ޚަބަރު

ޅައިމަގުގައި ބީއެމްއެލްގެ އޭޓީއެމް ޚިދުމަތް ފަށައިފި


  • ޅައިމަގުގައި އޭޓީއެމްގެ ޚިދުމަތް ފަށްޓަވައިދެއްވީ ވަޒީރު އާދަމް ޝަރީފް

  • މިއީ 24 ގަޑިއިރު ޚިދުމަތް ލިބޭ ސެލްފް ސަރވިސް އޭޓީއެމެއް

މިލަދުންމަޑުލު އުތުރުބުރީ ޅައިމަގުގައި ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމް ޚިދުމަތް ފަށައިފިއެވެ.

ޅައިމަގުގައި އޭޓީއެމް ޚިދުމަތް ފަށްޓަވައި ދެއްވީ އެ ރަށުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރެވެ. މި ރަސްމިއްޔާތުގައި ބީއެމްއެލްގެ ސީއީއޯ މުޙައްމަދު ޝަރީފާއި، ބޭންކުގެ އިސްވެރިން އަދި އެރަށު ކައުންސިލުގެ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

ޅައިމަގުގައި އޭޓީއެމް ޚިދުމަތް ފައްޓަވައިދެއްވުމުގެގޮތުން ވަޒީރު އާދަމް ޝަރީފް ވަނީ އޭޓީއެމުން ފައިސާ ނަންގަވާފައެވެ. އޭޓީއެމް ހުޅުވައިދެއްވުމަށްފަހު ބީއެމްއެލްއިން ވަނީ ޅައިމަގު ކައުންސިލަށް ރަމްޒީ ކާޑު ހަދިޔާކުރައްވާފައެވެ.

އޭޓީއެމްގެ ޚިދުމަތް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވީ ރައްޔިތުންގެ ދިރިއުޅުން ފަސޭހަކުރުމަށް ރައީސް މުޢިއްޒު ޚާއްސަ އިސްކަމެއްދެއްވާ ކަމެއް ކަމަށެވެ. އެގޮތުން ސަރުކާރުގެ އެކި އިދާރާތަކާއި ކުންފުނިތަކާ ގުޅިގެން ރައްޔިތުންނަށް ކަންކަން ފަހިކޮށްދިނުމަށް ޚާއްސަ މަސައްކަތްތަކެއް ކުރަމުންދާކަމަަށް ވަޒީރު ވިދާޅުވިއެވެ. މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ފެށުމަކީވެސް މިގޮތުން ކުރެވޭ މަސައްކަތެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.

ޅައިމަގުގައި ޤާއިމުކޮށްފައިވަނީ 24 ގަޑިއިރު ފައިސާ ނެގުމާއި ޖަމާކުރުމުގެ ޚިދުމަތް ލިބޭ ސެލްފް ސާވިސް އޭޓީއެމެކެވެ.

ށ އަތޮޅުގެ ހުރިހާ ރަށެއްގައި އޭޓީއެމް ޚިދުމަތް ފެށުމުގެ ގޮތުން މި ބުރުގައި 10 ރަށެއްގައި ޚިދުމަތް ފެށުމަށް ހަމަޖެހިފައިވާއިރު، އިއްޔެ ވަނީ އޭގެ ތެރެއިން 5 ރަށެއްގައި ޚިދުމަތް ޤާއިމުކޮށްފައެވެ. މި ބުރު ނިމޭއިރު، މި އަތޮޅުގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ޤާއިމުކުރެވޭނެއެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ޚިދުމަތް ދިނުމަށް ބޭންކް އޮފް މޯލްޑިވްސް އަދި ސަރުކާރު ގުޅިގެން ކުރިއަށް ގެންދާ މަޝްރޫޢުގެ ތެރެއިން މިހާތަނަށް ހއ. އަތޮޅާއި ދ. އަތޮޅާއި ނ. އަތޮޅާއި މ. އަތޮޅުގެ އިތުރުން ކ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ޚިދުމަތް ދޭން ވަނީ ފަށާފައެވެ.

ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ މިއަހަރުގެ ތެރޭގައި 100 އަށް ވުރެ ގިނަ ރަށްރަށުގައި ބެހެއްޓުމެވެ.