ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ޤާނޫނަށް ގެނައި އިސްލާހާއެކު ދުންފަތުގެ ވަބާއިން މުތުތަމައު ސަލާމަތްކުރުމަށް ކުރާ މަސައްކަތްތަކަށް ވަށައިޖެހޭ ހައްލެއް ލިބިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ޤާނޫނަށް ގެނައި އިސްލާހު ތަސްދީގު ކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ އެމަނިކުފާނުގެ ސިޔާސަތަކީ ރާއްޖޭގެ ކުޑަ މުޖުތަމަޢަކީ ސިއްޙީގޮތުން ދުޅަހެޔޮ މުޖުތަމައަކަށް ހެދުން ކަމަށެވެ. މުޖުތަމަޢުގައި ނުރަނގަޅު އެކި އާދަތައް އެބަހުރިކަމަށާއި އެ އާދަތައް ނައްތާލެވޭނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ދުންފަތަކީ އޭގެ ސަބަބުން ސިއްޙީ އެތައް މައްސަލަތަކެއް ދިމާވާ އެއްޗަކަށްވާއިރު ދުންފަތުގެ އިސްތިއުމާލުކުރުމާ ދުރު މުޖުތަމަޢެއް ބިނާކުރުމަށް ގިނަ ފިޔަވަޅުތަކެއް މިހާރުވެސް އަޅުއްވާފައިވާ ކަމަށެވެ. އެގޮތުން، ރާއްޖޭގައި ވޭޕް ބޭނުންކުރުން މަނާކުރުމާއި ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ ބޮޑުކުރުމަކީ ކުރިއަށް އޮތް ޖީލުތައް ދުންފަތުގެ ވަބާއިން ސަލާމަތްކުރެވިގެންދާނެ ފިޔަވަޅެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ޤާނޫނަށް އިސްލާހު ގެނެސްފައިވަނީ އިތުރު ފިޔަވަޅުތައް އެޅުއްވުމުގެ ގޮތުން ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
"އުމުރާމެދު ޔަގީންނުވާނަމަ އައިޑީކާޑެއް ދައްކަން ދެންނެވުމުގެ ޤާނޫނީ ބާރު ވިޔަފާރި ކުރާ ފަރާތްތަކަށް ލިބިގެންވާނެ. ދެންހަމައެއާއެކު ދުންފަތުގެ ބާވަތްތައް އުފެއްދުމަށް ހާއްސަކޮށްފައި ހުންނަ މެޝިނަރީއާއި އާލާތަތްތައްވެސް މި ޤާނޫނުގެ ތެރެއިން އެތެރެކުރުން މަނާވެގެންދާނެ. މިހާތަނަށް އެހާ ސާފުކޮށް އޮތް ކަމެއް ނޫން މިއީ. އޭގެ ސަބަބުން ކަސްޓަމްސްއަށް އަދި ޕޮލިހަށްވެސް ދަތިތަކެއް ދިމާވޭ. އުފެއްދުން މަނާ އެހެންވީމަ އެތަކެތި އުފައްދަން ބޭނުންކުރާ ސާމާނުވެސް އެތެރެވެގެންނުވާނެ،" ރައީސް ވިދާޅުވިއެވެ.
ޤާނޫނު ތަންފީޒު ކުރުމުގައި ތަންފީޒީ އިދާރާތަކަށް ކުރިން ދަތިތައް ހުރިކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ޤާނޫނަށް ގެނައި އިސްލާހާއެކު އެ ދަތިތަކަށް ހައްލު ލިބިގެންގޮސްފައިވާ ކަމަށެވެ. އަދި ޤާނޫނަށް ގެނައި ބަދަލާއެކު ރާއްޖޭގެ މިހާރުގެ އާބާދީގެ 30.1% ދުންފަތުގެ އިސްތިއުމާލުކުރުމުން ދުރުކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މިފަދަ ފިޔަވަޅުތައް ކުރިން އަޅާފައިނުވަނީ ރައްޔިތުންގެ ހެވާ ލާބައަށްވުރެ ސިޔާސީ ކަންކަން އިސްކުރާތީ ކަމަށާއި ޤާނޫނަށް އިސްލާހު ގެނައުމުން ބައެއް ފަރާތްތަކުން ހިތްހަމަނުޖެހޭ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. އެކަމަށް ފަރުވާލެއްނެތްކަން ފާހަގަކުރައްވައި ރައީސް ވަނީ ދުންފަތުގެ ވިޔަފާރި ކުރާ ފަރާތްތަކަށް އެ ވިޔަފާރިތައް ހުއްޓާލުމަށް އިލްތިމާސްކުރައްވާފައެވެ.
މީގެ އިތުރުން މިއީ މުޅި ޤައުމަށް ކުރައްވާ ކަމެއް ކަމުގައި ދެކިގެން މުޅި މުޖުތަމަޢުގެ އެއްބާރުލުން ދެއްވުމަށްވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެދިވަޑައިގެންނެވިއެވެ.