ޚަބަރު

ޖީއެޗްއެފްގެ މަރުކަޒަކަށް އެހީ ބަލައި ދިޔަ 20 މީހުން ޝަހީދު ކޮށްލައިފި


ފަލަސްޠީނުގެ ޣައްޒާގައި ހައިހޫނުގައި ޖައްސާފައިވާ މީހުންނަށް ކާބޯތަކެތި ފޯރުކޮށްދިނުމުގެ މަސައްކަތް ޔަހޫދީންގެ އަތްދަށަށް ގެންދިޔުމަށް އުފައްދާފައިވާ ޣައްޒާ ހިޔުމެނިޓޭރިޔަން ފައުންޑޭޝަން (ޖީއެޗްއެފް)ގެ މަރުކަޒެއް ކައިރިއަށް އެހީ ހޯދުމަށް ޖަމާވި މީހުންނަށް ޔަހޫދީ ފައުޖުން ޙަމަލާދީ، އޭގެ ތެރެއިން 20 މީހުން ޝަހީދު ކޮށްލައިފިއެވެ. ޔަހޫދީ ފައުޖުން ޙަމަލާ ދީފައި ވަނީ، ޣައްޒާގެ އުތުރާއި ދެކުނު ވަކި ކުރުމަށް ޤާއިމު ކޮށްފައިވާ ނެޓްޒަރީމް ޗެކްޕޮއިންޓް ކައިރީގައި ޤާއިމު ކޮށްފައިވާ ޖީއެޗްއެފްގެ އެހީ ބަހާ މަރުކަޒު ކައިރިއަށް ޖަމާވި ޢާންމުންނަށެވެ.

މިއީ، ޖީއެޗްއެފުން އެހީ ބަހާ މަރުކަޒުތައް ކައިރިއަށް ޣައްޒާގައި ހައިހޫނުގައި ޖައްސާފައިވާ މީހުން ޖަމާ ކުރުމަށް ފަހު، ޔަހޫދީ ފައުޖުގެ ނިރުބަވެރި ސިފައިން އެ މީހުންނަށް ޙަމަލާދީ، ގިނަ އަދަދެއްގެ ބަޔަކު ޝަހީދު ކޮށްލާފައިވާ ފުރަތަމަ ފަހަރެއް ނޫނެވެ. ޣައްޒާގެ އެންމެ ދެކުނުން އޮތް ރަފަޙްގައި ޖީއެޗްއެފުން ޤާއިމު ކޮށްފައިވާ އެހީ ބަހާ ދެ މަރުކަޒު ކައިރިއަށް ޖަމާވީ މީހުންނަށް ޔަހޫދީ ފައުޖުން ވަނީ ޙަމަލާ ދީފައެވެ. އަދި، އޭގެ ތެރެއިން 10 މީހުން ޝަހީދު ކޮށްލައި، 46އަށްވުރެ ގިނަ މީހުން ޒަޚަމު ކޮށްލާފައެވެ.

ޣައްޒާގެ ރައްޔިތުންނަށް ކާބޯތަކެތި ފޯރުކޮށްދިނުމުގެ މަސައްކަތް ޔަހޫދީންނާއި އެމެރިކާ ގުޅިގެން އުފައްދާފައިވާ ޖީއެޗްއެފްގެ އަތްދަށަށް ގެންގޮސްފައިވާއިރު، އެކުވެރި ދައުލަތްތައް (އދ)ން ބުނީ، ޖީއެޗްއެފްގެ މަރުކަޒުތަކުން ކާބޯތަކެތި ހޯދުން ނޫން އިތުރު ގޮތެއް ޣައްޒާގައި ހައިހޫނުގައި ޖައްސާފައިވާ މީހުންނަށް މި ވަގުތު ނެތް ކަމުގައެވެ. އަދި، ދުނިޔޭގައި މި ވަގުތު ހައިހޫނުގައި ޖެހިފައިވާ އެންމެ ގިނަ އަދަދެއްގެ މީހުން ތިބީ ޣައްޒާގައި ކަމުގައި އދން ބުންޏެވެ.

އިންސާނީ އެހީގެ އިންތިޒާމުތައް ހަމަޖައްސާ އދގެ އިދާރާ (އޯސީއެޗްއޭ)ގެ ތަރުޖަމާނު ޔެންސް ލެޔާކް ވިދާޅުވީ ޣައްޒާގައި އާބާދީގައި ހިމެނޭ 2.3 މިލިޔަން މީހުންގެ %100 މީހުންނަށް މި ވަގުތު ކާބޯތަކެތި ލިބޭނެ މަގެއް ނެތް ކަމުގައެވެ. އަދި، އެ އެންމެން ހައިހޫނުގައި ޖެހިފައިވާ ކަމަށް ޤަބޫލު ކުރަން ޖެހޭ ކަމުގައެވެ. ޣައްޒާއަށް އެތެރެ ކުރުމަށް ޔަހޫދީ ފައުޖުން ފުރުޞަތު ދީފައި ވަނީ ވަރަށް މަދު އަދަދެއްގެ ކާބޯތަކެތި ކަން ފާހަގަ ކުރައްވައި، އޭނާ ވަނީ ޔަހޫދީންގެ އެ ޖަރީމާ ކުށްވެރި ކުރައްވާފައެވެ.

"އެހީ ބެހުމަށް އަޅުގަނޑުމެން ބޮޑު އޮޕަރޭޝަނެއް އޮތީ ތައްޔާރު ކޮށްފައި، ނަމަވެސް އަޅުގަނޑުމެންގެ އަތްފައިގައި ވަނީ ކަސްތަޅު އަޅުވާފައި، މިއީ އެހީ ބެހުމުގެ އޮޕަރޭޝަނަކަށް ދުނިޔޭގައި މި ވަގުތު، އަދި ފަހުގެ ތާރީޚެއްގައި ކުރިމަތި ކޮށްފައި އޮތް އެންމެ ބޮޑު ހުރަސް،" އޭނާ ވިދާޅުވިއެވެ. މި ވަގުތު ޣައްޒާއަށް ކާބޯތަކެތި އެތެރެ ކުރުމުގެ ފުރުޞަތު ހަމައެކަނި ދީފައި ވަނީ ޔަހޫދީންނާއި އެމެރިކާއިން އުފައްދާފައިވާ ޖީއެޗްއެފަށް ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

ޖީއެޗްއެފުން އެހީ ބެހުމުގެ ކަންކަން ވިލަރެސް ކުރަމުން ދަނީ އެއްވެސް އިންސާނިއްޔަތު ކަމެއް ނެތި ކަން ފާހަގަކޮށް އދގެ އިދާރާތަކާއި އެހީދޭ ބައިނަލްއަޤްވާމީ ޖަމުޢިއްޔާތަކުން ވަނީ ޖީއެޗްއެފާ ގުޅިގެން މަސައްކަތް ކުރުމަށް އިންކާރު ކޮށްފައެވެ. އދން ޤަބޫލު ކުރާ ގޮތުގައި، ޣައްޒާގެ ރައްޔިތުންނަށް ކާބޯތަކެތި ބެހުމުގެ މަސައްކަތް ޔަހޫދީންގެ އަތްދަށު ކޮށްފައި ވަނީ، ޣައްޒާގެ ރައްޔިތުން ވަޒަނުން ބޭރުކޮށް، އެ މީހުންގެ ބިންތައް ފޭރިގަތުމުގެ ހީލަތްތެރި ރޭވުމުގެ ދަށުންނެވެ. އެހީ ބަލައިދާ ގިނަ އަދަދެއްގެ ބަޔަކު އެ މީހުންގެ ޢާއިލާތައް ކައިރިއަށް އެނބުރި ދިޔުމުގެ ފުރުޞަތު ޔަހޫދީ ފައުޖުން ނުދޭ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުންޏެވެ. އަދި، އޭގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކު ވީނުވީއެއް ނާންގައި ގެއްލުވައިލަމުންދާ ކަމުގައި ވެސް އެ ފަރާތްތަކުން ބުންޏެވެ.

ޖީއެޗްއެފުން އެހީ ބެހުމުގެ ނަމުގައި ހިންގަމުންދާ ޖަރީމާތައް ކުށްވެރި ކުރައްވާފައިވާ އެއް ބޭފުޅަކީ، ޞިއްޙީ ފަރުވާ ފޯރުކޮށްދޭ ބައިނަލްއަޤްވާމީ ޖަމުޢިއްޔާ، ޑޮކްޓަރސް ވިތުއައުޓް ބޯޑަރސް (އެމްއެސްއެފް)ގެ ވެރިޔާ ކްރިސްޓޮފަރ ލޮކްޔިއަރއެވެ. "ވަރަށް ފަރުވާކުޑަ އަދި ނުރައްކާތެރި ރޭވުމެއްގެ ދަށުން، ކާބޯތަކެއްޗަށް އެންމެ ބޮޑަށް ބޭނުން ޖެހިފައިވާ މީހުންނަށް އެ ތަކެތި ފޯރުކޮށްދެމުން ނުދޭ، އިސްރާއީލުގެ ފައުޖުން އެހީ ބަހަމުން ދަނީ އެ މީހުން ބޭނުންވާ ބަޔަކަށް އެކަނި،" އޭނާ ވިދާޅުވިއެވެ. އެހީއަށް ޖެހިފައިވާ އުމޫރުންނާއި ޚާއްޞަ އެހީއަށް ބޭނުންވާ މީހުން ކާބޯތަކެތިން މަޙްރޫމު ކުރުވާފައިވާ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.