ޚަބަރު

ދުންފަތާ ދެކޮޅަށް ކުރާ މަސައްކަތަށް ޑަބްލިއުއެޗްއޯގެ ޚާއްސަ އެވޯޑެއް ރައީސަށް


  • ޑަބްލިއުއެޗްއޯއިން ވަނީ ރާއީސް އަޅުއްވަމުންގެންދަވާ ފިޔަވަޅުތަކަށް ތަޢުރީފު ކުރައްވާފައި

ރާއްޖޭގައި ދުންފަތް ކޮންޓްރޯލްކުރުމަށް ކުރައްވާ މަސައްކަތްތައް ފާހަގަކޮށް، ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާގެ ޚާއްސަ އެވޯޑެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ލިބިވަޑައިގެންފިއެވެ.

ދުންފަތް ކޮންޓްރޯލް ކުރުމަށްޓަކައި ކުރާ މަސައްކަތުގެ އަގު ވަޒަންކުރުމަށް ވަކިވަކި ފަރުދުންނާއި ޖަމިއްޔާތަކަށް ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާއިން ކޮންމެ އަހަރަކު ވެސް އެވޯޑުދެއެވެ.

މީގެ ތެރޭގައި ޑަބްލިއުއެޗުއޯގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޮސް އަދަނަމް ގެބްރިއޭސުސް ދެއްވާ ޚާއްސަ ރިކޮގްނިޝަން އެވޯޑްތަކާއި، ވޯލްޑް ނޯ ޓޮބެކޯ ޑޭ އެވޯޑްތައް ހިމެނެއެވެ. މިގޮތުން މިައހަރު ދިން އެވޯޑްތަކުގެ އިތުރަށް ޑަބްލިޔުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލްގެ ޚާއްސަ ރިކޮގްނިޝަން ސެޓްފިކެޓްވެސް ވަނީ ހިމަނާފައެވެ.

މިގޮތުން ރާއްޖޭގައި ދުންފަތް ކޮންޓްރޯލްކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރައްވާ މަސައްކަތްތައް ފާހަގަކުރައްވާ ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާގެ ޑިރެކްޓަރ ޖެނެރަލްގެ ޚާއްސަ އެވޯޑު އެމަނިކުފާނަށް ވަނީ ލިބިވަޑައިގެންފައެވެ. އަދި ދެން މި އެވޯޑް ލިބިވަޑައިގަތީ މޮރިޝަސްގެ ހެލްތު އެންޑް ވެލްނެސް މިނިސްޓްރީއަށެވެ.

ދުންފަތާ ދެކޮޅަށް ކުރާ މަސައްކަތް ފާހަަގަކޮށް، ދުނިޔޭގެ އެކި ގައުމުތަކުން 36 ފަރާތަކަށް އެވޯޑު ދީފައިވެއެވެ.

ރައީސް ވަނީ ދުންފަތާ ދެކޮޅަށް ހަރުކަށި ގިނަ ފިޔަވަޅުތަކެއް އަޅުއްވައިފަ އެވެ. އެގޮތުން، ރާއްޖޭގައި ވޭޕް ބުއިމާއި ވިއްކުން އެއްކޮށް ވަނީ މަނާކޮށްފަ އެވެ. އަދި، ސިނގިރޭޓްގެ ޑިއުޓީ ވެސް ވަނީ ބޮޑުކޮށްފައެވެ. އަދި 01 ޖަނަވަރީ 2007 އިން ފެށިގެން އުފަންވެފައިވާ އަދި އެ ތާރީޚުގެ ފަހުން އުފަންވާ ހުރިހާ ކުދިން ދުންފަތުގެ އިސްތިއުމާލުކުރުން މަނާކުރުމަށްވެސް ވަނީ ނިންމާފައެވެ.

ދުންފަތާ ދުރުހެލި ކުރުވަން ޖެނެރޭޝަނަލް ބޭންއެއް ކަނޑައެޅުއްވުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އެޅުއްވި ހިތްވަރުގަދަ މުހިއްމު ފިޔަވަޅެއްކަމަށް ދުނިޔޭގެ ސިއްޙަތު ޖަމުޢިއްޔާއިން މީގެ ކުރިންވެސް ވަނީ ވިދާޅުވެފައެވެ. އެކަމަށް މަރުޙަބާ ދަންނަވާ ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާއިން ވަނީ އެ ފިޔަވަޅަކީ ދެކުނު އިރުމަތީ އޭޝިޔާގެ ޤައުމަކުން މިފަދަ ފިޔަވަޅެއް އެޅި ފުރަތަމަ ފަހަރުކަންވެސް ފާހަގަކުރައްވާފައެވެ. ޑަބްލިޔުއެޗްއޯއިން ފާހަގަކުރައްވާ ގޮތުގައި ރާއްޖެއިން އެޅި ފިޔަވަޅަކީ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުޅަހެޔޮ މުސްތަގުބަލަކަށް ސަރަހައްދީގޮތުން ކުރާ މަސައްކަތަށް އެޅުނު ބާރެއްކަމަށެވެ.

ދުންފަތާ ދުރުހެލި ކުރުވަން ޖެނެރޭޝަނަލް ބޭންއެއް ކަނޑައެޅުމާއި ގުޅޭ ޤާނޫނީ އިޖުރާއާތުތައް ރާއްޖެއިން ފުރިހަމަކޮށްފައިވާއިރު، ރާއްޖޭގެ ޒައާމަތާއި ހަވާލުވެވަޑައިގަތުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުން ގެންދަވަނީ ދުޅަހެޔޮ މުޖްތަމަޢުއެއް ބިނާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން ޒުވާން ޖީލު ދުންފަތާ ދުރުކުރުމަށް އެކަށައަޅުއްވާފައިވާ ޖެނެރޭޝަނަލް ބޭން ކަނޑައަޅުއްވާފައިވަނީ އެކަމާމެދު ރައްޔިތުންގެ ޚިޔާލު ހޯއްދެވުމަށް ރައީސުލްޖުމްހޫރިޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ސޯޝަލް މީޑިއާގައި ކުރިއަށްގެންދެވި ޕޯލެއްގެ ނަތީޖާއަށް ބެއްލެވުމަށްފަހުއެވެ.