ޚަބަރު

ހަނިމާދޫ ޕޮލިސް ސްޓޭޝަންގެ ބެލުމުގެދަށުގައި ހުރި ބަނގުރާ ނައްތާލައިފި


  • ނައްތާލާފައިވަނީ 215 ފުޅި ބަނގުރަލާއި 4 ދަޅު ބަނގުރާ

އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ތަކެތީގެ ތެރެއިން ހދ. ހަނިމާދޫ ޕޮލިސް ސްޓޭޝަންގެ ބެލުމުގެދަށުގައި ހުރި ބަނގުރާ ނައްތާލައިފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ މެއި މަހުގެ 15 ވަނަ ދުވަހު ނައްތާލާފައިވަނީ 215 ފުޅި ބަނގުރަލާއި 4 ދަޅު ބަނގުރާ ކަމަށެވެ. މި ތަކެއްޗަކީ 2024 ޑިސެންބަރު 14 ވަނަ ދުވަހުން ފެށިގެން މިއަހަރުގެ މިހާތަނަށް ހަނިމާދޫ އެއަރޕޯޓަށް ފުރަންދިޔަ ފަތުރުވެރިންގެ އަތުން އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން ނަގައި ފުލުހުންނާ ހަވާލުކޮށްފައިވާ ތަކެތިކަމަށް ފުލުހުން ވިދާޅުވިއެވެ.

ބަނގުރާ ނައްތާލާފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން އެކަމަށްޓަކައި އެކުލަވާލި ކޮމިޓީގެ ބެލުމުގެ ދަށުން ކަމަށް ފުލުހުން ވިދާޅުވިއެވެ.