ޤައުމިއްޔަތު ކޮލެޖުގެ "ދިވެހި ޤައުމިއްޔަތުގެ އިސްވަރު"ގެ ދެވަނަ ސިންތާ ބާއްވައިފިއެވެ.
ކެތި ނަކަތުގެ ސިންތާގެ ނަމުގައި ބޭއްވި މިސިންތާގައި މިފަހަރު އަލިއަޅުވާލާފައިވަނީ "ދިވެހި ތަރިކައިގެ ތެރެއިން ކަސަބު ލިބާސް" މި މަޢުޟޫއަށެވެ.
މި ސިންތާގައި ވާހަކަދައްކަވަމުން ދިވެހި ފަންނުގެ އިސްވާރު މަރްޔަމް ޢިޝާ ޢަބްދުލްޢަޒީޒް ވަނީ ދިވެހިންނަކީ ގެތުމާއި ވިޔުމަށް ފަރިތަ ބަޔަކަށްވެފައިވާކަން ފާހަގަކުރައްވާފައެވެ. ދިވެހިންގެ މަސައްކަތްތެރިކަމުގެ ތެރެއިން ގެތުމަކީ ޚާއްސަ މަސައްކަތްކަން ފާހަގަކުރައްވައި ތާރީޚީ ފަތްފުށްތަކަށް ބިނާކޮށް ޢިޝާ ވިދާޅުވީ ދިވެހިންނަށްވުރެ ވަކި މަސައްކަތްތެރި ބަޔަކު ތާކު ނޫޅޭކަމަށެވެ. އޭނާ ވަނީ ކަސަބު ލިބާހާ ގުޅޭގޮތުންނާއި ދިވެހިންގެ ހުނަރުވެރިކަމާ ގުޅޭގޮތުން ވާހަކަދައްކަވާފައެވެ.
"ފޭރާން ވިއުން، ކުނާވިއުން، ފަންގިވިނުން، ރިޔާ ވިއުން، ރޯނުވެށުން، ހިރު ގެތުން، ކިނާރި އެޅުން މިހުންނަނީ މުޅިންވެސް އަޅުގަނޑުމެންގެ އަތްތަކުގެ ފަރިތަކަމުގެ މައްޗަށް ބިނާވެފައި ހުރި ހުނަރުތަކާއި ފަންނުތައް" ދިވެހި ޤައުމިއްޔަތުގެ އިސްވަރުގެ ފަންނުވަރުގެ އިސްވާރު މަރްޔަމް ޢިޝާ ޢަބްދުލް ޢަޒީޒް ވިދާޅުވިއެވެ.
މި ސިންތާގެ މަޢުޟޫއަށް ވާހަކަދައްކަވަމުން ކަސަބު ގެތުމުގައި އުޅުވާ އަދި އެމަސައްކަތް ކުރައްވާ ފާތުމަތު ނަދުހާ އަބްދުލްމުޙުސިން ވަނީ އޭނާ އެ މަސައްކަތް ކުރަމުން އައިސްފައިވާ ގޮތް ކިޔާދީފައެއްވެ. އޭނާ ވަނީ ކަސަބު ލިބާހާ ގުޅޭގޮތުން ކުރަމުންދާ ދިރާސާގެ ކަންކަންވެސް ހިއްސާ ކުރައްވާފައެވެ.
"ދިވެހި ލިބާސް އަޅުގަނޑުމެން މާނަކުރަނީ ދިވެހި އަންހެނުން ލާއުޅޭ ފޭރާންތަކުގެ ތެރެއިން އޭގައި ވަކި ސިފަތަކެއް އެކުލެވޭ ބޯވަޅުއެޅި އަދި ބޯވަޅު ނާޅާ ލިބާހެއް" ފާތުމަތު ނަދުހާ އަބްދުލްމުޙުސިން ވިދާޅުވިއެވެ.
ދިވެހި ޤައުމިއްޔަތުގެ އިސްވަރަކީ ދިވެހި ޤައުމިއްޔަތުގެ ޢިލްމު ފަތުރާ އާލާކޮށް، ޤައުމިއްޔަތު އަލުން އިޢާދަކުރުމަށް އުފައްދާފައިވާ ކޮލެޖެކެވެ. ކޮލެޖުގެ މަޤުޞަދުތަކުގެ ތެރޭގައި ދިވެހި ޤައުމިއްޔަތުގެ ބަހާތަކުގެ އެކި ރޮނގުރޮނގުން، ރާއްޖޭގެ ދެ މޫސުމާއި ނަކަތްތަކުގައި ސިންތާތަކާއި މަހާސިންތާތައް އިންތިޒާމުކޮށް ބޭއްވުން ހިމެނެއެވެ.