ފަލަސްޠީނުގެ ޣައްޒާގެ އުތުރުގައި މި ވަގުތު ޞިއްޙީ ފަރުވާގެ ޚިދުމަތްތައް ދެމުންދާ ހަމައެކަނި ހަސްފަތާލު ކަމުގައިވާ އަލް-ޢަވްދާ ހަސްފަތާލު ބަންދު ކުރުމަށް ޔަހޫދީން އަމުރު ކޮށްފިއެވެ. މިއީ، ޣައްޒާގެ އުތުރުގެ ސަރަޙައްދުތަކުގައި ދިރިއުޅޭ ރައްޔިތުން ޒަރޫރީ ޚިދުމަތްތަކުން މަޙްރޫމުކޮށް، އަމިއްލަ ވަޒަން ދޫކޮށް، އެ ސަހަރުގެ ދެކުނުގެ ސަރަޙައްދުތަކަށް ބަދަލުވުމަށް މަޖުބޫރު ކުރުވުމުގެ ހީލަތްތެރި ރޭވުމުގެ ދަށުން ހިންގާ ޖަރީމާއެކެވެ.
ޢަވްދާ ހަސްފަތާލު ބަންދު ކުރުމަށް އަމުރު ކުރުމަށް ފަހު ޔަހޫދީ ފައުޖުގެ ނިރުބަވެރި ސިފައިން ދަނީ އަސްކަރީ ޓޭންކުފަހަރު ފަދަ ބަރުހަތިޔާރު ބޭނުން ކޮށްގެން އެ ހަސްފަތާލު ހުރި ސަރަޙައްދަށް ނުރައްކާތެރި ޙަމަލާތައް އަމާޒު ކުރަމުންނެވެ. އެ ތަނުގައި މި ވަގުތު ވެސް ގިނަ އަދަދެއްގެ ބަޔަކަށް ދަނީ ފަރުވާ ދެމުންނެވެ. ނަމަވެސް، ޔަހޫދީންގެ އަމުރާ އެކު، އެ ތަނުގައި ތިބި ބަލިމީހުން އެހެން ހަސްފަތާލުތަކަށް ބަދަލު ކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ.
ޢަވްދާ ހަސްފަތާލު ބަންދު ކުރުމަށް އަމުރު ކުރުމަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފަށް ޔަހޫދީން ކޮށްފައިވާ އަމުރެއްގެ ގޮތުގައި ޣައްޒާގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ސިފަކުރިއެވެ. 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހު ޣައްޒާގެ ރައްޔިތުންގެ ނަސްލު ނައްތައިލުމަށް ޔަހޫދީ ފައުޖުން ފެށި ޤަތުލުޢާންމުގެ ދަށުން އެ ސަހަރުގެ ހަސްފަތާލުތަކަށް ވަނީ ނުރައްކާތެރި ޙަމަލާތަކެއް ދީފައެވެ. އަދި، އެ ސަހަރުގެ ޞިއްޙީ ނިޒާމު ވަނީ ބަލިކަށި ކޮށްލާފައެވެ.
ޣައްޒާގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުނީ، ޢަވްދާ ހަސްފަތާލު ބަންދު ކުރުމަކީ، ޣައްޒާގެ އުތުރުގައި އޮތް ޣައްޒާ ސިޓީގެ އުތުރާއި އިރުމަތީގެ ސަރަޙައްދުތަކުގައި ދިރިއުޅޭ ރައްޔިތުން ޞިއްޙީ ފަރުވާއިން މަޙްރޫމު ކުރުވުމަށް ހިންގާފައިވާ ޖަރީމާއެއް ކަމުގައެވެ. ޣައްޒާގެ އުތުރުގެ ރަށްތަކުގައި ދިރިއުޅޭ ރައްޔިތުން ވަޒަނުން ބޭރުކޮށް، އެ މީހުންގެ ބިންތައް ފޭރިގަތުމަކީ ޔަހޫދީންގެ މައިގަނޑު އަމާޒެކެވެ.
"ޣައްޒާގެ ޞިއްޙީ ނިޒާމު ރައްކާތެރިކޮށްދީ، ބައިނަލްއަޤްވާމީ އަދި އިންސާނިއްޔަތު ކަމާ ބެހޭ ޤާނޫނުތައް ނަގަހައްޓަން ޣައްޒާގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ކަމާގުޅޭ ހުރިހާ ފަރާތްތަކަށް ގޮވައިލަން،" އެ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުންޏެވެ. ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ (ޑަބްލިޔުއެޗްއޯ)ން ބުނީ، ޢަވްދާ ހަސްފަތާލުގައި މި ވަގުތު ވެސް 79 މީހުން ތިބި ކަމުގައެވެ. އޭގެ ތެރޭގައި 13 ބަލިމީހުން ހިމެނެއެވެ. އެ މީހުން އެހެން ހަސްފަތާލުތަކަށް ބަދަލު ކުރުމަށް އެކުވެރި ދައުލަތްތައް (އދ)ން ދަނީ މަސައްކަތް ކުރަމުންނެވެ.
"[ޔަހޫދީންގެ ޙަމަލާތަކުގައި] މަގުތައް ސުންނާފަތި ކޮށްލާފައިވުމާ އެކު އެ ހަސްފަތާލުގައި ހުރި ޞިއްޙީ ފަރުވާގެ ސާމާނު އެހެން ތަނަކަށް ބަދަލު ކުރުމަށް ވަނީ ހުރަސް އެޅިފައި. އަލް-ޢަވްދާ ބަންދު ކުރުމާ އެކު، ޣައްޒާގެ އުތުރުގައި ޞިއްޙީ ފަރުވާ ހޯދޭނެ އެއްވެސް ގޮތެއް ދެން ނޯންނާނެ—އެ ކަނޑައިލީ މީހުންގެ ފުރާނަ ސަލާމަތް ކުރެވެން އޮތް ހަމައެކަނި މަގު،" ޑަބްލިޔުއެޗްއޯން ބުންޏެވެ. ޣައްޒާގެ ޞިއްޙީ ނިޒާމާއި ޞިއްޙީ ޚިދުމަތްތެރިން ޙިމާޔަތް ކޮށްދިނުމަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ޑަބްލިޔުއެޗްއޯން ވެސް ވަނީ ބައިނަލްއަޤްވާމީ މުޖުތަމަޢަށް ގޮވައިލާފައެވެ.
ޔަހޫދީ ފައުޖުގެ ނިރުބަވެރި ޙަމަލާތަކުގައި ޣައްޒާގެ ޞިއްޙީ ޚިދުމަތްތެރިން ޝަހީދު ކޮށްލުމަށް ގަސްދުގައި އެތަކެއް ފަހަރަކު ޙަމަލާތައް އަމާޒުކޮށްފައިވެއެވެ. އަދި، އެ ޙަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ ޑޮކްޓަރުންނާއި، ނަރުހުންނާއި އެހެނިހެން ޞިއްޙީ ޚިދުމަތްތެރިންގެ އަދަދު 1,400އަށް އުފުލިފައިވާ ކަމުގައި ޣައްޒާގެ އިދާރާތަކުން ހާމަކުރިއެވެ.
ޢަވްދާ ބަންދު ކުރުމަށް ޔަހޫދީން އަމުރު ކޮށްފައި މި ވަނީ، ޣައްޒާގައި ހައިހޫނުުގައި ޖައްސާފައިވާ 2.1 މިލިޔަނެއްހާ މީހުންނަށް ކާބޯތަކެތި ފޯރުކޮށްދިނުމުގެ ހުރިހާ މަސައްކަތެއް ޔަހޫދީންގެ އަތްދަށަށް ގެންދިޔުމަށް މަސައްކަތް ފަށާފައިވާ ދަނޑިވަޅެއްގައެވެ. އދގެ ބަދަލުގައި މި ވަގުތު ޣައްޒާގައި ކާބޯތަކެތި ބަހަމުން ދަނީ، ޔަހޫދީން އަޑީގައި ތިބެ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ގުޅިގެން އުފައްދާފައިވާ ޣައްޒާ ހިޔުމެނިޓޭރިޔަން ފައުންޑޭޝަން (ޖީއެޗްއެފު)ންނެވެ. ޣައްޒާގެ އުތުރުގައި ދިރިއުޅޭ ރައްޔިތުން ވެސް ކާބޯތަކެތި ހޯދުމަށް މި ވަގުތު ދަތުރު ކުރަން މަޖުބޫރު ކުރުވާފައި ވަނީ، އެ ސަހަރުގެ ދެކުނުގައި ޖީއެޗްއެފުން ޤާއިމު ކޮށްފައިވާ އެހީ ބަހާ މަރުކަޒުތަކަށެވެ.
"އަޅުގަނޑުމެން މި އައީ ވަރަށް ދުރު ރާސްތާއެއް ކަޑައްތު ކުރުމަށް ފަހު، 10 ކިލޯމީޓަރަށް ހިނގާފައި، ލެއިން ތަތްތެޅިފައިވާ މި ފޮށިގަނޑު ހޯދުމުގެ ބޭނުމުގައި. އެއްވެސް ކާއެއްޗެއް ނެތް، އެހެންވީމަ މި ފޮށިގަނޑު ބޭނުންވޭ. ފާއިތުވި ފަސް ދުވަހު އެއްވެސް ކާއެއްޗެއް ނުވަތަ ގޮދަންފުށްކޮޅެއްހާ ހިސާބު ވެސް ލޮލަށް ނުފެނޭ. އަޅުގަނޑުމެންގެ ދަރިންނަށް ކާން ދިނުމަށް އިތުރު ގޮތެއް ނެތް،" ޣައްޒާގެ މެދުތެރޭގައި އޮތް ރަށަކުން ޖީއެޗްއެފްގެ އެހީ ބަހާ މަރުކަޒަކަށް ދިޔަ ސާހިރް އަބޫ ޠާޙޫން ބުންޏެވެ.
އދގެ ތަރުޖަމާނު ސްޓިފަން ދުޖަރީކް ވިދާޅުވީ، ޣައްޒާގެ ރައްޔިތުންނަށް ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު ބެހުމަށް ޔަހޫދީ ފައުޖުން އދއާއި އެހީދޭ ބައިނަލްއަޤްވާމީ ޖަމުޢިއްޔާތަކަށް ހުރަސް އަޅަމުންދާ ކަމުގައެވެ. ޣައްޒާގެ ކަރީމް އަބޫ ސާލިމް ސަރަޙައްދީ ހުރަސް ކައިރީގައި އދން ކާބޯތަކެތި ބަރުކޮށްފައިވާ 600އެއްހާ ލޮރީ މި ވަގުތު ވެސް އޮތް ކަމުގައި އޭނާ ވިދާޅުވިއެވެ. ނަމަވެސް، އެ ތަކެތި ޣައްޒާގައި ނިކަމެތި ކޮށްލާފައިވާ މީހުންނަށް ފޯރުކޮށްދިނުމުގެ ހުއްދައެއް ނުވަތަ ފުރުޞަތެއް ނެތް ކަމުގައި އޭނާ ވިދާޅުވިއެވެ.