ޚަބަރު

ކޭލަކުނާއި ފަރުކޮޅުގައި ނޭޗަރ ޕާކު ތަރައްޤީކުރަން އެމްޓީޑީސީއަށް


  • ނޭޗަރ ޕާކެއް އެޅުމުގެ މަސައްކަތް ކުރާނީ ފިޔަވަހިތަކަކަށް ބަހައިލައިގެން

  • ކޮންމެ އަތޮޅެއްގައި ނޭޗަރ ޕާކް ޤާއިމްކުރުމަކީ ރައީސްގެ ވަޢުދެއް

ހދ.ކޭލަކުނާއި ށ.ފަރުކޮޅުގައި ހިމާޔާތްކޮށްފައިވާ ސަރަހައްދުގައި ނޭޗަރ ޕާކެއް ތަރައްޤީކުރުމަށް މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން، އެމްޓީޑީސީއަށް ހަވާލުކޮށްފިއެވެ.

ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވުޒާރާއިން ވިދާޅުވީ، ހދ.ކޭލަކުނު އަދި ށ. ފަރުކޮޅަކީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނުގެ ދަށުން ޙިމާޔަތްކޮށްފައިވާ ސަރަޙައްދުތަކެއްކަމަށެވެ. ވުމާއެކު، މި މަޝްރޫޢުގެ ދަށުން މި ދެ ސަރަހައްދުގައި ނޭޗަރ ޕާކުގެ މަސައްކަތްކުރުމަށް ހަމަޖެހިފައިވަނީ، ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނު ދަށުން އެކުލާވާލާފައިވާ އެހެން ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިންކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.

ކޭލަކުނު އަދި ފަރުކޮޅުގެ ހިމާޔަތްކޮށްފައިވާ ސަރަހައްދުގައި ނޭޗަރ ޕާކު އެޅުމުގެ މަޝްރޫޢުގެ އެއްބަސްވުންތަކުގައި ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ މުހައްމަދު ފާއިޒްއެވެ. އަދި މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން، އެމްޓީޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ނިޔާޒްއެވެ.

ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވުޒާރާއިން ވިދާޅުވީ، މި 2 ރަށުގައިވެސް ނޭޗަރ ޕާކެއް އެޅުމުގެ މަސައްކަތް ކުރާނީ ފިޔަވަހިތަކަކަށް ބަހައިލައިގެންކަމަށެވެ. އެގޮތުން މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން އިނީޝިއަލް ކޮންސެޕްޓް ޑިޒައިންކުރުމާއެކު، ޕާކުގެ 3ޑީ ރެންޑަރިންއެއް ހެދުމަށް ވަނީ ހަމަޖެހިފައެވެ. އަދި އިކޮލޮޖިކަލް ބޭސްލައިން އެސެސްމެންޓެއްގެ އިތުރުން ފީސަބިލިޓީ އަދި މެނޭޖްމެންޓް ޕްލޭނެއް ހެދުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފަތުރުވެރިކަމާއި ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ މުހައްމަދު ފާއިޒް ވިދާޅުވީ، މި މަސައްކަތަކީ ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅު ތަކުގެ ތެރެއިން އުތުރުގެ ސަރަހައްދުތަކުގައި ފަތުރުވެރިކަން ފުޅާ ކުރުމާއި، ކޮންމެ އަތޮޅެއްގައި ނޭޗަރ ޕާކް ޤާއިމްކުރުމުގެ މަސައްކަތާއި ގުޅިގެން ކުރެވޭ މަސައްކަތެއްކަމަށެވެ.

"މި 2 ވަޢުދުފުޅާ ގުޅޭ މަސައްކަތެއް މިއަދު އަޅުގަނޑުމެން މި ކުރައްވަނީ. އެގޮތުން ހދ. ކޭލަކުނާއި ށ. ފަރުކޮޅުގެ ހިމާޔާތްކޮށްފައިވާ ސަރަހައްދުތަކަށްވާތީ، ހިމާޔާތްކޮށްފައިވާ މަޤުސަދު ނުގެއްލޭގޮތަށް އިކޯ ޓުވަރިޒަމް ކުރިއަށްގެންދާނެ މި މަޝްރޫޢުގެ ތެރެއިން. އަދި މި މަސައްކަތުގެ ސަބަބުން އެ ހިސާބުގެ ރައްޔިތުންނަށް ވަރަށް ގިނަ މަންފާތަކެއް ކުރާނެ." ސްޓޭޓް މިނިސްޓަރ މުހައްމަދު ފާއިޒް ވިދާޅުވިއެވެ.

އެމްޓީޑީސީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ނިޔާޒް ވިދާޅުވީ، ކޮންސެޕްޓް އެކުލަވާލެވި، މި މަޝްރޫޢުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެކަމަށެވެ.

"އެހެންމަ އަޅުގަނޑުމެންގެ މަސައްކަތަކަށް ވެގެންދާނީ މިތަނުގެ ކޮންސެޕްޓެއް އެކުލަވާލުމާއި، ހިމާޔާތްކުރެވިފައިވާ ރަށްތަކަށް ވާތީ، ރަށަށް އެއްވެސް ގެއްލުމެއް ނުލިބޭގޮތަށް. އަދި ފަތުރުވެރިކަމަށް ފައިދާވާނެ ގޮތަކަށް މި މަޝްރޫޢުގެ މަސައްކަތް ކުރިއަށްދާނީ. ކުރިއަށް އޮތް ހަފްތާއެއްގެ ތެރޭގައި އަޅުގަނޑުމެން މި މަސައްކަތް ފަށާނަން." އެމްޓީޑީސީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ނިޔާޒް ވިދާޅުވިއެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ނޭޗަރ ޕާކުތައް ތަރައްޤީކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތެއް ކުރަމުންނެވެ. އެގޮތުން މިހާރުވެސް އައްޑޫ އަދި ފުވައްމުލަކު ސިޓީގައި ނޭޗަރ ޕާކުތަކެއް ތަރައްޤީކޮށްފައިވާއިރު، މި ނޭޗަރ ޕާކުތަކުގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަތް އިތުރަށް ފުޅާވެ، ރާއްޖޭގެ އިޤްތިޞާދަށް އިތުރު މަންފާތަކެއް ދަނީ ކުރަމުންނެވެ.