ޚަބަރު

"އެންމެ ބޮޑު ހުރަހަކީ ފައިސާގެ މައްސަލަ، ސްޕޯޓްސް ޑިވެލޮޕްމަންޓް ފަންޑުން މިކަން ހައްލުވާނެ"


ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އަށް މިހާރުވެސް އެންމެ ބޮޑު ހުރަހަކަށް ވަނީ ކުޅުންތެރިން ތަމްރީނުކުރުމުގައި ފައިސާގެ މައްސަލަ ކަމަށް އެ ބޯޑުގެ ރައީސް މުޙައްމަދު ފައިސަލް ވިދާޅުވެއްޖެއެވެ.

ފައިސަލް މިހެން ވިދާޅުވީ ޕީއެސްއެމްއެމް ނިއުސްއަށް ދެއްވި ހާއްސަ ބަސްދީގަތުމެއްގައި ކުޅިވަރު ޤާނޫނަށް ގެނެސްފައިވާ އިސްލާހުތަކާއިއެކު އެ ޤާނޫނުން ލާޒިމުކުރާ ސްޕޯޓްސް ޑިވެލޮޕްމެންޓް ފަންޑާއި ގުޅޭ ގޮތުން ވާހަކަދައްކަވަމުންނެވެ.

ފައިސަލް ވިދާޅުވީ ދެކުނު އޭޝިއާ ސަރަހައްދުން ރާއްޖޭގެ ކުރިކެޓް ކުޅުންތެރިންގެ ފެންވަރު މަތިކުރެވޭނެ މަގުތައް ފެންނަން އެބަހުރި ކަމަށާއި، އެހެންނަމަވެސް ދައްޗަކީ ކުޅުންތެރިންނަށް ތަމްރީނުތަކަށް ރާއްޖޭން ބޭރަށް ފޮނުވުމަށް ހިންގާ ހަރަދުތައް ހަމަޖެއްސޭނެ ގޮތްތައް މަދުވުން ކަމަށެވެ.

"މި ރީޖަނުގައި އެބަތިބި އަޅުގަނޑުމެންނަށް އެހީވާން ތިބި ގައުމުތައް. އެހެންނަމަވެސް ހަމަ އަބަދުވެސް ބޯޑުން ކޮންމެވެސް ހަރަދެއް ކުރަންޖެހޭނެ ކުޅުންތެރިން ފޮނުވާކަމަށްވާނަމަ. އަޅުގަނޑުމެންގެ އަމިއްލަ ބަޖެޓުން އެބަކުރެވޭ ކޮންމެވެސް ވަރަކަށް މަސައްކަތް. އެހެންނަމަވެސް ސްޕޯޓްސް ޑިވެލޮޕްމެންޓް ފަންޑު އުފެދިގެން އެއަށް ފައިސާ ޖަމާވެ އޭގެތެރެއިން އެ ފުރުސަތުތައް ލިބުނީމަ މިސާލަކަށް ސްކޮލަރޝިޕްތައް ކުދިންނަށް ފޮނުވުމާއި ސްކޮލަޝިޕް ހޯދުމަށް ފުރުސަތުތަކާއި އެކަހަލަ ކަންތައްތައް މަގުފަހިވެގެންދާނެ" ކަމަށް ފައިސަލް ވިދާޅުވިއެވެ.

ފައިސަލް ވިދާޅުވީ މި ފަންޑުގެ ސަބަބުން ރާއްޖޭގެ ކުރިކެޓު ކުޅުންތެރިން އެކި ގައުމުތަކަށް ފޮނުވިގެން މުސްތަގްބަލުގައި ޓްރޭން ކުރެވިދާނެ ކަމާށެވެ.

"އަޅުގަނޑަށް ހީވަނީ އަޅުގަނޑުމެން ފިއުޗަރގައި، ޑިވެލޮޕްމެންޓަށް ހާއްސަކޮށް ތަންތަނަށް ކުދިން ފޮނުވުމަށް މަގުފަހިވެގެންދާނެ. މިހާރު ސަރުކާރަށްވެސް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ކުޅިވަރު އިންފްރާސްޓްރަކްޗަރަށް ހަރަދުކޮށްފައި އަދި ޓްރޭނިންއަށް ހަރަދުކޮށްފަ ހުންނަ ފައިސާ ވަރަށް މަދުވުން" ކަމަށް ފައިސަލް ފާހަގަ ކުރެއްވިއެވެ.

މި ސްޕޯޓްސް ޑިވެލޮޕްމެންޓް ފަންޑަކީ މިގޮތުން ހުރިހާ ކުޅިވަރަކަށްވެސް ހުޅުވޭނެ ދޮރެއްކަމަށާއި، ރާއްޖޭގެ ކުރިކެޓް ކުޅުންތެރިންނަށް މި ކަމުގެ ސަބަބުން އިތުރު ޓްރޭނިންގ ފުރުސަތުތައް ލިބި ފެންވަރު މަތިކުރުމަށް ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ފައިސަލް ވިދާޅުވިއެވެ.