ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ޤަތުލުޢާންމު ހުއްޓައިލުމަށް އިންކާރު ކުރަމުންދާ ނަމަ ޔަހޫދީންނާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށް ބުނެ ހުޅަނގުގެ ތިން ބާރަކުން އިންޒާރު ދީފިއެވެ. އެ ތިން ބާރަކީ އިނގިރޭސިވިލާތާއި، ފަރަންސޭސިވިލާތް އަދި ކެނެޑާއެވެ. އެ ތިން ޤައުމުން ބުނީ، ޢުދުވާން ފުޅާ ކުރުން ހުއްޓައިލުމަށާއި، ޣައްޒާގެ ފުރަބަންދު އުވައިލުމަށް ޒަޔަނިސްޓު އިސްރާއީލުން ދެކޮޅު ހަދާ ނަމަ، އެ ޤައުމާ ދެކޮޅަށް ފިޔަވަޅުތައް އަޅާނެ ކަމުގައެވެ.
ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް އެމެރިކާގެ އެއްބާރުލުމާއި އެހީތެރިކަމާ އެކު ޔަހޫދީ ފައުޖުން ޤަތުލުޢާންމެއް ހިންގަން ފަށާފައި ވަނީ 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހުއެވެ. އެ ޤަތުލުޢާންމުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 53,272އަށް އުފުލިފައިވާ ކަމުގައި ފަލަސްޠީނުގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުނާއިރު، ޣައްޒާގެ މީޑިޔާ އޮފީހުން ބުނީ ޔަހޫދީ ފައުޖުގެ ޢުދުވާނީ ޙަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 61,700އަށް އުފުލިފައިވާ ކަމުގައެވެ. އަދި، ލާއިންސާނީ ޖަރީމާތަކުގައި ޒަޚަމު ކޮށްލާފައިވާ މީހުންގެ އަދަދު 120,673އަށް އަރައެވެ.
ޖަނަވަރީ 19ވަނަ ދުވަހު އަމަލު ކުރަން ފެށި ސުލްޙައިގެ އެއްބަސްވުމެއްގެ ދަށުން ޔަހޫދީން ވަނީ ޢުދުވާން ހިންގުން ވަގުތީ ގޮތުން މެދުކަނޑައިލާފައެވެ. ނަމަވެސް، އެކަން އެ ގޮތަށް ދެމިއޮތީ ދެ މަސްދުވަހަށެވެ. މާރިޗު 2ވަނަ ދުވަހު ޔަހޫދީ ފައުޖުން ވަނީ ޣައްޒާގެ ފުރަބަންދު އިތުރަށް ހަރުކަށިކޮށް، އެ ސަހަރަށް ކާބޯތަކެތި އެތެރެ ކުރުމަށް ހުރަސް އަޅާފައެވެ. އަދި، މާރިޗު 18ވަނަ ދުވަހު އަލުން ޢުދުވާނީ ޙަމަލާތައް ފަށާފައެވެ. އެއަށްފަހު ދީފައިވާ ޙަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 3,000އަށްވުރެ މައްޗަށް އަރައެވެ.
ޔަހޫދީންގެ ޤަތުލުޢާންމު ހުއްޓުމަކަށް ގެނައުމަށް އިންކާރު ކުރަމުންދާ ނަމަ އެ ކަމާ ދެކޮޅަށް ފިޔަވަޅުު އަޅާނެ ކަމަށް ބުނެ އިނގިރޭސިވިލާތާއި، ފަރަންސޭސިވިލާތް އަދި ކެނެޑާން އިންޒާރު ދީފައި މި ވަނީ، ޢުދުވާންތައް އިތުރަށް ފުޅާ ކުރުމުގެ ގޮތުން 'ގިޑިޔަންސް ޗެރިއަޓްސް'ގެ ނަމުގައި ބިޔަ އޮޕަރޭޝަނެއް ފަށާފައިވާ ކަން ޒަޔަނިސްޓުންގެ ހައްދުފަހަނަ އެޅި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އިޢުލާނު ކުރުމާ ގުޅިގެންނެވެ. މޭ 16ގައި ފެށި އައު ޢުދުވާނުގެ ދަށުން ޣައްޒާގެ ހުރިހާ ރައްޔިތުން ވަޒަނުން ބޭރުކޮށް، އެ ބިމަށް ވެރިވެގަންނާނެ ކަމުގައި ޔަހޫދީ ފައުޖުން ބުންޏެވެ. މިއީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަމާ އެކު ހިންގަމުންދާ ޖަރީމާތަކެކެވެ.
ޒަޔަނިސްޓު ދައުލަތާ ދެކޮޅަށް ފިޔަވަޅުތައް އަޅާނެ ކަމަށް ބުނެ އިނގިރޭސިވިލާތާއި، ފަރަންސޭސިވިލާތް އަދި ކެނެޑާން އިންޒާރު ދީފައި ވަނީ އިނގިރޭސިވިލާތުން ޝާއިޢު ކުރި ގުޅިފައިވާ ބަޔާނެއްގައެވެ. "[ޣައްޒާގެ] ޢާންމު ރައްޔިތުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް އިސްރާއީލުގެ ސަރުކާރުން ހުރަސް އެޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން، އެއީ އިންސާނިއްޔަތު ކަމާ ބެހޭ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ފުށުއެރުމުގެ ފުރުޞަތު އޮތް ކަމެއް،" އެ ބަޔާނުގައި ބުނެފައިވެއެވެ.
"[ފަލަސްޠީނުގެ] ހުޅަނގު އައްސޭރީގައި ޔަހޫދީން ވަޒަންވެރި ކުރުމަށް ކުރަމުންދާ މަސައްކަތްތަކާ އަޅުގަނޑުމެން ދެކޮޅު. އެ ކަމާ ދެކޮޅަށް ފިޔަވަޅުތައް އެޅުމަށް އަޅުގަނޑުމެން ފަހެއް ނުޖެހޭނަން، އޭގެ ތެރޭގައި ވަކިވަކި ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އެޅުން ހިމެނޭނެ،" އިނގިރޭސިވިލާތާއި، ފަރަންސޭސިވިލާތް އަދި ކެނެޑާއިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ. ނިރުބަވެރި ނަތަންޔާހޫ ވަނީ މި ކަމަށް ރައްދުދީ، ފާޑުކިޔާފައެވެ. އޭނާ ބުނީ، 2023 އޮކްޓޫބަރު 7ވަނަ ދުވަހު ޒަޔަނިސްޓު އިސްރާއީލަށް ޖިހާދީ ޙަމަލާއެއް ދިން ޙަމާސް ޖަމާޢަތަށް އެ ތިން ޤައުމުން ބޮޑު ހަދިޔާއެއް ދިނުމަށް މަސައްކަތް ކުރަމުންދާ ކަމުގައެވެ.
އިނގިރޭސިވިލާތާއި، ފަރަންސޭސިވިލާތް އަދި ކެނެޑާން ބުނީ، އިސްރާއީލުގެ ދިފާޢުގައި ފިޔަވަޅުތައް އެޅުމަށް ތާޢީދު ކުރާ ކަމުގައެވެ. ނަމަވެސް، ޙަމާސްގެ ޖިހާދީ ޙަމަލާތަކުގެ ބަދަލު ހިފުމުގެ ގޮތުން ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުން ދަނީ ހާލަތާ ނުބައްދަލު އަމަލުތަކެއް ކަމުގައި ވެސް އެ ތިން ޤައުމުން ބުންޏެވެ. އަދި، އަނިޔާވެރި ނަތަންޔާހޫގެ ސަރުކާރުން އެ ފަދަ "ނުބައިނުލަފާ" އަމަލުތައް ހިންގާ މަންޒަރު ބަލަން ތިބެވެން ނެތް ކަމުގައި ވެސް އިނގިރޭސިވިލާތާއި، ފަރަންސޭސިވިލާތް އަދި ކެނެޑާން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
މާރިޗު 2ވަނަ ދުވަހަށް ފަހު ޣައްޒާއަށް ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު އެތެރެ ކުރުމަށް ޔަހޫދީ ފައުޖުން އޮތީ ހުރަސް އަޅާފައެވެ. އަދި، ޞިއްޙީ ފަރުވާއަށް ބޭނުންވާ ބޭހާއި އެހެނިހެން ސާމާނު އެތެރެ ކުރުން ވެސް ހުއްޓުވާފައެވެ. މީގެ އިތުރުން، އިންޖީނުގެތަކާއި ޖަނަރޭޓަރުތައް ހިންގުމަށް ބޭނުންވާ ތެޔޮ އެތެރެ ކުރުމަށް ވެސް ހުރަސް އަޅާފައެވެ. މިއީ، ޣައްޒާގެ ރައްޔިތުން ގަސްދުގައި ހައިހޫނުގައި ޖައްސައި، ބަނޑަށްޖައްސައި ގިނަ އަދަދެއްގެ ބަޔަކު ޝަހީދު ކޮށްލުމަށް ހިންގަމުންދާ ޖަރީމާއެއްގެ ގޮތުގައި އެކުވެރި ދައުލަތްތައް (އދ)އާއި އެހީދޭ ބައިނަލްއަޤްވާމީ ޖަމުޢިއްޔާތަކުން ވަނީ ސިފަކޮށްފައެވެ.
ބައިނަލްއަޤްވާމީ ފިއްތުންތައް ބޮޑުވުމާ ގުޅިގެން މޭ 19ވަނަ ދުވަހު ޔަހޫދީ ފައުޖުން ވަނީ ޣައްޒާއަށް ފަސް ލޮރީގެ ކާބޯތަކެއްޗާއި ބޭސް އެތެރެ ކުރުމުގެ ފުރުޞަތު ދީފައެވެ. މިއީ، ނިމަކެތިކޮށް ހައިހޫނުގައި ޖައްސާފައިވާ ޣައްޒާގެ 2.3 މިލިޔަން ރައްޔިތުންނަށް ބޭނުންވާ ކާބޯތަކެއްޗާއި އެހީގެ ތެރެއިން ވަރަށް ކުޑަ މިންވަރެކެވެ. ޣައްޒާގެ ސަރަޙައްދީ ރޮނގުތައް ކައިރީގައި ކާބޯތަކެއްޗާއި އެހީގެ ސާމާނު ބަރުކޮށްފައިވާ 9,000އެއްހާ ލޮރީ މި ވަގުތު ވެސް ތާށިވެފައި އޮތް ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުންޏެވެ.