ހުޅުމާލެ ފޭސް ދޭއްގެ ބީޗްގައި ހުއްދަނެތި ޑްރޯން އެރުވި މީހާއަށް ފުލުހުން އަނިޔާކޮށްފައިވާކަމަށް ދެކެވޭ ވާހަކައާ ގުޅިގެން މިހާތަނަށް ބެލިބެލުމުން އެފަދަކަމެއް ހިނގާފައި ނުވާކަމަށް ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.
ފުލުހުންގެ ޚިދުމަތުން މިހެން ވިދާޅުވީ ހުއްދަނެތި ޑްރޯން އެރުވި މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް އޭނާއަށް އަނިޔާކުރިކަމަށް ތުހުމަތު ކުރާތީ އެކަމާ ގުޅިގެން މީޑިއާއާ ހިއްސާކުރެއްވި މައުލޫމާތުގައެވެ.
ފުލުހުން ވިދާޅުވީ މިމަހުގެ 22 ވަނަ ދުވަހުގެ ރޭ 20:40 ހާއިރު ހުޅުމާލެ ފޭސް 2ގެ ނިކަގަސްމަގު ބީޗް ސަރަހައްދުގައި މީހަކު ޑްރޯން އަރުވާތީ ހުއްދަ އޮއްތޯ އެސަރަހައްދުގައި ހަރަކާތްތެރިވި ފުލުހަކު އެމީހާއާ ސުވާލުކުރިކަމަށެވެ. ނަމަވެސް އެމައުލޫމާތު ދިނުމަށާއި އަދި ހުއްދަ ދެއްކުމަށް އެމީހާ އިންކާރުކޮށް ހުއްދަ ދައްކަން ނުޖެހޭނެ ކަމަށް ބުނެ ހަޑި ހުތުރުބަހުން ފުލުހުންނާއި މުޢާމަލާތުކޮށް ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވި މައްސަލައިގައި ތުހުމަތުގައި އޭނާ ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަނަށް ގެންގޮސް ސުވާލުކޮށްފައިވާކަމަށެވެ. އަދި ޑްރޯން އެރުވުމުގެ ހުއްދަނެތި ޑްރޯން އެރުވުމުން ނަސޭހަތްތެރިވެފައިވާކަމަށްވެސް ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ މިމައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހާއަށް ފުލުހުން އަނިޔާކުރިކަމަށް ތުހުމަތު ކުރާތީ އެކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަކަމަށެވެ. ނަމަވެސް މިހާތަނަށް ބެލި ބެލުމުން އެފަދަކަމެއް ހިނގާފައިވާކަމަށް ނުބެލެވޭކަމަށްވެސް ފުލުހުންގެ ޚިދުމަތުން ވިދާޅުވިއެވެ.