ޚަބަރު

މާލެ ސަރަހައްދުގައި އިތުރު 10،000 ޓަނުގެ ފެން ރައްކާކުރަން ޖޫން މަހު ފެށޭނެ: މަޠީން


  • ތާންގީތަކުގެ މަސައްކަތް ވަނީ ނިމިފައި، މިހާރު ކުރަމުންދަނީ ހޮޅި އެޅުމުގެ މަސައްކަތް

  • 10،000 ޓަނުގެ ފެން އުފައްދާ ޕްލާންޓްގެ ފައުންޑޭޝަން އެޅުމުގެ މަސައްކަތް ދަނީ ކުރަމުން

މާލެ ސަރަހައްދުގައި އިތުރު 10،000 ޓަނުގެ ފެން ރައްކާކުރަން ޖޫން މަހު ފެށޭނެކަމަށް އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރ ޢަބްދުލް މަޠީން މުޙައްމަދު ވިދާޅުވެއްޖެއެވެ.

މާލެ ސަރަހައްދަށް އިތުރު 10،000 ޓަނުގެ ފެން ރައްކާކުރުމުގެ ޤާބިލުކަން ލިބިފައިވާ ތާނގީތައް ތަރައްޤީކުރުމުގެ މަސައްކަތް ފެށީ މިދިޔަ އަހަރުއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގުރާމްގައި ވާހަކަދައްކަވަމުން އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރ ޢަބްދުލް މަޠީން މުޙައްމަދު ވިދާޅުވީ މާލެ ސަރަހައްދުގެ ފެން އުފައްދާ، ރައްކާކުރުމުގެ ޤާބިލުކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

އެގޮތުން ހުޅުމާލޭގައި ތަރައްޤީކުރާ 10،000 ޓަނުގެ ފެން ރައްކާކުރާ ތާންގީތަކުގެ މަސައްކަތް މިހާރު ނިމިފައިވާކަމަށް މަޠީން ވިދާޅުވިއެވެ. އަދި ޚިދުމަތް ފެށުމަށްޓަކައި ތާނގީތަކާ ގުޅަންޖެހޭ ޕަންޕާއި ޕައިޕްލައިންތަކުގެ މަސައްކަތް ކުރަމުންދާކަމަށް މަޠީން ވިދާޅުވިއެވެ.

މަޠީން ވިދާޅުވީ ޕައިޕްލައިންތަކުގެ މަސައްކަތް ނިމި، ފެން ރައްކާކުރާ ޕްލާންޓް ޚިދުމަތަށް ގެނެވޭނީ އަންނަ މަހު ކަމަށެވެ.

މަޠީން ވަނީ މާލެ ސަރަހައްދުގެ ފެން އުފެއްދުމުގެ ޤާބިލުކަން އިތުރުކުރުމަން ހަދަމުންދާ 10،000 ޓަނުގެ ފެން އުފައްދާ ޕްލާންޓްގެ މަސައްކަތަށްވެސް އަލިއަޅުވާލައްވާފައެވެ. އެގޮތުން ޕްލާންޓްގެ ފައުންޑޭޝަންގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށާއި ތަވާލާ އެއްގޮތަށް މި އަހަރު އެ މަސައްކަތް ނިމޭނެކަމަށް އޭނާ ވިދާޅުވިއެވެ.

"ބައިނަލްއަޤުވާމީ ނީލަމަށް ހުޅުވާލައިގެން މި މަސައްކަތް މިކުރަނީ. މިހާރު ވަނީ ފަރާތަކާ ހަވާލުކުރެވިފައި އިމާރާތުގެ މަސައްކަތް. ޕްލާންޓް މެނިފެކްޗަރކުރުމުގެ އެއްބައި މިހާރު ވަނީ ނިމިފައި. ބައެއް ތަކެތި މާލެވެސް ގެނެސްފައިވަނީ." މަޠީން ވިދާޅުވިއެވެ.

މާލެ ސަރަހައްދުގެ ފެން ރައްކާކުރުމާއި އުފެއްދުމުގެ ޤާބިލުކަން އިތުރުކުރުމަށް ސަރުކާރުން ވަނީ ގިނަ މަސައްކަތްތަކެއް ފަށްޓަވާފައެވެ. އޭގެ ތެރޭގައި ސިނަމާލެ ބުރިޖު މެދުވެރިކޮށް މާލެ-ހުޅުމާލޭ ފެނުގެ ވިއުގައަކުން ގުޅާޅުމުގެ މަސައްކަތް ހިމެނެއެވެ. މި މަސައްކަތް މިއަހަރުގެ މެދުތެރޭ ނިންމުމަށްވަނީ ހަމަޖެހިފައެވެ. ނަމަވެސް އެމަޖެންސީގެ ހާލަތުގައި އެއް ރަށުން އަނެއް ރަށަށް ފެން ފޯރުކޮށްދޭން ޖެހިއްޖެނަމަ އެ ވިއުގަ މިހާރު ބޭނުންކުރެވޭނެކަމަށް އެމްޑަބްލިޔުއެސްސީން ވިދާޅުވެއެވެ.