ޚަބަރު

އީރާނުގެ ނިއުކްލިޔަރ މަޝްރޫޢާ ގުޅޭ އެއްބަސްވުމަކާ ހަމައަށް އައުމަށް ގާތްވެފައިވާ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ


އީރާނުގެ ނިއުކްލިޔަަރ މަޝްރޫޢުއާ ގުޅޭގޮތުން އެމެރިކާއާއި އީރާނާ ދެމެދު ކުރަމުންދާ މަޝްވަރާތަކުގައި އެއްބަސްވުމަކާ ހަމައަށް އައުމަށް ވަރަށް ގާތްވެފައިވާ ކަމަށާއި އެމެރިކާގެ ހުށަހެޅުންތަކަށް އީރާނުން ކޮންމެވެސް ސިފައެއްގެ އެއްބަސްވެފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

މެދުއިރުމަތީގެ ބައެއް ޤައުމުތަކަށް މިހާރު ޓްރަމްޕް ކުރައްވަމުންދާ ޒިޔާރަތުގެ ތެެރެއިން ޓްރަމްޕް ވިދާޅުވީ ދާއިމީ ގޮތަކަށް ޞުލްޙަ ޤާއިމު ކުރުމަށް އީރާނާއެކު ރަނގަޅު މަޝްވަރާތައް ކުރުމަށް އެމެރިކާއިން ވަރަށް ބޮޑަށް އެދޭ ކަމަށެވެ. އަނިޔާވެރިގޮތަކަށް މައްސަލަ ޙައްލުކުރުމުގެ ބަދަލުގައި މަޝްވަރާ ކޮށްގެން މައްސަލަ ޙައްލު ކުރުމާ ގާތްވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މި ޙާލަތުގައި އެމެރިކާއާއި އީރާނާ ދެމެދު އެއްބަސްވުމެއް ޤާއިމު ކޮށްފާނެ ކަމަށް ބަލައި ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ ދަށަށް ގޮސްފައެވެ. ނަމަވެސް މަޝްވަރާތަކާ ބެހޭ މަޢުލޫމާރު އެނގޭ އީރާނުގެ މަސްދަރަކުން ބުނީ އެމެރިކާއާއެކު ކުރަމުންދާ މަޝްވަރާތަކުގައި ދެ ފަރާތަށް އެއްބަސްނުވެވޭ ކަންތައްތަކެއް ހުރި ކަމަށެވެ. ޢުމާން މެދުވެރިވެ އެމެރިކާއާއި އީރާނާ ދެމެދު ކުރިއަށް ގެންދިޔަ މަޝްވަރާތައް މެއި މަހުގެ 11ވަނަ ދުވަހު ނިންމާލާފައިވާއިރު އަދި އިތުރު މަޝްވަރާތައް ދެފަރާތުގެ ދެމެދުގައި ކުރާނެ ކަމަށް ބެލެވެއެވެ.

ނިއުލްލިކަރ ހަތިޔާރެއް އުފެއްދުމަށް ނޫނަސް، މަދަނީ ބޭނުމަށް އެކަނި ވެސް ޔުރޭނިއަމް މުއްސަނދި ކުރަމުން ދިޔުމަށް އީރާނުން ބޭނުންވާއިރު މިއީ އެމެރިކާއިން އެދޭ ގޮތެއް ނޫނެވެ. ޔުރޭނިއަމް މުއްސަނދި ކުރުން ހުއްޓާލުމަށް އެމެރިކާއިން ޝަރުތުކުރާއިރު، އެ ޝަރުތައް އެއްބަސް ނުވެވޭނެ ކަމަށް އީރާނުން ދަނީ ބުނަމުންނެވެ. ޔުރޭނިއަމް މުއްސަނދި ކުރާ މިންވަރު މަދު ކޮށް، މިހާރު ރައްކާކޮށްފައި ހުރި ޢަދަދު މަދު ކުރުމަށް އީރާނަށް އެއްބަސްވެވިދާނެ ކަމަށް އެ ޤައުމުން ވަނީ ބުނެފައެވެ. ނަމަވެސް އެގޮތަށް ދަށް ކުރެވޭނީ މީގެ ކުރިން އެމެރިކާގެ ވެސް ބައިވެރިވުމާއެކީ ޤާއިމް ކުރި 2015ވަނަ އަހަރުގެ ނިއުކްލިޔަރ އެއްބަސްވުމުގައިވާ މިންވަރަށްވުރެ ދަށް މިންވަރަކަށް ކަމަށް އީރާނުން ބުނެއެވެ. އެމެރިކާއިން މީގެ ކުރިން ވަނީ އެ އެއްބަސްވުމުން ވަކިވެފައެވެ.

އީރާނުން މުއްސަނދިކުރާ ޔުރޭނިއަމްގެ މިންވަރު މަދު ކުރުމަށް އެ ޤަައުމުން ހުށަހަޅަނީ މަރުހަލާތަކަކަށް ބަހާލައިގެންނެވެ. ނަމަވެސް އެމެރިކާއިން މި ގޮތެއް ބޭނުމެއް ނުވެއެވެ. އޭގެ އިތުރުން އެމެރިކާއިން އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަކީ ވެސް ދެ ފަރާތަށް އެއްބަސްނުވެވި އޮތް ބޮޑު މައްސަލައެކެވެ. އީރާނުގެ ނިއުކްލިޔަރ މަޝްރޫޢު މަޑުޖައްސައިލުމުގެ ބަދަލުގައި އެ ޤައުމާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއި ދިނުމަށް އީރާނުން ޝަރުތުކުރެއެވެ. އަދި އީރާނާއެކު ޤާއިމް ކުރާ އެއްބަސްވުމަކުން ވަކި ނުވާނެ ކަމުގެ ޔަޤީންކަން ވެސް އީރާނުން ބޭނުންވެއެވެ. އެއްބަސްވުމެއް ޤާއިމް ނުކުރެވޭ އެއް ސަބަބަކީ އެ ފަދަ ލުއިތައް ދިނުމަށް އެމެރިކާއިން އެއްބަސްނުވުން ކަމަށް މަސްދަރުތަކުން ބުނެއެވެ.