ޚަބަރު

ރާއްޖޭގައި ފުރަތަމަ ފަހަރަށް އޮނާއި ބެހޭ ދިރާސާއެއް ހަދަނީ


  • ވައިކަރަދޫއާއި ގޮއިދޫގައި ދަނީ އޮނު އާލާކުރުމުގެ ބޮޑު މަޝްރޫޢެއް ހިންގަމުން

ރާއްޖޭގައި ފުރަތަމަ ފަހަރަށް އޮނާއި ބެހޭ ދިރާސާއެއް ހެދުމަށް ޤައުމީ ޔުނިވަރސިޓީއާއި އެޓްމޯސްފިއަރ ފައުންޑޭޝަނާއެކު ފަހުނާމާއެއްގައި ސޮއިކޮށްފިއެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒުގައި މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައި މިފަހުމުނާމާގައި ޤައުމީ ޔުނިވަރސިޓީގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗާންސެލަރ ޑރ.ޢައިޝަތު ޝެހެނާޒް އާދަމެވެ. އެޓްމޯސްފިއަރ ފައުންޑޭޝަންގެ ފަރާތުން ސޮއިކުރެއްވީ ނައިބު ރައީސް ޢަބްދުލް އަޒީޒް ޢަބްދުލް ހަކީމެވެ.

އޮނަކީ ތިމާވެއްޓާ ރައްޓެހި އަދި ޖައްވުގައި އޮކްސިޖެން ލެވެލް މަތި ކޮށްދިނުމަށް އެހީ ވެދޭ ވިނައިގެ ބާވަތެކެވެ. މިއީ ޖައްވަށް ބޭރުކުރާ ވިހަ މާއްދާއިން ލިބޭ ގެއްލުން ކުޑަކޮށްދިނުމަށްވެސް ވަރަށް ބޮޑަށް އެހީވެދޭ ބާވަތެކެވެ. އެޓްމޮސްފިއަރ ފައުންޑޭޝަންގެ ފަރާތުން ރާއްޖޭގެ އުތުރުގެ ދެރަށް ކަމަށްވާ ވައިކަރަދޫއާއި ގޮއިދޫގައި ދަނީ އޮނު އާލާކުރުމުގެ ބޮޑު މަޝްރޫޢެއް ހިންގަމުންނެވެ. މިރަށްރަށުގެ ތަޖުރިބާއާއި މިރަށްރަށުން ނަގާ މައުލޫމާތުތައް މިދިރާސާގައި ބޭނުން ކުރުމަށް ވަނީ ހަމަޖެހިފައެވެ.

އޮނާއި ބެހޭ ދިރާސާ ހެދުމަށް ފަހުމުނާމާގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެޓްމޯސްފިއަރ ފައުންޑޭޝަންގެ ނައިބު ރައީސް ޢަބްދުލް އަޒީޒް ޢަބްދުލް ހަކީމް ވިދާޅުވީ މިއީ ދިވެހިރާއްޖޭގައި އޮނާއި ބެހޭގޮތުން ހެދޭ މިފަދަ ފުރަތަމަ ދިރާސާކަމަށެވެ. އެހެންކަމުން މިދިރާސާ ވެގެންދާނީ ވަރަށް ތާރީޚީ ދިރާސާއަކަށް ކަމަށް އޭނާ ވިދާޅުވިއެވެ.

" ވަރަށް ތާރީޚީ އެއްޗަކަށް ވެގެން ދާނެ މިދިރާސާ. އެއީ މިއީ މިހާތަނަށް އޮނާއި ބެހޭ ދިރާސާއެއް ހެދޭ ފުރަތަމަ ފަހަރުވީމަ." ޢަބްދުލް އަޒީޒް ޢަބްދުލް ހަކީމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ދިވެހިރާއްޖޭގައި ވަރަށް ކުރީޒަމާނުންސުރެ ހެދިފައިވާ އޮނު އެބަހުރިކަމަށާއި، މި ދިރާސާގައި އެއީ ކޮންބާވަތެއްގެ އޮނެއްތޯއާއި، މިބާވަތުގެ އޮނުތައް ހެދެނީ ކޮން ތަންތާކުތޯއާއި އެހިސާބުގެ ވެލީގެ ހާލަތު ބަލާނެކަމަށެވެ.

ޢަބްދުލް އަޒީޒް ވިދާޅުވީ 14 ވައްތަރެއްގެ އޮނު އިންޑިއާއިން ގެނެސް ރާއްޖޭގައި އިންދާފައިވާކަމަށެވެ. މީގެ ތެރެއިން ރާއްޖެއަށް އެންމެ ރަނގަޅީ ކޮންވައްތަރެއްގެ އޮނެއްތޯ ދިރާސާކުރަމުން އަންނަތާ ދޮޅުވަރަކަށް އަހަރުވެފައިވާ ކަމަށާއި، މިކަމުން ރަނގަޅު ނަތީޖާއެއްވެސް ލިބިފައިވާކަމަށް ވިދާޅުވިއެވެ.

"މީގެ އެންމެ ރަނގަޅު ކަމަކީ ޖައްވަށް ދޫކުރާ ދުންތައް ޖައްވުން ދަމައިގަނެ ހިރުނދު، ދިއްގާ، ކާނި އަދި މަގޫ މިހުރިހާ ގަސްތަކެއްވުރެ ގިނައިން އޮނު ކާބަންޑައިއޮކްސައިޑް ދަމައިގަނޭ. އަދި އޮނު ގަސްތަކުން ނޭވާލަން ބޭނުންކުރާ އޮކްސިޖަން ވެސް ޖައްވަށް ދޫކުރޭ" ޢަބްދުލް އަޒީޒް ޢަބްދުލް ހަކީމް ވިދާޅުވިއެވެ.

އެޓްމޯސްފިއަރ ފައުންޑޭޝަނުން ދަނީ އުތުރުގެ ދެރަށް ކަމަށްވާ ވައިކަރަދޫއާއި ގޮއިދޫގައި އޮނު އާލާކުރުމުގެ ބޮޑު މަޝްރޫޢެއް ހިންގަމުންނެވެ. މިރަށްރަށުގެ ތަޖުރިބާއާއި މިރަށްރަށުން ނަގާ މައުލޫމާތުތައް މިދިރާސާގައި ބޭނުން ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މީގެއިތުރުންވެސް ރާއްޖޭގެ އެކި ހިސާބުތަކަށް އޮނު ހަދިޔާކުރުމުގެ މަސައްކަތްވެސް އަންނަނީ ކުރަމުންނެވެ. މިޕްރޮގްރާމަށް ބޭނުންވާ އޮނު ރާއްޖެއިން ބޭރުން ގެނެސް، ރާއްޖޭގައި ބަލަހައްޓަނީ އެކަމަށް ޚާއްސަ ނަރސަރީއެއްގައެވެ. އެޓްމޯސްފިއަރ ފައުންޑޭޝަންގެ ޢަމާޒަކީ ރާއްޖެ ކަރބަން ނިއުޓްރަލް ޤައުމަކަށް ހެދުމަށް ކުރާ މަސައްކަތުގައި، އޮނު އާލާކޮށް މި ޕްރޮގްރާމްގެ ޙިއްސާ ވީހާވެސް ބޮޑަށް އިތުރުކުރުމެވެ.

އޮނަކީ ވަރަށް އަވަހަށް ހެދޭ، އަދި އަމިއްލައަށްވެސް އާލާވާ ޒާތުގެ ގަހެކެވެ. އަދި އޮނަކީ އެހެން ވައްތަރުގެ ގަސްގަހާ ގެއްސަށްވުރެ ޖައްވުން ކާބަންޑައިއޮކްސައިޑް އިތުރަށް ހިފަހައްޓާކަން ފާހަގަކުރެވިފައިވާ ބާވަތެއްގެ ގަހެކެވެ. އަދި މި މިބާވަތުގެ ގަސް، އެހެން ގަސްތަކަށްވުރެ %35 އަށްވުރެ ގިނަ އޮކްސިޖަން ރޭގަނޑު އުފައްދައެވެ.

އޮނުގަހުން ކާބަންޑައިއޮކްސައިޑް ހިފަހައްޓަނީ ގަހުގެ ގަސްގަނޑުގައި ކަމަށްވުން، ކާބަންޑައިއޮކްސައިޑް ވަރަށް ގިނަ އަހަރުތަކަށް ރައްކާކޮށްފައި ބަހައްޓައެވެ. އޮނުގަހަކީ ތިމާވެށީގެ ބޭނުންތަކުގެ އިތުރުން، ފަރުނީޗަރާއި އެހެނިގެން ތަކެތި ހެދުމަށް ބޭނުންކުރާ ވަރުގަދަ ލަކުޑީގެ ބާވަތެއްވެސްމެއެވެ. އޮނުގަހުގެ ކޮންމެ ބައެއްވެސް އެކި ކަންކަމަށް ބޭނުންކުރެވެއެވެ.