ޚަބަރު

ތަރައްޤީގެ ދާއިރާއިން ރާއްޖެއާއި ތަޖިކިސްތާނުން ގުޅުން ބަދަހިކުރުމަށް މަޝްވަރާކޮށްފި


  • ދަނޑުވެރިކަމުގެ ދާއިރާއިން އެއްބާރުލުން ދިނުން ހަރުދަނާކުރުމަށް މަޝްވަރާ ކުރެއްވި

  • ފަތުރުވެރިކަމުގެ ދާއިރާއިން އެއްބާރުލުން ދިނުން ހަރުދަނާކުރުމަށް މަަޝްވަރާ ކުރެއްވި

މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކާއި، ދެމެހެއްޓެނިވި ތަރައްޤީގެ ދާއިރާއިން ދޭދޭ ގުޅުން ބަދަހިކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ހުސައިން މުޙައްމަދު ލަތީފާއި ތަޖިކިސްތާނުގެ ބޮޑުވަޒީރު މަޝްވަރާކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ތަޖިކިސްތާނަށް މިހާރު ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން އެ ޤައުމުގެ ބޮޑުވަޒީރުު ޤަހީރު ރަސޫލްޒޮދާގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވާފައެވެ. އެމަނިކުފާނުގެ މި ދަތުރުފުޅަކީ "ހައި-ލެވެލް އިންޓަރނޭޝަނަލް ކޮންފަރަންސް އޮން ގްލޭޝިއަރސް ޕްރިޒަރވޭޝަން" ގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ތަޖިކިސްތާނަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅެކެވެ.

މި ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި ބޮޑުވަޒީރު ވަނީ ދޭދޭ ގުޅުން ބަދަހިކުރުމާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ. އަދި ރާއްޖެއަކީ މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ ނުރައްކާ އެންމެ ބޮޑު އެއް ޤައުމަށް ވާއިރު، ކަނޑުގެ ލޮނުގަނޑު އުފުލުމަކީ ސީދާ ގޮތުން އޮތް ނުރައްކަލެއް ކަމަށް ދެ ބޭފުޅުންވެސް ފާހަގަކުރެއްވިއެވެ.

މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކާ ބެހޭ ގޮތުންނާއި، ދެމެހެއްޓެނިވި ތަރައްޤީގެ ދާއިރާއިން ދޭދޭ ގުޅުން އިތުރަށް ބަދަހިކުރުމުގެ ޝައުގުވެރިކަން ދެބޭފުޅުންވެސް ވަނީ މި ބައްދަލުކުރެއްވުމުގައި ފާޅުކުރައްވާފައެވެ.

ދެގައުމުގެ މެދުގައި، ދަނޑުވެރިކަމުގެ ދާއިރާއިން އެއްބާރުލުން ދިނުން ހަރުދަނާކޮށް އެގުޅިން އިތުރަށް ރަނގަޅުކުރުމުގެ މުހިންމުކަމުގެ މައްޗަށްވެސް މި ބައްދަލުކުރެއްވުމުގައި ވަނީ އަލިއަޅުއްވާލައްވާފައެވެ. އަދި ތަޖިކިސްތާނުން ފަތުރުވެރިކަމުގެ ދާއިރާއިން ބައިނަލްއަޤުވާމީ ފެންވަރުގެ ލީޑަރެއްގެ ގޮތުގައި ރާއްޖެ ބަލައިގަންނަކަމުގައި ވިދާޅުވެ، ފަތުރުވެރިކަމުގެ ދާއިރާ ތަރައްޤީކުރުމުގެ ޝައުގުވެރިކަން އެ ޤައުމުގެ ބޮޑުވަޒީރު ވަނީ ފާޅުކުރައްވައިފައެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި ތަޖިކިސްތާނުގެ ބޮޑުވަޒީރު ވަނީ، ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކޮށް، ދެޤައުމަށްވެސް ފައިދާހުރި ދާއިރާތަކުގައި އެކުގައި މަސައްކަތް ކުރައްވާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.