ޚަބަރު

ޣައްޒާ ޤަތުލުޢާންމާ ދެކޮޅަށް ނެދަރލެންޑްސްގައި ބިޔަ މުޒާހަރާއެއް


ފަަލަސްޠީނުގެ ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީން ހިންގަމުންދާ ޤަތުލުޢާންމު ހުއްޓުވުމުގެ ގޮތުން ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމަށް ގޮވައިލައި އެތަކެއް ހާސް ބަޔަކު ނެދަރލެންޑްސްގެ ދި ހޭގްގައި މުޒާހަރާ ކޮށްފިއެވެ. އެ މުޒާހަރާ އިންތިޒާމު ކޮށްފައި ވަނީ, ހަމަހަމަކަން ޤާއިމުކުރުމަށާއި ފަޤީރުކަން ނައްތައިލުމަށް ވަކާލާތު ކުރާ ބައިނަލްއަޤްވާމީ ޖަމުޢިއްޔާ، އޮކްސްފެމްގެ ނެދަރލެންޑްސްގެ ގޮފި، އޮކްސްފެމް ކޮވީބުންނެވެ.

ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް އެމެރިކާގެ އެއްބާރުލުމާއި އެހީތެރިކަމާ އެކު ޔަހޫދީ ފައުޖުން ޤަތުލުޢާންމެއް ހިންގަން ފަށާފައި ވަނީ 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހުއެވެ. އެ ޤަތުލުޢާންމުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 53,272އަށް އުފުލިފައިވާ ކަމުގައި ފަލަސްޠީނުގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުނާއިރު، ޣައްޒާގެ މީޑިޔާ އޮފީހުން ބުނީ ޔަހޫދީ ފައުޖުގެ ޢުދުވާނީ ޙަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 61,700އަށް އުފުލިފައިވާ ކަމުގައެވެ. އަދި، ލާއިންސާނީ ޖަރީމާތަކުގައި ޒަޚަމު ކޮށްލާފައިވާ މީހުންގެ އަދަދު 120,673އަށް އަރައެވެ.

ޖަނަވަރީ 19ވަނަ ދުވަހު އަމަލު ކުރަން ފެށި ސުލްޙައިގެ އެއްބަސްވުމެއްގެ ދަށުން ޔަހޫދީން ވަނީ ޢުދުވާން ހިންގުން ވަގުތީ ގޮތުން މެދުކަނޑައިލާފައެވެ. ނަމަވެސް، އެކަން އެ ގޮތަށް ދެމިއޮތީ ދެ މަސްދުވަހަށެވެ. މާރިޗު 2ވަނަ ދުވަހު ޔަހޫދީ ފައުޖުން ވަނީ ޣައްޒާގެ ފުރަބަންދު އިތުރަށް ހަރުކަށިކޮށް، އެ ސަހަރަށް ކާބޯތަކެތި އެތެރެ ކުރުމަށް ހުރަސް އަޅާފައެވެ. އަދި، މާރިޗު 18ވަނަ ދުވަހު އަލުން ޢުދުވާނީ ޙަމަލާތައް ފަށާފައެވެ. އެއަށްފަހު ދީފައިވާ ޙަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 3,000އަށްވުރެ މައްޗަށް އަރައެވެ.

އައިސީޖޭ ކައިރީގައި ބޭއްވި މުޒާހަރާގައި 100,000އަށްވުރެ ގިނަ މީހުން

ޔަހޫދީންގެ ޤަތުލުޢާންމާ ދެކޮޅަށް އަޑުއުފުލުމަށާއި، ޢުދުވާން ހުއްޓުވުމަށް ނެދަރލެންޑްސްގެ ސަރުކާރުން ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމަށް ގޮވައިލައި ދި ހޭގްގައި ބޭއްވި މުޒާހަރާގައި 100,000އަށްވުރެ ގިނަ މީހުން ބައިވެރިވި ކަމުގައި މުޒާހަރާ އިންތިޒާމު ކުރި އޮކްސްފެމް ކޮވީބުން ބުންޏެވެ. މުޒާހަރާގެ ބައިވެރިން ޖަމާވެފައި ވަނީ އިންސާފާ ބެހޭ ބައިނަލްއަޤްވާމީ ކޯޓު (އައިސީޖޭ) ކައިރިއަށެވެ.

ޔަހޫދީންނާ ދެކޮޅަށް ހުސްވި އަހަރު ދެކުނު އެފްރިކާއިން ހުށަހަޅާފައިވާ މައްސަލައެއް މި ވަގުތު އެ ކޯޓުން ދަނީ އަޑުއަހަމުންނެވެ. އަދި، ޣައްޒާގެ ރަފަޙްގައި ހިންގަމުންދާ ޤަތުލުޢާންމު ހުއްޓައިލުމަށް އެ ކޯޓުން ހުސްވި އަހަރުގެ ތެރޭގައި އަމުރުކޮށްފައިވެއެވެ. ދެކުނު އެފްރިކާއިން ހުށަހަޅާފައިވާ މައްސަލައިގައި އެދިފައި ވަނީ ޣައްޒާގެ މުސްލިމުންގެ ނަސްލު ނައްތައިލުމަށް ޔަހޫދީ ފައުޖުން ޤަތުލުޢާންމެއް ހިންގަމުންދާ ކަމުގައި ކަނޑައަޅައިދިނުމަށެވެ. އަދި، އެ ޤަތުލުޢާންމު ހުއްޓުވުމަށް އަމުރު ކޮށްދިނުމަށެވެ.

އޮކްސްފެމް ނޮވީބުން ބުނީ، ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ހަނގުރާމައިގެ ޖަރީމާތައް ހުއްޓުވުމަށް ނެދަރލެންޑްސްގެ ސަރުކާރުން އެކަށީގެންވާ މަސައްކަތްތަކެއް ކުރަމުން ނުދާ ކަމުގައެވެ. އަދި، އެ ކަމާ ދެކޮޅަށް އަޑުއުފުލުގައި ދެމިތިބޭނެ ކަމުގައި ވެސް އެ ޖަމުޢިއްޔާއިން ބުންޏެވެ.

ޣައްޒާ ޢުދުވާނާ ގުޅޭ ގޮތުން މި މަހުގެ ކުރީކޮޅު ވާހަކަފުޅު ދައްކަވަމުން ނެދަރލެންޑްސްގެ ޚާރިޖީ ވަޒީރު ކަސްޕަރ ފެލްޑްކަމްޕް ވަނީ ޒަޔަނިސްޓުންގެ އިސްރާާއީލާ އެކު ބާއްވަމުންދާ ގުޅުންތައް މުރާޖާ ކުރުމަށް އޭނާ ވިލާތުގެ އިއްތިހާދު (އީޔޫ)ގެ މެންބަރު ޤައުމުތަކަށް ގޮވައިލައްވާފައިވާނެ ކަމުގައެވެ. ނަމަވެސް، ނެދަރލެންޑްސްގައި މި ވަގުތު ވެރިކަން ކުރާ އިއްތިޙާދުގައި ހިމެނޭ މައި ޕާޓީ ކަމުގައިވާ ޕާޓީ ފޯ ފްރީޑަމް (ޕީވީވީ)ގެ ވެރިޔާ ހިޔަރޓް ވިލްޑަރސަކީ ޔަހޫދީންނަށް ތާޢީދު ކުރާ، އަދި މުސްލިމުންގެ ޙައްޤުތައް ނިގުޅައިގަތުމަށް ވަކާލާތު ކުރާ މީހެކެވެ. ދި ހޭގްގައި ބާއްވާފައިވާ މުޒާހަރާގެ ބައިވެރިންނަކީ ޙަމާސަށް ތާޢީދު ކުރާ ބަޔެއްގެ ގޮތުގައި އޭނާ ސިފަކުރިއެވެ.