ޚަބަރު

ޣައްޒާގެ ރައްޔިތުންނަށް ރައްކާތެރިކަން ފޯރުކޮށްދީ، އިސްރާއީލް ޖަވާބުދާރީ ކުރުވުމަށް ރާއްޖެއިން ގޮވާލައިފި


  • ޣައްޒާގައި އިސްރާއީލުން ހުއްޓުމެއްނެތި ދެމުންދާ ހަމަލާތައްވަނީ ހަރުކަށި ޢިބާރާތުން ކުށްވެރިކުރައްވާފައި

އިސްރާއީލުން ޕަލަސްތީނު ރައްޔިތުންގެ ނަސްލު ނައްތާލުމަށް ކުރިއަށް ގެންދާ އަނިޔާވެރި ޢަމަލުތައް ވަގުތުން ވަގުތަށް ހުއްޓުވައި، ޣައްޒާގެ ރައްޔިތުންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް ދިވެހި ސަރުކާރުން ގޮވާލައްވައިފިއެވެ.

އިސްރާއީލު ސަރުކާރުން ހުއްޓުމެއްނެތި ޣައްޒާއަށް ދެމުންދާ ހަމަލާތައް ކުށްވެރިކޮށް ދިވެހި ސަރުކާރުން ނެރުއްވި ނޫސް ބަޔާނުގައިވަނީ ޣައްޒާގައި އިސްރާއީލުން ހުއްޓުމެއްނެތި ދެމުންދާ ހަމަލާތައް އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކުރައްވާފައެވެ.

އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި މިއަދު އެކަނިވެސް ކުށެއްނެތް 100 އަށްވުރެ ގިނަ ފަލަސްތީނު ރައްޔިތުންވަނީ ޝަހީދުކޮށްލާފައެވެ. މިހަމަލާތަކަކީ، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާއި، ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކުގެ ޤާނޫނާއި އަދި ބައިނަލްއަޤްވާމީ އިންސާނިއްޔަތުކަމުގެ ޤާނޫނާ ސީދާ ޚިލާފު ޢަމަލުތަކެކެވެ.

އިސްރާއީލުން ޕަލަސްތީނު ރައްޔިތުންގެ ނަސްލު ނައްތާލުމަށް ކުރިއަށް ގެންދާ އަނިޔާވެރި ޢަމަލުތައް ވަގުތުން ވަގުތަށް ހުއްޓުވައި، ޣައްޒާގެ ރައްޔިތުންނަށް ރައްކާތެރިކަން ފޯރުކޮށްދީ، އިސްރާއީލުގެ ޢަމަލުތަކަށް ޖަވާބުދާރީ ކުރުވުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢަށް ރާއްޖެއިންވަނީ ގޮވާލަފައެވެ.

މިހަމަނުޖެހުމަށް ދެމެހެއްޓެނިވި އަދި ޢަދުލުވެރި، ޞުލްޙަވެރި ޙައްލެއް ލިބޭނީ 1967 ގެ ކުރީގެ ސަރަޙައްދުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސްއަކީ ވެރިކަންކުރާ ރަށްކަމުގައި ކަނޑައަޅައި، މިނިވަން އަދި މުސްތަޤިއްލު ފަލަސްޠީނު ދައުލަތެއް ޤާއިމްކުރެވިގެންކަމަށް ދެކޭކަމަށް ދިވެހި ސަރުކާރުން ނެރުއްވި ނޫސްބަޔާނުގައިވަނީ ވިދާޅުވެފައެވެ.