ޚަބަރު

އުފެއްދުންތެރިކަމުގެ މައުރަޒުން 3500 އަށްވުރެ ގިނަ އުފެއްދުން ފެންނާނެކަމަށް އަންދާޒާކުރެވޭ


  • މިމައުރަޒު ކުރިއަށްދާނީ މިމަހުގެ 23 އިން 31ގެ ނިޔަލަށް

  • މިހާތަނަށް 51 ކެޓަގަރީއަކުން ތަކެތިވަނީ ހުށައަޅާފައި

  • 21 ރަށަކުން އެކި އުފެއްދުންތައްވަނީ ހުށައަޅާފައި

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒުން މިއަހަރު 3500 އަށްވުރެ ގިނަ އުފެއްދުން ފެންނާނެކަމަށް އަންދާޒާކުރެވޭކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

އެވުޒާރާއިން ވިދާޅުވީ މިއީ މިހާތަނަށް ރާއްޖޭގައި ބާއްވާ އެންމެ ބޮޑު މައުރަޒުކަމަށާއި، މިމަޢުރަޒުން ރިކޯޑު ޢަދަދެއްގެ އުފެއްދުންތައް ފެންނާނެކަމަށެވެ.

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު އަންނަ ހުކުރު ދުވަހު ފެށުމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވުޒާރާއާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން، ބީސީސީން އަންނަނީ ތައްޔާރުވަމުންނެވެ. މިމައުރަޒަކީ މިހާތަނަށް ރާއްޖޭގައި ބާއްވާ އެންމެ ބޮޑު މައުރަޒުކަމަށް ސަރުކާރުން ވިދާޅުވެއެވެ. ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން، އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރުގެ ނައިބު އަޙްމަދު މުޙައްމަދު ވިދާޅުވީ، މިއަހަރުގެ މައުރަޒުގައި ގާތްގަނޑަކަށް 3500 އަށްވުރެ ގިނަ އުފެއްދުން ފެންނާނެކަމަށް އަންދާޒާކުރެވޭކަމަށެވެ.

އެގޮތުން މިދިޔަ ހުކުރު ދުވަހާއި ހަމައަށް 51 ކެޓަގަރީއަކުން އުފެއްދުންތައް ހުށައަޅާފައިވާކަމަށް ވިދާޅުވިއެވެ. އަދި މިހާތަނަށް 21 ރަށަކުން އުފެއްދުންތައް ހުށައަޅާފައިވާކަމަށް އަޙްމަދު މުޙައްމަދު ވިދާޅުވިއެވެ. މިމަޢުރަޒުގައި ސަރުކާރު ކުންފުނިތަކަށް ޚާއްސަ ކެޓަގަރީއެއް ތަޢާރަފްކޮށްފައިވާއިރު، މިބައިން މިއަހަރު ގާތްގަނޑަކަށް 5 ކުންފުންޏަކުން އެކި އުފެއްދުންތައް ބައިވެރިކުރާނެކަމަށް ލަފާކުރެވޭކަމަށް އަޙްމަދު މުޙައްމަދު ވިދާޅުވިއެވެ.

"6 އަހަރު ފަހުން މައުޒަރު ބާއްވާތީ އަޅުގަނޑުމެން އެހާ ބޮޑު ތަރުހީބެއް ނުލިބިދާނެކަމަށް ވިސްނައިގެން ވާހަކަދެކެވުނީ. އެހެންނަމަވެސް އަޅުގަނޑުމެން އުއްމީދުކުރި ވަރަށްވުރެ ބޮޑު ތަރުހީބެއް އެބަލިބޭ. ބައެއް ސަރަޙައްދުތަކުން ޖާގަ އިތުރުކުރަންވެސް ޖެހިގެން އެމަސައްކަތްވެސް ކުރިއަށްއެބަދޭ." އަޙްމަދު މުޙައްމަދު ވިދާޅުވިއެވެ.

އުފެއްދުންތެރިކަމުގެ މައުރަޒުގައި ތަކެތި ބައިވެރިކުރުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު ކުރިއަށް އޮތް 2 ދުވަހުވެސް ތަކެތި ބަލައިގަންނާނެކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

މިމަޢުރަޒް އޮންނާނީ މިމަހުގެ 23 އިން 31ގެ ނިޔަލަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ. އެގޮތުން މިމައުރަޒްގައި އެކި ބާވަތުގެ މުދާ ވިއްކުމަށް ޚާއްސަ މާކެޓް ޕްލޭސްއަކާއި، އިނޮވޭޓިވް ޓެކްނޮލޮޖީ ޑިސްޓްރިކްޓަކާއި، މުނިފޫހިފިލުވުމަށް ޚާއްސަ ސަރަޙައްދަކާއި، މައުރަޒުގެ އުފެއްދުންތަކަށް ޚާއްސަ ސަރަޙައްދެއް ހުޅުމާލޭ ސެންޓްރަލް ޕާކުގައިވަނީ ޤާއިމުކޮށްފައެވެ.