ޚަބަރު

ސްކޭމްތަކުގެ ސަބަބުން ގެއްލުނު 380 ހާހަށްވުރެ ގިނަ ރުފިޔާ އަނބުރާ ހޯދައިފި


  • ޖުމްލަ 481,520.67 ރުފިޔާގެ ގެއްލުން ލިބިފައިވޭ

  • ރިޕޯޓުކުރެވުނު މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ހިންގާފައިވަނީ އީ-ކޮމާސް ސްކޭމްތައް

ފާއިތުވި ހަފްތާގައި ރާއްޖޭގައި ހިނގި އެކި ބާވަތުގެ އޮޅުވާލައިގެން ފައިސާ ހޯދުން ނުވަތަ ސްކޭމްތަކުގެ ސަބަބުން ގެއްލުނު ފައިސާގެ ތެރެއިން 380 ހާހަށްވުރެ ގިނަ ރުފިޔާ އަނބުރާ ހޯދާފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުގެ އެންޓި ސްކޭމް ސެންޓަރުން ހާމަކޮށްފިއެވެ.

އެންޓި ސްކޭމް ސެންޓަރުން ނެރުނު ތަފާސްހިސާބުތަކަށް ބަލާއިރު، މިމަހުގެ 13 އިން 19 އާ ދެމެދު އޮޅުވާލައިގެން ފައިސާ ހޯދުމުގެ 45 މައްސަލަ ރިޕޯޓުކުރެވިފައިވެއެވެ. މި މައްސަލަތަކުގައި ޖުމްލަ 481,520.67 ރުފިޔާގެ ގެއްލުން ލިބިފައިވާއިރު، އޭގެ ތެރެއިން 383,610.08 ރުފިޔާ އަނބުރާ ހޯދާފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

ސްކޭމް މައްސަލަތަކުގެ ތެރޭގައި އެންމެ ގިނައީ އީ-ކޮމާސް ސްކޭމްގެ މައްސަލައެވެ. މިމުއްދަތުގެ ތެރޭގައި މިފަދަ 26 މައްސަލަ ރިޕޯޓުކުރެވިފައިވެއެވެ. މީގެތެރެއިން 20 މައްސަލައެއްގައި ބޭނުންކޮށްފައިވަނީ ފޭސްބުކް މާކެޓްޕްލޭސްއެވެ.

މީގެ އިތުރުން ވައިބަރ ބޭނުންކޮށްގެން ހިންގާފައިވާ 9 މައްސަލައާއި، ފޯނު ކޯލްކޮށްގެން ސްކޭމް ކުރި 6 މައްސަލަވެސް ހުށަހަޅާފައިވެއެވެ.

ސްކޭމްގެ ބާވަތްތައް:

▪️ ބޭރު ފައިސާ މާރުކުރުމުގެ ސްކޭމްގެ - 10 މައްސަލަ
▪️ ފޯނު މެދުވެރިކޮށް ހިންގި ސްކޭމްގެ - 5 މައްސަލަ
▪️ އިމްޕާރސަނޭޝަން، ފިޝިންގ، ރޮމޭންސް ސްކޭމްގެ - 1 މައްސަލަ
▪️ ފައިސާ ޖަމާކުރުމުގެ - 1 މައްސަލަ

ސްކޭމް މައްސަލަތައް އިތުރުވަމުންދާތީ މިފަދަ ސްކޭމްތަކުން ރައްކާތެރިވުމަށް އާންމު ރައްޔިތުން އިތުރަށް ސަމާލުކަން ދިނުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް އެންޓި ސްކޭމް ސެންޓަރުން ވިދާޅުވިއެވެ.
އަދި ހިތުގައި ޝައްކު އުފެދޭނަމަ، އެކަމެއް ޔަގީންކުރުމަށްފަހު ނޫނީ ފައިސާގެ އެއްވެސް މުއާމަލާތެއް ނުކުރުމަށް އެ ސެންޓަރުންވަނީ އިލްތިމާސްކޮށްފައެވެ. އަދި ސްކޭމްތަކުން ރައްކާތެރިވުމަށްޓަކައި ހުރިހާ ފަރާތްތަކެއް ގުޅިގެން މަސައްކަތްކުރުމަކީ މުހިންމުކަން ފާހަގަކުރައްވަމުން މިފަދަ މައްސަލައެއް ފާހަގަވެއްޖެނަމަ އެންޓި ސްކޭމް ސެންޓަރަށް ވަގުތުން ރިޕޯޓުކުރުމަށް އެސެންޓަރުންވަނީ އެދިފައެވެ.