ބައިނަލްއަޤުވާމީ ފިއްތުންތަކަށް ބެލުމެއްނެތި ޔަހޫދީންގެ ނިރުބަވެރި ފައުޖުން ފަލަސްޠީނުގެ ޣައްޒާއަށް ހުއްޓުމެއްނެތި ދެމުންދާ ލާއިންސާނީ ޢުދުވާނުތަކުގައި، މިއަދު އެކަނިވެސް 50 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވާ ކަމަށް ޣައްޒާގެ ސިއްޙީ ވުޒާރާއިން ބުނެފިއެވެ.
ޔަހޫދީންގެ ނިރުބަވެރި ފައުޖުން މިއަދު ދިން ޙަމަލާތައް ގެދޮރު ގެއްލިފައިވާ ގިނަ ބަޔަކު ވަގުތީ ހިޔާވަހިކަން ހޯދައިގެން ތިބި ސްކޫލަކަށް ވެސް ވަނީ އަމާޒުކޮށްފައެވެ.
މި ޙަމަލާތަކުގައި މިއަދު ޝަހީދުވި މީހުންގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިން ގިނަ ކަމަށް ޣާއްޒާގެ ސިއްޙީ ވުޒާރާއިން ބުންޏެވެ.
މޭ 16ވަނަ ދުވަހަށް ފަހު ޔަހޫދީ ފައުޖުން ވަނީ ޣައްޒާއަށް ދެމުންދާ ޢުދުވާނީ ޙަމަލާތައް އިތުރަށް ވަރުގަދަކޮށް ފުޅާކޮށްފައެވެ. 'ގިޑިޔަންސް ޗެރިއަޓްސް'ގެ ނަމުގައި ފަށާފައިވާ މި ޢުދުވާނުގެ މަޤުޞަދަކީ ޣައްޒާ ފަޅުކޮށް، އެ ސަހަރުގެ އުތުރާއި ދެކުނުން އިތުރު ބިންތައް ފޭރިގަތުމެވެ. ފާއިތުވި އަށް ދުވަހުގެ ތެރޭގައި ދީފައިވާ ޢުދުވާނީ ޙަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 500 އަށް އުފުލިފައިވާ ކަމުގައި ޣައްޒާގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުންޏެވެ.
ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ޤަތުލުޢާންމުގެ ދަށުން މާރިޗު 2ވަނަ ދުވަހު ޔަހޫދީ ފައުޖުން ވަނީ އެ ސަހަރަށް ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު އެތެރެ ކުރުމަށް ހުރަސް އަޅާފައެވެ. އަދި، ބޭސްފަރުވާއަށް ބޭނުންވާ ސާމާނާއި، އިންޖީނުގެތަކާއި ޖަނަރޭޓަރުތައް ހިންގުމަށް ބޭނުންވާ ތެޔޮ އެތެރެ ކުރުން ހުއްޓުވާފައެވެ. މިއީ، ޣައްޒާގެ ރައްޔިތުން ހައިހޫނުގައި ޖައްސައި، ވީހާވެސް ގިނަ އަދަދެއްގެ ބަޔަކު ބަނޑަށްޖައްސައި ޝަހީދު ކޮށްލުމަށް ހިންގަމުންދާ ޖަރީމާއެއްގެ ގޮތުގައި އދގެ އިދާރާތަކުގެ އިތުރުން ބައިނަލްއަޤްވާމީ ޖަމުޢިއްޔާތަކުން ވަނީ ސިފަ ކޮށްފައެވެ.
ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް އެމެރިކާގެ އެއްބާރުލުމާއި އެހީތެރިކަމާ އެކު ޔަހޫދީ ފައުޖުން ޤަތުލުޢާންމެއް ހިންގަން ފަށާފައި ވަނީ 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހުއެވެ. އެ ޤަތުލުޢާންމުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 53,272އަށް އުފުލިފައިވާ ކަމުގައި ފަލަސްޠީނުގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުނާއިރު، ޣައްޒާގެ މީޑިޔާ އޮފީހުން ބުނީ ޔަހޫދީ ފައުޖުގެ ޢުދުވާނީ ޙަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 61,700އަށް އުފުލިފައިވާ ކަމުގައެވެ. އަދި، ލާއިންސާނީ ޖަރީމާތަކުގައި ޒަޚަމު ކޮށްލާފައިވާ މީހުންގެ އަދަދު 120,673އަށް އަރައެވެ.
ޣައްޒާއަށް ދެމުންދާ ޢުދުވާނުތައް ވަރުގަދަކުރުމުން، ޔަހޫދީންގެ ނިރުބަވެރި ދަޢުލަތަށް އެންމެ ބޮޑަށް ވާގިވެރިވާ ގިނަ ޤައުމުތަކުން ވެސް މިހާރު ވަނީ މަޑުމަޑުން ފެޔަށް ޖެހެން ފަށައިފައެވެ. އޭގެތެރޭގައި ޔަހޫދީންގެ އެންމެ ވަރުގަދަ މަދަގުދާރު އެމެރިކާ އާއި ވިލާތުގެ އިއްތިހާދުގެ ބޮޑެތި ޤައުމުތައް ވެސް ހިމެނެއެވެ.
މިގޮތުން، ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ޤަތުލުޢާންމު ހުއްޓައިލުމަށް އިންކާރު ކުރަމުންދާ ނަމަ ޔަހޫދީންނާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށް ބުނެ ހުޅަނގުގެ ތިން ބާރަކުން އިންޒާރު ވަނީ ދީފައެވެ. އެ ތިން ބާރަކީ އިނގިރޭސިވިލާތާއި، ފަރަންސޭސިވިލާތް އަދި ކެނެޑާއެވެ.
އިނގިރޭސިވިލާތާއި، ފަރަންސޭސިވިލާތް އަދި ކެނެޑާން ބުނީ، އިސްރާއީލުގެ ދިފާޢުގައި ފިޔަވަޅުތައް އެޅުމަށް ތާޢީދު ކުރާ ކަމުގައެވެ. ނަމަވެސް، ޙަމާސްގެ ޖިހާދީ ޙަމަލާތަކުގެ ބަދަލު ހިފުމުގެ ގޮތުން ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުން ދަނީ ހާލަތާ ނުބައްދަލު އަމަލުތަކެއް ކަމުގައި ވެސް އެ ތިން ޤައުމުން ބުންޏެވެ. އަދި، އަނިޔާވެރި ނަތަންޔާހޫގެ ސަރުކާރުން އެ ފަދަ "ނުބައިނުލަފާ" އަމަލުތައް ހިންގާ މަންޒަރު ބަލަން ތިބެވެން ނެތް ކަމުގައި ވެސް އިނގިރޭސިވިލާތާއި، ފަރަންސޭސިވިލާތް އަދި ކެނެޑާން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
މާރިޗު 2ވަނަ ދުވަހަށް ފަހު ޣައްޒާއަށް ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު އެތެރެ ކުރުމަށް ޔަހޫދީ ފައުޖުން އޮތީ ހުރަސް އަޅާފައެވެ. އަދި، ޞިއްޙީ ފަރުވާއަށް ބޭނުންވާ ބޭހާއި އެހެނިހެން ސާމާނު އެތެރެ ކުރުން ވެސް ހުއްޓުވާފައެވެ. މީގެ އިތުރުން، އިންޖީނުގެތަކާއި ޖަނަރޭޓަރުތައް ހިންގުމަށް ބޭނުންވާ ތެޔޮ އެތެރެ ކުރުމަށް ވެސް ހުރަސް އަޅާފައެވެ. މިއީ، ޣައްޒާގެ ރައްޔިތުން ގަސްދުގައި ހައިހޫނުގައި ޖައްސައި، ބަނޑަށްޖައްސައި ގިނަ އަދަދެއްގެ ބަޔަކު ޝަހީދު ކޮށްލުމަށް ހިންގަމުންދާ ޖަރީމާއެއްގެ ގޮތުގައި އެކުވެރި ދައުލަތްތައް (އދ)އާއި އެހީދޭ ބައިނަލްއަޤްވާމީ ޖަމުޢިއްޔާތަކުން ވަނީ ސިފަކޮށްފައެވެ.
ބައިނަލްއަޤްވާމީ ފިއްތުންތައް ބޮޑުވުމާ ގުޅިގެން މޭ 19ވަނަ ދުވަހު ޔަހޫދީ ފައުޖުން ވަނީ ޣައްޒާއަށް ނުވަ ލޮރީގެ ކާބޯތަކެއްޗާއި ބޭސް އެތެރެ ކުރުމުގެ ފުރުޞަތު ދީފައެވެ. މިއީ، ނިމަކެތިކޮށް ހައިހޫނުގައި ޖައްސާފައިވާ ޣައްޒާގެ 2.3 މިލިޔަން ރައްޔިތުންނަށް ބޭނުންވާ ކާބޯތަކެއްޗާއި އެހީގެ ތެރެއިން ވަރަށް ކުޑަ މިންވަރެކެވެ. ޣައްޒާގެ ސަރަޙައްދީ ރޮނގުތައް ކައިރީގައި ކާބޯތަކެއްޗާއި އެހީގެ ސާމާނު ބަރުކޮށްފައިވާ 9,000އެއްހާ ލޮރީ މި ވަގުތު ވެސް ތާށިވެފައި އޮތް ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުންޏެވެ.
އދ.އިން ބުނެފައިވާ ގޮތުގައި، ޔަހޫދީން ހުއްދަ ދީފައިވަނީ ގާތްގަނޑަކަށް 100 ލޮރީގެ އެހީ ޣައްޒާއަށް ވެއްދުމަށެވެ. ނަމަވެސް، ޣައްޒާއަށް ދުވާލަކު 500 އެއްހާ ލޮރީގެ އެހީ ބޭނުންވާކަމަށް އދ.އިން ލަފާކުރެއެވެ.