ދުނިޔޭގެ ފުޓްބޯޅައިގައި އެންމެ ކާމިޔާބު ގައުމު ބްރެޒިލްގެ ފުޓްބޯޅަ ކޮންފެޑެރޭޝަންގެ ރައީސްކަން މެޑިކަލް ޑޮކްޓަރެއް ކަމަށްވާ ސާމިރު ޒައުދަށް ދީފިއެވެ.
އާދީއްތަ ދުވަހުގެ ރޭ ބޭއްވި އިންތިހާބުގައި ވާދަކުރެއްވީ ވެސް އޭނާ އެކަންޏެވެ. އޭނާއާ ވާދަކުރަން މަސައްކަތް ކުރި ކެނޑިޑޭޓް ސައުޕޯލޯ ފުޓްބޯޅަ ފެޑަރޭޝަނުގެ ރައީސް ރެއިނާލްޑޯ ކަރްނެއިރޯ އަށް އިންތިހާބުގައި ވާދަ ނުކުރެވުނީ އަސާސީ ގަވާއިދުގައި ބުނެފައިވާ މިންވަރަށް ތާއީދު ސިޓީ ނުލިބުމުން، އިންތިހާބުގައި ވާދަ ކުރުމުގެ ފުރުސަތު ނެތް ކަމަށްވަނީ ނިންމުމުންނެވެ.
ބްރެޒިލްގެ ފުޓްބޯޅަ ފެޑަރޭޝަނުގެ އަސާސީ ގަވާއިދުގައިވަނީ އިންތިހާބުގައ ވާދަކުރާ ކޮންމެ ކެނޑިޑޭޓަކު ވެސް އެ ގައުމުގެ އަށް ފެޑަރޭޝަނެއްގެ ތާއީދު ހޯދަން ޖެހޭނެ ކަމަށެވެ. ނަމަވެސް ރެއިނާލްޑޯ އަށް ލިބުނީ ދެ ފެޑަރޭޝަނަކާއި 21 ކުލަބެއްގެ ތާއީދެވެ. މި ފަރާތްތަކުން ވަނީ އަސާސީ ގަވާއިދު ކަމުނުދާ ކަމަށް ބުނެ މި އިންތިހާބު ބޮއިކޮޓް ކޮށްފަ އެވެ.
މިއާ ހިލާފަށް ޒައުދު ވަނީ 27 ފެޑަރޭޝަނުގެ ތެރެއިން 25 ފެޑަރޭޝަނުގެ ތާއީދު ހޯދައިފަ އެވެ. އޭނާ އަށް ތާއީދު ކުރަން ނިންމީ 10 ކުލަބަކުންނެވެ. ނަމަވެސް އިންތިހާބު ކާމިޔާބުގެ ޖުމުލަ ވޯޓުގެ އަދަދު ކަމަށްވާ 143 ވޯޓުގެ ތެރެއިން 101 ވޯޓު ފަހު ވަގުތު ހޯދައިފަ އެވެ.
އިންތިހާބު ވުމަށްފަހު ޒައުދު ވިދާޅުވީ އޭނާގެ ދައުރު ވެގެންދާނީ އާ ހިޔާލު ތަކާއި ފުޓްބޯޅަ އަށް ތަރައްގީ ގެނެސްދޭނެ ދައުރެއް ކަމަށެވެ.
"އަހަރުމެން މި ފަށަނީ ބްރެޒިލްގެ ފުޓްބޯޅައިގެ މުޅިން އާ ސޮފުހާއެއް. އަހަރުމެންގެ ދައުރު ވާނީ ފުޓްބޯޅަ އަށް މުޅިން އައު ބަދަލުތަކާއި ތަރައްގީ ގެނެސްދޭނެ ދައުރަކަށް،" ޒައުދު ވިދާޅުވި އެވެ.
އިންތިހާބު ވުމަށްފަހު ފުރަތަމަ ފަހަރަށް ވާހަކަ ދައްކަވަމުން އުމުރުން 41 އަހަރުގެ ޒައުދު ވަނީ ފުޓްބޯޅަ ހިންގުމުގެ ތަޖުރިބާ އޭނާގެ ކިބާގައި ނެތް ކަމަށް ދެކެވޭ ވާހަކަތަކަށް އިންކާރުކޮށްފަ އެވެ. ޒައުދު ވިދާޅުވީ ކޮންމެ މީހަކީ ވެސް މަސައްކަތް ކޮށްގެން ތަޖުރިބާ ލިބޭނެ މީހެއް ކަމަށާއި ތަޖުރިބާ އަކީ ފުޓްބޯޅަ ތަރައްގީކޮށް، ހިންގުމަށް ބޭނުންވާ ހަމައެކަނި ކަންކަން ނޫން ކަމަށެވެ.
ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ ކާމިޔާބު ގައުމު ކަމަށްވާ ބްރެޒިލްގެ ފުޓްބޯޅަ ފެޑަރޭޝަނަށް އައު ރައީސަކު މި ހޮވީ ރައީސް ކަމަށް ދެ ވަނަ ދައުރަކަށް އެޑްނާލްޑޯ ހޮވުނު ނަމަވެސް ބްރެޒިލްގެ ކޯޓުން އޭނާގެ މަގާމު ގެއްލުވާލުމުންނެވެ. އެއީ ކޮރަޕްޝަނާއި މަގާމުގެ ނުފޫޒު ބޭނުންކުރުމާއި ވަގު ސޮއި ކުރުމާއި އެނޫން ވެސް މާލީ އެތައް މައްސަލައަކާ ހެދި އޭނާ މަގާމުގައި ހުރުމަށް ޝަރުތު ފުރިހަމަ ނުވާ ކަމަށް ކަނޑައަޅައިގެންނެވެ. ނަމަވެސް މި މައްސަލަ އިސްތިއުނާފު ކުރަން އޭނާ ވަނީ ނިންމާފަ އެވެ.
މި އިންތިހާބު ޑިމޮކްރަޓިކް ނޫން ކަމަށް ބުނެ ބްރެޒިލްގެ ކުރީގެ ބައެއް ތަރިން ވެސް ވަނީ ބޮއިކޮޓްކޮށްފަ އެވެ. މީގެ ތެރޭގައި ބްރެޒިލަށް ވޯލްޑްކަޕް ތަށި ހޯދާދީފައިވާ ކުރީގެ މަޝްހޫރު ކުޅުންތެރިން ކަމަށްވާ ރޮނާލްޑޯ ނަޒާރިއޯ އާއި ކުރީގެ ކެޕްޓަން ކަފޫ އާއި ރިވާލްޑޯ އާއި ރޮބާޓޯ ކާލޮސް އަދި ކުރީގެ ކެޕްޓަން އަދި ކޯޗު ޑުންގާ ވެސް ހިމެނެ އެވެ. މި ކުޅުންތެރިން ވަނީ ބްރެޒިލްގެ ފުޓްބޯޅަ ފެޑަރޭޝަނަށް އާ ރައީސަކު އިންތިހާބު ކުރަން ބާއްވާ އިންތިހާބުގެ އުސޫލުތައް ބަދަލުކޮށްދިނުމަށް ގޮވާލައިފަ އެވެ.