ނިމުނު ހަފުތާގައިވެސް އެކިއެކި ދާއިރާތަކުން ފާހަގަކޮށްލެވޭ ކަންތައްތަކެއް ހިނގައިދިޔައެވެ. އެ ގޮތުން އެއް ކަމަކީ ދުންފަތާ ދެކޮޅަށް ރާއްޖެއިން އަޅަމުންދާ ފިޔަވަޅުތައް ފާހަގަކުރައްވައި ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާއިން ޚާއްސަ އެވޯޑެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ދެއްވުމެވެ.
ނިމުނު ހަފުތާ ބޮޑަށް ފާހަގަވެފައިވަނީ މުހިންމު ބިލުތަކެއް ރައީސް ތަޞްދީޤުކުރެއްވި ހަފުތާއެއްގެ ގޮތުގައެވެ. އެ ގޮތުން ކުޅިވަރު ކުރިއެރުވުމަށާއި މާލީބާރުވެރިކަން ލިބިދޭގޮތަށް ކުޅިވަރާ ބެހޭ ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރެއްވިއެވެ. އަދި ކައުންސިލަރުންގެ ދައުރު ހަމަވާން ދޮޅު އަހަރަށްވުމުން، ހުސްވާ މަޤާމަށް ބައި-އިލެކްޝަން ނުބާއްވާގޮތަށް ލާމަރުކަޒީ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި "ޖެނެރޭޝަނަލް ބޭން" ނުވަތަ ވަކި އަހަރެއްގެ ފަހުން އުފަންވާ މީހުންނަށް ދުންފަތް މަނާކުރުމަށް ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ޤާނޫނަށް ގެނައި އިސްލާޙު ރައީސް ތަސްދީޤުކުރެއްވިއެވެ.
މުލަކަތޮޅުގެ ފުރަތަމަ އެއަރޕޯޓު ރަސްމީކޮށް ރައީސުލްޖުމްހޫރިއްޔާ ހުޅުއްވައިދެއްވީވެސް ނިމުނު ހަފުތާގައެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފް، އެމެރިކާގެ ހަވާއީއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވީވެސް ނިމުނު ހަފުތާގައެވެ. މި ދަތުރުފުޅުގެ ތެރެއިން ރާއްޖެ ވަނީ ބްލޫ ޕްލެނެޓް އެލަޔަންސްގެ ރަސްމީ މެންބަރެއްގެ ގޮތުގައި ބަލައިގަނެފައެވެ. އަދި އެކަމުގެ އެއްބަސްވުމެއްގައި ނައިބު ރައީސާއި އެ ޖަމިއްޔާގެ ބާނީ ސޮއިކުރެއްވިއެވެ.
ނިމުނު ހަފުތާގައި ޢުމްރާނީ ތަރައްޤީގެ ދާއިރާއިންވެސް ގިނަ މަޝްރޫޢުތައްކެއް ފެށިގެންދިޔައެވެ. އެގޮތުން މުލީ-ނާލާފުށި ކޯޒްވޭގެ ޢަމަލީ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ ފަށްޓަވައިދެއްވީ ނިމުނު ހަފްތާގެ އަންގާރަ ދުވަހުއެވެ. އަދި ހަމަ އެ ދުވަހު މުލީ ރީޖަނަލް ހޮސްޕިޓަލުގެ 50 އެނދުގެ އިމާރާތުގެ ޢަމަލީ މަސައްކަތްވެސް ވަނީ ފަށާފައެވެ.
ހަމައެއާއެކު ރާއްޖޭގެ ފެރީ ނިޒާމު ތަރައްޤީކޮށް މުޅި ރާއްޖެ ގުޅުވާލުމަށް އިންޑިއާއިން 100 މިލިޔަން ރުފިޔާގެ އެހީއެއް ދެއްވީވެސް ނިމުނު ހަފުތާގައެވެ. އަދި ބޮޑުތަކުރުފާނު މަގުގެ މަސައްކަތްކުރުމަށް އެމްޓީސީސީން އާންމުންގެ ޚިޔާލު ހޯދަން ހުޅުވާލިއިރު، ކުޅުދުއްފުށި ޕޯޓު ބޮޑުކުރުމުގެ މަސައްކަތް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޕީއެލްއާ ހަވާލުކުރީ ނިމުނު ހޯމަ ދުވަހުއެވެ.
މީގެ އިތުރުން އޭދަފުށީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ރޯޑް ޑިވަލޮޕްމެންޓް ކޯޕަރޭޝަން، އާރުޑީސީއާ ހަވާލުކުރީވެސް ނިމުނު ހަފުތާގައެވެ.
އިޤުތިޞާދާއި ވިޔަފާރީގެ ދާއިރާއިން ފާހަގަކޮށްލެވޭ ޚަބަރުތަކަށް ބަލާލާއިރު، ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކުރުމާއި ވިޔަފާރި ފުޅާކުރުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ ދިވެހިރާއްޖޭގެ އުފެއްދުންތެރިކަމުގެ މަޢުރަޒު 2025ގެ ވަނަތައް ހޮވުން ކުރިއަށްދިޔައީ ނިމުނު ހަފުތާގެ ބުރާސްފަތި ދުވަހުއެވެ. އެ ގޮތުން 275 ވަނައެއް ހޮވައި، އިނާމު ދީފައިވެއެވެ.
ހަމައެއާއެކު ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން، އެސްޓީއޯގެ ހިއްސާއަކަށް 80 ރުފިޔާ ބަހެމަށް އަހަރީ ޢާންމު ބައްދަލުވުމުގެ ތެރެއިން ވަނީ ނިމުނު ހަފުތާގައި ފާސްކޮށްފައެވެ. އަދި މާލެ ސަރަހައްދުގެ ފުރަތަމަ 5 ތަރީގެ ހޮޓެލް "ބާސެލޯ ނަސަންދުރަ"ހުޅުވީ މިދިޔަ ހޯމަ ދުވަހުއެވެ. އަދި ކޮންމެ ހަފުތާއަކު ބޭންކުތަކުން މަރުކަޒީ ބޭންކު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭއަށް ވިއްކަންޖެހޭ ބޭރު ފައިސާގެ އަދަދު %90 އިންސައްތައަށް ބޮޑުކުރަން ނިންމީވެސް ނިމުނު ހަފުތާގައެވެ.
މީގެ އިތުރުން މ.އަތޮޅާއި މާލެ އަތޮޅުގެ ހުރިހައި ރަށެއްގައި ނިމުނު ހަފުތާގައި ވަނީ ބީއެމްއެލް އޭޓީއެމް ޚިދުމަތް ފަށާފައެވެ.
އެހެނިހެން ދާއިރާތަކުން ފާހަގަކޮށްލެވޭ ޚަބަރުތަކަށް ބަލާލާއިރު، ދިވެހިރާއްޖެއިން ޙައްޖަށް ދާ ޙައްޖުވެރިންނަށް މުޅިން އަލަށް ތަޢާރަފް ކުރާ މައްކާ ރޫޓް އިނީޝިއޭޓިވް ތަޢާރަފްކުރީ ނިމުނު ހަފުތާގައެވެ. މިއީ ޙައްޖުވެރިން އަމިއްލަ ޤައުމުން ފުރުމުގެ ކުރިން، ދެ ޤައުމުގެ އިމިގްރޭޝަނުން ކުރަންޖެހޭ ކަންކަން އަމިއްލަ ޤައުމުގެ އެއަރޕޯޓްގައި ތިބެގެން ކުރުމުގެ ޚިދުމަތް ފަހިކުރުމަށް ހިންގާ ޕްރޮގުރާމެކެވެ.
އަދި ދިވެހިރާއްޖޭގެ ހައްޖު މިޝަންގެ މެންބަރުން ސަޢޫދީ އަރަބިއްޔާއަށް ދުރާލާ ފުރީވެސް ނިމުނު ހަފުތާގައެވެ. އޭގެ އިތުރުން ޕީއެސްއެމް ކުޑަކުދިންގެ ޤުރުއާން މުބާރާތުގެ ނަތީޖާ ފާޅުކޮށް މުބާރާތުގެ 1 ވަނަ ޢާއިޝަތު ބިންތުއިބްރާހީމް ރަޝީދު ހަސަންއަށް ލިބުނީވެސް ނިމުނު ހަފުތާގައެވެ.
ހަމައެއާއެކު ކޭލަކުނާއި ފަރުކޮޅުގައި ނޭޗަރ ޕާކު ތަރައްޤީކުރުމުގެ މަސައްކަތް މޯލްޑިވްސް ޓޫރިޒަމް ޑިވަލޮޕްމެންޓް ކޯޕަރޭޝަން، އެމްޓީޑީސީއާ ހަވާލުކުރުމުގެ އިތުރުން ތެލަސީމިއާއާ ގުޅޭ ފަރުވާގެ ޚިދުމަތްތައް ހަރުދަނާކުރުމަށް ރާއްޖެއާއި ސައިޕްރަސްއާ ދެމެދު އެއްބަސަވުމެއް އެކުލަވާލީވެސް ނިމުނު ހަފުތާގައެވެ.
މީގެ އިތުރުން ޝަރީއަތް ނިމެންދެން ބަންދުގައި ތިބި މީހުންގެ ތެރެއިން އިލެކްޓްރޯނިކް މޮނިޓަރިންގ ނިޒާމެއްގެ ތެރެއިން، ކޯޓުން ކަނޑައަޅާ ޝަރުޠުތަކާއެކު ބަންދަށް ލުއި ދެވިދާނެކަމަށް ފެންނަ މީހުންގެ ބަންދު މުރާޖަޢާކޮށް، ބަންދަށް ލުއި ދިނުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމެވީވެސް ނިމުނު ހަފުތާގައެވެ.
މި ޚަބަރުތަކާއެކު ނިމުނު ހަފުތާގައިވެސް އިޤުތިޞާދާއި ވިޔަފާރިއާއި ޢުމްރާނީ ތަރައްޤީގެ ދާއިރާއިން ފާހަގަކޮށްލެވޭ ގިނަ ކަންތައްތަކެއް ހިނގައިދިޔަކަން ފާހަގަކޮށްލެވެއެވެ.