ޚަބަރު

ޚިދުމަތުގެ ފެންވަރު ދެމެހެއްޓުމާ ގުޅޭ އައިއެސްއޯގެ 2 ސެޓްފިކެޓެއް އައިޔޫއެމްއަށް


  • މިއީ ރާއްޖޭގެ މަތީ ތަޢުލީމު ފޯރުކޮށްދޭ މަރުކަޒަކަށް އައިއެސްއޯ 210001ގެ ސެޓްފިކެޓެއް ލިބުނު ފުރަތަމަ ފަހަރު

މަތީ ތަޢުލީމު ފޯރުކޮށްދޭ މަރުކަޒުތަކަށް ޚާއްސަ އައިއެސްއޯގެ ދެ ސެޓްފިކެޓެއް ފުރަތަމަ ފަހަރަށް އައިޔޫއެމްއަށް ލިބިއްޖެއެވެ. މިއީ ރާއްޖޭގެ މަތީ ތަޢުލީމު ފޯރުކޮށްދޭ މަރުކަޒަކުން އައިއެސްއޯ 21001ގެ ސެޓްފިކެޓެއް ލިބުނު ފުރަތަމަ ފަހަރެވެ.

އައިޔޫއެމްއިން ޙާސިލްކޮށްފައިވަނީ ޚިދުމަތުގެ ފެންވަރު ދެމެހެއްޓުމާއި ގުޅޭގޮތުން އައިއެސްއޯއިންދޭ، 9001 އަދި ތަޢުލީމީ ފެންވަރު ދެމެހެއްޓުމާއި ގުޅޭގޮތުންދޭ ސެޓްފިކެޓް އައިއެސްއޯ 21001އެވެ.

އައިޔޫއެމްއަށް ލިބުނު އައިއެސްއޯގެ ސެޓްފިކެޓްތަކާ ގުޅޭގޮތުން މަޢުލޫމާތު ދެއްވަމުން އެ ޔުނިވާސިޓީގެ ވައިސް ޗާންސެލަރ ޑރ. ޢަލީ ޒާހިރު ވިދާޅުވީ، އައިއެސްއޯ 21001 ހާސިލްކުރާ ފުރަތަމަ ޔުނިވަރސިޓިއަކީ އައިޔޫއެމްއަށް ވެގެންދިއުމަކީ އެ ޔުނިވާސިޓީއަށް ލިބޭ ފަޚުރެއްކަމަށެެވެ.

"އަޅުގަނޑުމެންނަށް މި ދެސެޓްފިކެޓް ހާސިލްވެގެންދާ ދިއުމަކީ އަޅުގަނޑު ޤަބޫލުކުރާގޮތުގައި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީއަށް ލިބުނު ވަރަށް ބޮޑު އުފަލަކާއި ފަޚުރެއް. ވަކިން ޚާއްސަ ގޮތެއްގައި އަޅުގަނޑު އުފަލާއެކު ފާހަގަކޮށްލާނަން އައިއެސްއޯ 21001އަކީ ދިވެހިރާއްޖޭގަ ހަޔަރ އެޑިއުކޭޝަން އިންސިޓިޓުޓަކުން އެންމެ ފުރަތަމަ މި ސެޓްފިކެޓް ރާއްޖޭގައި ހާސިލްކުރާ އައިޔޫއެމް ވެގެންދިއުމަކީ މި ޔުނިވާސިޓީއަށް ނިސްބަތްވާ ކޮންމެ މީހަކުވެސް އުފާކުރާނެކަމެއް" ޑރ. ޢަލީ ޒާހިރު ވިދާޅުވިއެވެ.

ވައިސް ޗާންސެލަރ ޑރ. ޢަލީ ޒާހިރު ވިދާޅުވީ، އިންޓަނޭޝަނަލް ސްޓޭންޑާޑްތައް އެ ޔުނިވާސިޓީގައި ޤާއިމްކުރުމަށްޓަކައި ޔުނިވާސިޓީން ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަމަށެވެ.

"އަޅުގަނޑުމެން އިސްލާމީ ޔުނިވާސިޓީގެ ހިންގުމާ ހަވާލުވި ހިސާބުން އިންޓަނޭޝަނަލް ސްޓޭންޑަރޑްތައް ޔުނިވަރސިޓީގައި ޤާއިމްކުރުމަށް، އަޅުގަނޑުމެންގެ ތަސައްވުރުގަ އެކަން ބަހައްޓައިގެން ކުރަމުންދިޔަ މަސައްކަތުގެ ނަތީޖާއަކަށްވީ މިއަދު އަޅުގަނޑުމެންނަށް އެދެ ސެޓްފިކެޓް ހާސިލްކުރެވުން". ޑރ. ޢަލީ ޒާހިރު ވިދާޅުވިއެވެ.

އިންޓަނޭޝަނަލް އޯގަނައިޒޭޝަން ފޯ ސްޓޭންޑަޑައިޒޭޝަން އައިއެސްއޯއަކީ، ބައިނަލްއަޤްވާމީ މިންގަޑުތައް އެކުލަވާލާ ޝާއިރުކުރާ ޖަމިއްޔާއެކެވެ. މި ޖަމިއްޔާ އުފެދިފައިވަނީ 1946ވަނަ އަހަރުއެވެ. މިހާތަނަށް އައިއެސްއޯއިން ވަނީ 25000އަށްވުރެ ގިނަ ސްޓޭންޑާޑްތައް ތަޢާރަފްކޮށްފައެވެ. އައިއެސްއޯގެ މިންގަނޑުތައް ތަޢާރަފްކުރުމުގަ ޓެކްނިކަލް އެސިސްޓަންސްގެ ގޮތުގަ 800 އަށްވުރެ ގިނަ ޓެކްނިކަލް ކޮމިޓީ އަދި ސަބް ކޮމިޓީ މަސައްކަތްކުރެއެވެ.