ޚަބަރު

ސިފައިން ކުރާ އިޖުތިމާއީ ކޮންމެ މަސައްކަތަކުންވެސް ރައްޔިތުންނަށް އޮންނަ ލޯބި ހާމަކޮށްދޭ: ރައީސް


  • "އޮރެންޖު ހިޔާ"ގެ މަސައްކަތް ފުރިހަމަކުރި ސިފައިންގެ އަގުވަޒަންކުރުމަށް މިއަދު ރަސްމިއްޔާތެއް ބޭއްވި

  • ސިފައިންނާ މަސައްކަތް ޙަވާލުކުރެއްވީ ވީހާވެސް އަވަހަށް ރަނޅު ފެންވަރަކަށް އެތަން ނިންމަން

ސިފައިން ފުރިހަމަކުރާ އިޖުތިމާއީ ކޮންމެ މަސައްކަތަކުންވެސް ދިވެހި ރައްޔިތުންނަށްޓަކައި ސިފައިންގެ ހިތުގައި އޮންނަ ލޯބި ހާމަކޮށްދޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، އެމަނިކުފާނުގެ އެދިވަޑައިގަތުމަށް ތެލެސީމިއާ ކުދިންނަށް ބޭނުންވާ ތެލެސީމިއާ ސެންޓަރު ހުޅުމާލެއަށް ބަދަލުކުރުމަށް ޤައުމީ ދިފާޢީ ބާރުން ކުރެއްވި މުހިއްމު މަސައްކަތުގެ އަގު ވަޒަންކުރެއްވުމަށް އެމަސައްކަތުގައި ޙަރަކާތްތެރިވި ސިފައިންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ ޑރ. މުޙައްމަދު މުޢިއްޒުވަނީ، މޯލްޑިވްސް ބްލަޑް ސަރވިސަސް، ހުޅުމާލޭ "އޮރެންޖު ހިޔާ" ޢިމާރާތަށް ބަދަލުކުރުމުގެ މަސައްކަތް ކުރެއްވި ސިފައިންނާ ބައްދަލުކުރައްވާ، ޤައުމީ މަސައްކަތެއްގެ ގޮތުގައި ސިފައިންކޮށްދެއްވި މަސައްކަތަށް ޝުކުރުއަދާކުރައްވާފައެވެ.

ބަންޑާރަކޮށީގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި، ސިފައިންނާ މުޚާޠަބުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދިވެހި ސިފައިންނަކީ ޤައުމު އެދި ގޮވާލާ ކޮންމެ ކަމެއްގައި ފަސްޖެހުމެއްނެތި ހުޝިޔާރުކަމާއި، ޝައުޤުވެރިކަމާ އެކީގައި މަސައްކަތްކުރާ ބައެއްކަމަށެވެ. އަދި ސިފައިންނާ ހަވާލުކުރައްވާ ކޮންމެ މަސައްކަތަކުންވެސް ހާމަކޮށްދެނީ ދިވެހި ރައްޔިތުންނަށް ޓަކައި ސިފައިންގެ ހިތުގައި އޮންނަ ލޯބިކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

އެގޮތުން ތެލެސީމިއާ ސެންޓަރުގެ މަސައްކަތަކީ ސަރުކާރުން ވަރަށް އިސްކަމެއްދެއްވައިގެން ފެއްޓެވި މަސައްކަތެއްނަމަވެސް އެމަސައްކަތް އެކި ސަބަބުތަކާއި ގުޅިގެން ފުރިހަމަ ނުވެ ލަސްވަމުންގޮސް ތެލެސީމިއާ ކުދިންނަށް ލޭއެޅުމުގެ ކަންކަން ވަރަށް ސީރިއަސް ޙާލަތަކަށް ދިޔަކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އެހެންކަމުން ވީހާވެސް އަވަހަކަށް އެމަސައްކަތް ފުރިހަމަކުރެއްވުމަށް ބޭނުންފުޅުވާތީ އެމަސައްކަތް ސިފައިންނާ ޙަވާލުކުރެއްވީކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އަދި މިމަސައްކަތް ކުރިއަށްގެންދެވިއިރު، ސިފައިންގެ އެންމެ މަތީ ރޭންކުން ފެށިގެން ހުރިހާ ބޭފުޅުންގެ ބައިވެރިވުން މިމަސައްކަތުގައި ފެނިގެންދިޔަކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ޤައުމީ ދިފާޢީ ބާރުން ތެލެސީމިއަ ސެންޓަރުގެ މަސައްކަތް ކުރައްވާފައިވަނީ ވަރަށް ފުރިހަމަކަމާއެކުގައިކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ސިފައިންކޮށްދެއްވި މަސައްކަތުގެ އަގު ވަޒަންކުރައްވާ ރައީސުލްޖުމްހޫރިއްޔާވަނީ ސިފައިންނަށް ހަނދާނީ ފިލައެއް އަރުވާފައެވެ. އެމްއެންޑީއެފްގެ ފަރާތުން މިފިލައާއި ޙަވާލުވެވަޑައިގެންނެވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއެވެ.

މި ރަސްމިއްޔާތުގައި، ދިފާޢީ ވަޒީރު، އޮނަރަބަލް މުޙައްމަދު ޣައްސާން މައުމޫންއާއި، އެމްއެންޑީއެފްގެ ޖެނެރަލް އޮފިސަރުންނާއި، ކޮމާންޑަރުންނާއި އެ މަސައްކަތުގައި ހަރަކާތްތެރިވި ސިފައިންވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.