ސާޖިއޯ ކޮންސެސާއޯ ވަކިކޮށް އޭސީ މިލާނުގެ ކޯޗުކަން މަސިމިލާނޯ އަލެގްރީއަށް ދޭން ނިންމައިފިއެވެ.
އެންމެ ހަތް މަސް ދުވަހަށް ފަހު ކޮންސެސާއޯ މަގާމުން ވަކި ކުރީ ހުސްވި ސީޒަނުގެ އިޓާލިއަން ލީގުގެ ނަތީޖާ ގޯސްވުމުންނެވެ. އޭސީ މިލާނަށް ލީގު ނިންމާލެވުނީ ތާވަލުގެ އަށްވަނައިގައެވެ. މިހެންވެ އެ ޓީމަށް އަންނަ ސީޒަނުގެ ޔޫރަޕުގެ މުބާރާތްތަކުން ޖާގަ އެއް ނެތެވެ. ކުލަބުން ކޮންސެސާއޯއާ މެދު ހިތްހަމަ ނުޖެހުނު މައިގަނޑު ސަބަބަކީ ވެސް މިއީ އެވެ.
އޭނާ ވަނީ މަގާމާ ހަވާލުވިތާ ހަފުތާއެއްގެ ތެރޭގައި އިޓާލިއަން ސުޕަ ކަޕް މިލާނަށް ކާމިޔާބުކޮށްދީފަ އެވެ. އެއީ ސައޫދީ އަރަބިއާގައި ކުޅުނު ފައިނަލް މެޗުގައި އިންޓަ މިލާން ބަލިކޮށްފަ އެވެ. މި ކާމިޔާބީ އަށް ފަހު މިލާނުގެ ކުޅުން ދަށްވިއިރު އެންމެ ވާދަވެރި އިންޓަމިލާން ސީޒަން ނިންމާލީ ވަރަށް ވާން ކުރުމަށް ފަހު އިޓާލިއަން ލީގުގެ ދެ ވަނާގަ އެވެ. އަދި އިންޓަ ވަނީ ޔޫރަޕުގެ އެންމެ ޝަރަފުވެރި މުބާރާތް ކަމަށްވާ ޗެމްޕިއަންސް ލީގުގެ ފައިނަލަށް ވެސް ހޮވިފަ އެވެ.
ކޮންސެސާއޯ ވަކި ކުރުމަށް ފަހު މިލާނުން ވަނީ އޭނާ އާއި އޭނާގެ ކޯޗިން ޓީމަށް ޝުކުރު އަދާކޮށްފަ އެވެ. ބަދަލުގައި ކޯޗަކަށް ގެނައުމަށް ނިންމާފައިވަނީ ތިން އަހަރުގެ ކޮންޓްރެކްޓެއްގެ ދަށުން އެ ޓީމުގެ ކުރީގެ ކޯޗު އަލެގްރީ އެވެ. އޭނާ ވަނީ 2010 އިން 2014 އަށް އޭސީ މިލާނަށް ކޯޗުކޮށްދީފަ އެވެ. އޭގެ ފަހުން ދެ ފަހަރެއްގެ މަތީން ޔުވެންޓަސް އަށް ކޯޗުކޮށްދީފައިވެ އެވެ.
އުމުރުން މިހާރު 57 އަހަރުގެ އަލެގްރީ ފާހަގަ ވެފައިވަނީ އިޓަލީގައި ކާމިޔާބު ކޯޗެއްގެ ގޮތުގަ އެވެ. އޭނާ ވަނީ ޖުމުލަ ހަ ފަހަރު އިޓާލިއަން ލީގު ކާމިޔާބުކޮށްފަ އެވެ. މީގެ ތެރޭގައި ހިމެނެނީ އޭސީ މިލާނަށް ހޯދައިދިން އެއް ތައްޓާއި ވިދިވިދިގެން ޔުވެންޓަސް އަށް ކާމިޔާބުކޮށްދިން ފަސް ތައްޓެވެ. ޔުވެންޓަސްގެ ކޯޗުކަމުން އޭނާ މިދިޔަ އަހަރު ވަކިކުރީ އަހުލާގީ މައްސަކަތަކެއްގަ އެވެ.