ޚަބަރު

ފުވައްމުލައް ސިޓީގައި ބޭއްވި ބެޑްމިންޓަން އަމްޕަޔަރ ޓްރޭނިންގ ކޯސް ނިންމާލައިފި


މޯލްޑިވްސް ނޭޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް އިން ފުވައްމުލައް ސިޓީ ކައުންސިލާއި ގުޅިގެން ކުރިޔަށް ގެންދިޔަ ބެޑްމިންޓަން އަމްޕަޔަރ ޓްރޭނިންގ ކޯސް ނިންމާ ބައިވެރިންނަށް ސެޓިފިކެޓް ހަވާލުކޮށްފިއެވެ.

މި ކޯހުގެ ބައިވެރިންނަށް ކިޔަވާދެއްވީ ބެޓްމިންޓަންގެ ތަޖުރިބާކާރު ދެ ރެފްރީން ކަމަށްވާ އިބްރާހިމް ޒިޔާއު މުހައްމަދާއި އަލީ އަބުދުލް ކަރީމް އެވެ.

ބެޑްމިންޓަން އަމްޕަޔަރުންނަށް އެނގެން ޖެހޭ މުހިންމު މައުލޫމާތުތައް މި ކޯހުގެ ބައިވެރިންނަށް ކިޔައިދީފައިވެއެވެ. މި ކޯސް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ފުވައްމުލަކު ދެކުނު ދާއިރާގެ މަޖިލީސް މެންބަރު އިބްރާހިމް ހަސަންއެވެ. މި ރަސްމިއްޔާތުގައި ފުވައްމުލައް ސިޓީގެ މޭޔަރު އިސްމާއިލް ރަފީގްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މިކޯހުގައި ޖުމްލަ ނުވަ ފަރާތަކުން ބައިވެރިވެފައިވާއިރު ހުރިހާ ބައިވެރިންވެސް ވަނީ ކޯސް ފުރިހަމަކޮށް ސެޓްފިކެޓްހާސިލްކޮށްފައެވެ. ފުވައްމުލައް ސިޓީގައި ކުރިއަށްގެންދިޔަ ބެޑްމިންޓަން އަމްޕަޔަރ ޓްރެއިންގ ފުރިހަމަކޮށްފައިވަނީ 3 ފިރިހެން ބައިވެރިންނާއި 6 އަންހެން ބައިވެރިންނެވެ.

މިފަދަ ކޯހެއް ބޭއްވުމުގެ މަގްސަދަކީ ބެޓްމިންޓަންގެ ފެންވަރު މަތިކޮށް ބެޓްމިންޓަންގެ ދާއިރާއިން މީހުން ބިނާކުރުމެވެ. ފުވައްމުލައް ސިޓީން މިފަދަ ކޯސްތަކަށް ބޮޑު ތަރުހީބެއް ލިބޭއިރު މިފަދަ ޓްރޭނިން ޕްރޮގްރާމްތައް ހިންގާ ކުޅިވަރުގެ ދާއިރާއިން މީހުން ބިނާ ކުރުމާއި ކުޅިވަރު ވަސީލަތްތައް މުޅި ރާއްޖޭގައި ބިނާކުރުމަކީ ކުޅިވަރު ވުޒާރާއިން ވަރަށް ބޮޑަށް އިސްކަންދެއްވާ ކަމެކެވެ.