ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ޑިޖިޓަލައިޒޭޝަން ތަޞައްވުރުގެ ތެރެއިން ރައްޔިތުންނާއި ހަމައަށް އެ ބަދަލުތައް ގެންގޮސްދިނުމުގެ ޤާބިލްކަން އެލްޖީއޭގައި އެބަހުރިކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.
ވަޒީރު އާދަމް ޝަރީފް މިހެން ވިދާޅުވީ "މޯލްޑިވްސް 2.0" އާ ބެހޭގޮތުން މަޢުލޫމާތު ދިނުމަށް ބޭއްވި އޮރިއެންޓޭޝަން ސެޝަންގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިމަސައްކަތު ބައްދަލުވުމަކީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއާއި، ލޯކަލް ގަވަރމަންޓް އޮތޯރިޓީ އާއި ޓްރޭޑްނެޓް އަދި ނޭޝަނަލް ސެންޓަރ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ، ގުޅިގެން ވަޒީރު އާދަމް ޝަރީފް އުމަރުގެ އިސްނެންގެވުމުގެ މަތިން ބޭއްވި ބައްދަލުވުމެކެވެ. މިބައްދަލުވުމަކީ މޯލްޑިވްސް 2.0ގެ އެއް ތަނބު ކަމަށްވާ ރައްޔިތުންނަށް އިސްކަންދީގެން ޚިދުމަތްތައް ފަރުމާކުރުމާއި ގުޅޭ މައުލޫމާތުތައް ދިނުމަށް ބޭއްވި ބައްދަލުވުމެކެވެ.
މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު އާދަމް ޝަރީފް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ގެންނަވަން ބޭނުންފުޅުވާ ޑިޖިޓަލައިޒޭޝަން ބަދަލުގެ އިސްސަފުގައި މަސައްކަތް ކުރުމަށް އެލްޖީއޭއާއި އެވުޒާރާއިން ތައްޔާރުވެފައިވާ ކަމަށެވެ. އެލްޖީއޭއަކީ ރާއްޖޭގެ ހުރިހާ ކައުންސިލަކަށް ބޭނުންވާ އޮންލައިން ވަސީލަތްތައް ޤާއިމްކުރުމަށް މަސައްކަތް ކޮށްދެއްވާ ތަޖުރިބާހުރި ފަރާތްތައް ތިބި އިދާރާއެއްކަމަށާއި އޮންލައިން ވަސީލަތުގެ ސަބަބުން ކައުންސިލްތަކާއި ދައުލަތުގެ އިދާރާތައް ވަރަށް ބޮޑަށް ގުޅިލާމެހިފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ،
" މިމަސައްކަތް ފެށުނީމަ ރައީސްގެ ތަޞައްވުރާއި އެއްގޮތަށް، ރައީސް ބޭނުންވާ ސްޕީޑުގައި މޯލްޑިވްސް 2.0 މުޅި ރާއްޖެއަށް ހުރިހާ ހިސާބަކަށް ހުރިހާ ގެއަކަށް، ހުރިހާ ދޮރަކާއި ހަމައަށް ހަމައެކަނި ކައުންސިލްތަކަށްވުރެ ދުރަށް ގޭގޭގެ ދޮރާއި ހަމައަށް، ރައްޔިތުން ބޭނުންވާ ޚިދުމަތްތައް ކައުންސިލުން ބޭނުންވާ ކަންތައްތައް ރަނގަޅަށް ދެނެގަނެ އެކަންކަން ކުރުމަށް އެންމެ ރަނގަޅު ބޭފުޅުންނަކީ ތިބޭފުޅުން މިކަމުގައި އަޅުގަނޑު އެދުމަކީ ހުރިހާ ބޭފުޅުންވެސް މިއީ މުހިންމުކަމެއްކަން ދެކި، ރައްޔިތުންނަށް ފަސޭހަ ގެނައުމަށް މަގުފަހިވާނެ ގޮތަށް އެމްބެސެޑާސް ގޮތުގައި ތިބޭފުޅުން މަސައްކަތްކޮށްދެއްވުން. ރައީސް ތަޞައްވުރާއި އެއްގޮތަށް މަސައްކަތް ކުރުމަކީ އަޅުގަނޑުގެ އެދުމެއް.
"ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވިއެވެ.
ރާއްޖޭގެ ޑިޖިޓަލައިޒޭޝަން މަސައްކަތަކީ ކުރިއަށް އޮތް 3 އަހަރު ތެރޭގައި ނިންމުމަށް ސަރުކާރުން ކަނޑައަޅާފައިވާ މަސައްކަތެކެވެ. މި މަސައްކަތުގެ ދަށުން، ކައުންސިލްތަކާއި ދައުލަތުގެ އިދާރާތަކާއި ޝަރުޢީ ދާއިރާ އާއި ޤާނޫނު ހެދުމުގެ ބާރު ޑިޖިޓަލައިޒް ކުރުމަށް މަސައްކަތް ކުރާނެއެވެ. މިއާއެކު ރައްޔިތުންނަށް، އިސްކަންދޭ ކޮންމެ ރަށެއްގެ ކޮންމެ ހިސާބެއްގައިވެސް ހުންނަ ފަރާތްތަކަށް ޚިދުމަތް ބޭނުން ކުރެވޭ ނިޒާމެއް ޤާއިމް ކުރުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.
މިމަސައްކަތް ކުރުމަށް ޚާއްސަ ސަމިޓެއްވެސް ސަރުކާރުން ވަނީ ބާއްވާފައެވެ.