ޚަބަރު

ލީގު ކަޕުގެ ފައިނަލްގައި މާޒިޔާއާ ދެކޮޅަށް ނުކުންނާނީ ތަށި ނެގުމުގެ އުއްމީދުގައި: ފަރޭ


ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ކުރިއަށްގެންދާ ލީގު ކަޕް 2025 ގެ ފައިނަލް މެޗުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާ ދެކޮޅަށް ނުކުންނާނީ ތަށި ނެގުމުގެ އުއްމީދުގައި ކަމަށާއި، ރަނގަޅު ފައިޓެއް ދީފިނަމަ ތަށި ހޯދޭނޭ ކަމަށް އޮޑި ސްޕޯޓްސް ކުލަބުގެ އެސިސްޓަންޓް ކޯޗު ފަރުހާދު އިސްމާޢީލް (ފަރޭ) ބުނެފިއެވެ.

ސެމީ ފައިނަލްގައި ފަހަތުން އަރައި 2-1 ގެ ނަތީޖާއަކުން ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބު ބަލިކޮށް ފައިނަލްގެ ފަހު ޖާގަ ކަށަވަރުކުރުމަށްފަހު "ޕީއެސްއެމް ނިއުސް" އަށް ދިން ޚާއްސަ އިންޓަވިއުއެއްގައި ފަރޭ ބުނީ މާޒިޔާއާ ދެކޮޅަށް ނުވަތަ ނިއު ރޭޑިއަންޓާއި ދެކޮޅަށް ނިކުންނަން ޖެހުނަސް މި މުބާރާތަށް އޮޑި ސްޕޯޓްސްއިން ތައްޔާރުވީ ތަށި ބޭނުންވެގެން މުބާރާތް ކާމިޔާބުކުރުމަށް ކަމަށެވެ.

ފަރޭ ބުނީ ޓީމާ ހަވާލުވިއިރު ފުރަތަމަ ދިން އިންޓަވިއުގައިވެސް އޮޑި ސްޕޯޓްސްއަކީ އަބަދުވެސް ތަށި ބޭނުންވެގެން ނިކުންނަ ޓީމެކޭ ބުނެފައިވާނެ ކަމަށާއި، އެ ޓީމަކީ މާޒިޔާއާ ވާދަކުރެވޭ ވަރުގެ ވަރުގަދަ ސްކޮޑެއް އޮތް ޓީމެއް ކަމަށެވެ.

"މާޒިޔާއަކީ މިވަގުތު ރާއްޖޭގައި އޮތް އެންމެ ވަރުގަދަ ސްކޮޑް. ގައުމީ ޓީމުގެ ގިނަ ކުޅުންތެރިންތަކެއް ތިބި ޓީމެއް ވީމަ މާޒިޔާއަށް ވަރަށް ރެސްޕެކްޓް ކުރަން. އެހެންނަމަވެސް އަޅުގަނޑުމެން ދުލެއް ނުދޭނަން. އަޅުގަނޑުމެންގެ ސްކޮޑަކީ ފައިޓް ކުރެވޭވަރުގެ ސްކޮޑެއް" ކަމަށް ފަރޭ ބުންޏެވެ.

ސެމީގެ މެޗާ ގުޅޭގޮތުން ފަރޭ ބުނީ ނިއު ރޭޑިއަންޓަކީ އޭނާގެ ހިތުގައި ޚާއްސަ މަގާމެއް ދެވިފައިއޮތް ކުލަބެއް ކަމަށާއި، އެއީ ވަރުގަދަ ޓީމެއް ކަމަށެވެ. އަދި ނިއު ރޭޑިއަންޓުގެ ކޯޗު ސޮބާހު މުޙައްމަދަކީ މިހާރު ރާއްޖޭގައި ހުރި "އެންމެ މޮޑާން އެންމެ ރީތި ފުޓްބޯޅަ ކުޅުވާ އެއް ކޯޗު" ކަމަށްވެސް އޭނާ ބުންޏެވެ.

ސެމީގެ މެޗުގައި ނިއު ރޭޑިއންޓުން ލީޑު ނަގާފައިވަނިކޮށް ދެވަނަ ހާފަށް ނިކުތީވެސް، ހާފު ޓައިމުގައި ކުޅުންތެރިންނާއި މަޝްވަރާކޮށްގެން ކުރިން ހެދުނު ގޯސްތައް ރަނގަޅުކޮށްގެން ކަމަށް ފަރޭ ބުންޏެވެ.

"ދެވަނަ ހާފަށް ނިކުތީ ނިކުރޭޑިއަންޓް ބަލި ކުރެވޭނީ އިތުރު ގިއަރެއް ހިއްލާލައިގެންކަން އެނގިގެން. އެޓޭކުގައި އިތުރު ކަންތައްތަކެއް ރަނގަޅުކޮށްގެން. ރޭވި ގޮތަށް 2-1ގެ ނަތީޖާއަކުން މިއޮތީ އަޅުގަނޑުމެންނަށް މެޗު ލިބިފައި. ފަހު ހާފުގައި ހަމަ ކުދި ކުދި މިސްޓޭކުތައް ހެދިފައި އެބަހުރި އެޓޭކުގައިވެސް. ޑިފެންސް އެއަށްވުރެ ރަނގަޅަށް ކޮށްގެން އަތުލެވޭނެ ބޯޅަތައް ދިޔަ" ކަމަށް ފަރޭ ބުންޏެވެ.

ފަރޭ ބުނީ ނިއު ރޭޑިއަންޓް އަތުން މޮޅުވެ ލީގު ކަޕްގެ ފައިނަލަށް ދެވުމަކީ އޭނާގެ ކޯޗިންގ ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބީ ކަމަށެވެ. އެހެންކަމުން އޮޑި ސްޕޯޓްސްގެ މެނޭޖުމެންޓާއި ކުޅުންތެރިންނާއި ކޯޗިން ސްޓާފުންނާއި ސަޕޯޓަރުނަށްވެސް ޝުކުރު އަދާކުރާ ކަމަށްވެސް ވަނީ ބުނެފައެވެ.