އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާބެހޭ ވުޒާރާ އާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން، ބީސީސީން ކުރިއަށްގެންދާ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގައި ގައިދީންނާއި ޖަލު އޮފިސަރުންގެ އުފެއްދުންތައް ދައްކާލައިފިއެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސުން މައުލޫމާތު ދެއްވާ ގޮތުގައި އެ މުއައްސަސާގެ ބެލުމުގެ ދަށުގައިވާ ޤައިދީންނާއި ޖަލު އޮފިސަރުންގެ ހުނަރާއި މަސައްކަތްތައް “ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025” ގައި ދައްކާލައިފާ ވަނީ ޕްރިޒަން ކޯޕަރޭޓިވް ސޮސައިޓީ (ޕެރިސްކޯ) މެދުވެރިކޮށް ކަމަށެވެ. އެގޮތުން މި މައުރަޒުގައި 21 ޤައިދީއެއްގެ 16 އުފެއްދުމަކާއި ހަތަރު އޮފިސަރެއްގެ ހަތަރު އުފެއްދުމެއް ދައްކާލާފައިވާކަމަށް އެ މުޢައްސަސާއިން ވިދާޅުވެއެވެ.
މިމަހު 31އާ ހަމައަށް ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށްދާ މި މައުރަޒުގައި ޤައިދީންގެ އުފެއްދުންތައް ބައިވެރިކުރުވީ ޤައިދީންނަށް އެމީހުންގެ ހުނަރުތައް މުޖްތަމަޢުއަށް ދައްކާލުމަށް ފުރުސަތުތައް ހޯދައިދިނުމާއި ރިހެބިލިޓޭޝަން ޕްރޮގްރާމްތަކުގެ ތެރެއިން އެފާރާތްތަކަށް ދަސްކޮށްދޭ މަސައްކަތްތަކުން އުފައްދާ ތަކެތި ވިއްކައިގެން އާމްދަނީ ހޯދޭނެ މަގު ފަހިކޮށްދިނުމަށް ކަމަށް ކަރެކްޝަންސް އިން ވިދާޅުވެއެވެ.
މި މައުރަޒުގައި އުފެއްދުންތައް ދައްކާލުމަށް ބައިވެރިވި ޤައިދީންގެ ތެރެއިން ތިން ޤައިދީއަކަށް މައުރަޒަށް ޒިޔާރަތްކުރުމުގެ ފުރުސަތުވެސް ވަނީ ދެއްވާފައެވެ. އަދި އިތުރު ޤައިދީންނަށްވެސް އެ ފުރުސަތު ދެވޭނެކަމަށް ކަރެކްޝަންސްއިން ވިދާޅުވެއެވެ.