ފްރެންޗް އޯޕަން ޓެނިސް މުބާރާތް 14 ފަހަރު މަތިން ކާމިޔާބުކޮށްފައިވާ ރަފައެލް ނަޑާލްގެ ކާމިޔާބީތައް، އެ މުބާރާތް އިންތިޒާމުކުރާ ރޮލެންޑް ގެރޮސްއިން ފާހަގަކޮށްފިއެވެ.
މިދިޔަ އަހަރު ޓެނިސް ކުޅުން ހުއްޓާލާފައިވާ ރަފައެލް ނަޑާލް 14 ފަހަރު ފްރެންޗް އޯޕަން ޓެނިސް މުބާރާތް ކާމިޔާބުކޮށްފައިވާއިރު މި އަދަދާއި ކައިރި ކުރާވަރަށްވެސް އެއް ކުޅުންތެރިއަކަށް މި މުބާރާތް ކާމިޔާބު ކުރެވިފައެއް ނުވެއެވެ.
މި އަހަރުގެ ފްރެންޗް އޯޕަން ޓެނިސް މުބާރާތް ފެށުމުގެ ކުރިން ނަޑާލްގެ ކާމިޔާބީ ފާހަގަ ކުރުމުގެ ގިތުން ރޮލެންޑް ގެރޮސް މުބާރާތް ކުރިއަށްދާ މައި ކޯޓު ކަމުގައިވާ ފިލިޕް ޗެޓްރިއާގައި ވަނީ ނަޑާލްގެ ފައިތިލައިގެ ފުޓްޕްރިންޓެއް ބަހައްޓާފަ އެވެ.
ކްލޭ ކޯޓުގެ ރަސްގެފާނުގެ ގޮތުގައި މަޝްހޫރުވެފައިވާ ނަޑާލްގެ ކާމިޔާބީ ފާހަގަ ކުރުމަށް އިއްޔެ ބޭއްވި މި ރަސްމިއްޔާތުގައި އޭނާ އާއި އޭރު އެންމެ ވާދަވެރި ތިން ކުޅުންތެރިން ކަމުގައިވާ ސްވިޒަލޭންޑްގެ ރޮޖަރ ފެޑެރަރ އާއި ސަރބިޔާގެ ނޯވަކް ޖޮކޮވިޗްގެ އިތުރުން އިނގިރޭސިވިލާތުގެ އެންޑީ މަރޭ ވަނީ ބައިވެރިވެފަ އެވެ.
މީގެ 20 އަހަރު ކުރިން ފުރަތަމަ ފަހަރަށް ފްރެންޗް އޯޕަން މުބާރާތުގެ ދެވަނަ ބުރުގެ މެޗަކަށް ނިކުތް ނަޑާލްގެ ކާމިޔާބީ ދައްކުވައިދޭ ކުރު ވީޑިއޯ އެއް ވަނީ މި ރަސްމިއްޔާތުގައި ދައްކާފަ އެވެ. އަދި މި ވީޑިއޯއަށްފަހު ނަޑާލްގެ ލޮލުން ކަރުނަ އޮހިގެންދިޔަ މަންޒަރު ވަނީ ފެނިގެންގޮސްފަ އެވެ.
މި ރަސްމިއްޔާތަށްފަހު ނަޑާލް ބުނެފައިވަނީ މިއީ ވަރަށް ހާއްސަ އަދި އެތަކެއް ހަނދާންތަކެއް އަލުން ގެނެސްދިން މުހިންމު ވަގުތެއް ކަމަށާއި މިކަން ކޮށްދިނުމުގައި އެހީތެރިވި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާ ކުރާ ކަމަށެވެ.
ނަޑާލް ޓެނިސް ކުޅުން ހުއްޓާލާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރ މަހު ނިމިގެންދިޔަ ޑޭވިސް ކަޕްގައި ސްޕެއިންގެ ގައުމީ ޓީމަށް ކުޅުމަށްފަހުގަ އެވެ.