ރާއްޖެއިން ބޭރަށް ކުރަންޖެހޭ ދަތުރުތައް ނިމުމަކަށް ގެނެސް ޤައުމުގައި ތިބެގެން އެންމެމަތީ ފެންވަރުގެ ޞިއްޙީ ފަރުވާ ލިބޭނެގޮތް ހެދުމަށްވެސް ގިނަ މަސައްކަތްތަކެއް ކުރައްވަމުން އަންނަކަންވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.