ދިވެހި ޙައްޖުވެރިންނަށް މައްކާ ރޫޓް އިނީޝިއޭޓިވް އިފްތިތާޙުކުރުމުގެ ތާރީޚީ ޖަލްސާއަށް ސަޢުދީ އަރަބިއްޔާގެ އިސް ވަފުދުތައް ރާއްޖެ ވަޑައިގަންނަވަން ފަށްޓަވައިފިއެވެ.
އޭގެ ތެރެއިން އެއް ވަފުދު މިއަދު މެންދުރު ރާއްޖެ ވަޑައިގަންނަވާފައިވާއިރު، މި ވަފުދަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުޙަބާ ދެންނެވީ އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު އާއި ދިވެހިރާއްޖޭގައި ހުންނަ ސަޢުދީ ޢަރަބިއްޔާ އެމްބަސީގެ އިސް ބޭފުޅުންނެވެ.
މި ވަފުދުގައި ސަޢުދީ ޢަރަބިއްޔާގެ ޙައްޖު މިނިސްޓްރީއާއި، އިމިގްރޭޝަންއާއި، ފޮރިން މިނިސްޓްރީ އަދި މައްކާ ރޫޓު އިނީޝިއޭޓިވްގެ އިސް ބޭފުޅުން ހިމެނިލައްވައެވެ. މިޚިދުމަތް ފެށުމަށް ސަޢުދީގެ ޙައްޖު މިނިސްޓްރީއާއި ފޮރިން މިނިސްޓްރީއާއި އިމިގްރޭޝަންގެ މަތީފެންވަރުގެ 42 ބޭފުޅަކު ވަޑައިގަތުމަށް ހަމަޖެހިފައިވެއެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވީ އެ ވަފުދުގައި އިސްކޮށް ވަޑައިގަންނަވަނީ މައްކާ ރޫޓް އިނިޝިއޭޓިވް ކޮމިޓީގެ ޗެއަރމަން އަދި ސައޫދީގެ ދާޚިލީ ވަޒީރުގެ އެޑްވައިޒަރު ލެފްޓިނެންޓް ޖެނެރަލް ސުލައިމާން ބިން ޢަބްދުލްޢަޒީޒު އަލްޔަޙްޔާކަމަށެވެ.
އަންނަ ހޯމަދުވަހު މައްކާ ރޫޓް އިނިޝިއޭޓިވް އިފްތިތާޙްކޮށްދެއްވާނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދެކަނބަލުންނެވެ.
ވަޒީރު ޝަހީމް ވިދާޅުވީ ސަޢުދީ ރަސްގެފާނުގެ ޚާއްޞަ އިރުޝާދުގެ ދަށުން މައްކާ ރޫޓްގައި ރާއްޖެ ހިމެނުއްވީ މިކަމުގައި ޤައުމުތަކަށް ކަނޑައަޅާފައި އޮންނަ ހުރިހާ ޝަރުޠަކުން ރާއްޖެ އިސްތިސްތިސްނާކޮށް ޚާއްޞަކަން ދެވިގެންކަމަށެވެ. އަދި މިކަން އިފްތިތާހުވުމުން ޙައްޖުވެރިން ޖިއްދާ އެއަރޕޯޓްގެ އިމިގްރޭޝަންގައި ޕާސްޕޯޓް ސްޓޭމްޕް ޖެހުމާއި ލަގެޖް ނަގަން މަޑުކުރަން ނުޖެހޭނެކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި މަތިންދާ ބޯޓުން ފައިބާ ގޮތަށްއް ހޮޓަލަށް ދެވޭނެކަމަށާއި ލަގެޖް ވެސް ލިބޭނީ ހޮޓަލަށްކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ޙައްޖުވެރިންނަށް ޖިއްދާ އެއަރޕޯޓުން ރަސްމީކޮށް އިސްތިޤުބާލުކުރާނެކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ މިއީ ޖިއްދާ އެއަރޕޯޓްގައި އެތައް އިރަކު ތިބުން ނިމުމަކަށް ގެންނާނެ ތާރީޚީ ފަސޭހަކަމެއްކަމަށެވެ.
މައްކާ ރޫޓް އިނިޝިއޭޓިވް މިމަހުގެ 18ވަނަ ދުވަހު ވަނީ ޓެސްޓުކޮށްފައެވެ. މައްކާ ރޫޓް އިނިޝިއޭޓިވްއަކީ 2018 އިން ފެށިގެން ސަޢުދީ ސަރުކާރުން އެ ޤައުމުގެ ޙައްޖު މިނިސްޓްރީއާއި އިންޓީރިއާ މިނިސްޓްރީގެ ދަށުން ތަންފީޒު ކުރަމުންދާ، ސަޢުދީ ވިޝަން 2030 ގައި ހިމެނޭ އިނިޝިއޭޓިވްއެކެވެ. އަދި މިއީ ޙައްޖުވެރިންނަށް ލުއި ފަސޭހަ އިންތިޒާމެއް ހަމަޖެއްސެވުމަށް ސަޢުދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒާއި ޕްރިންސް މުޙައްމަދު ބިން ސަލްމާންގެ ބެއްލެވުމުގެ ދަށުން ވަރަށް ޚާއްސަ ސަމާލުކަމެއް ދެއްވައިގެން ކުރިއަށް ގެންދަވާ މަސައްކަތްޕުޅެކެވެ.