ސްކޫލް މާޙައުލުން ދަރިވަރުންނަށް ލިބިދޭ ތަޢުލީމުގެ ތެރޭގައި މަސައްކަތާއި ހުނަރުވެރިކަން ހިމެނުއްވުމަށް ސަރުކާރުގެ ތަޢުލީމީ ސިޔާސަތުގައި ވަރަށް ބޮޑު އިސްކަމެއް ދެއްވައެވެ. އެގޮތުން ދިވެހިރާއްޖޭގެ ސްކޫލްތަކުގެ ސާނަވީ މަރުޙަލާގައި ޓެކްނިކަލް އަދި ވޮކޭޝަނަލް އެޑިޔުކޭޝަން އެންޑް ޓްރެއިނިންގ ޕްރޮގްރާމްތައް މިހާރު ދަނީ ހިންގަވަމުންނެވެ. މިގޮތުން ސްކޫލްތަކުގައި ހިންގަވާ ބީޓެކް ޕްރޮގްރާމް ފާހަގަކޮށްލެވެއެވެ.
ދިވެހިރާއްޖޭގެ ތަޢުލީމީ ނިޒާމު ފަހަކާއި ޖެހެންދެން ރޭވިގެން ގޮސްފައިވަނީ ސްކޫލުތަކުގެ އުނގެނުމާއި އުނގަންނައި ދިނުމުގެ ކަންކަން އެކަޑެމިކް ދާއިރާއަށް ޢަމާޒު ކުރައްވައިގެން، އިމްތިޙާނުތަކުން ކުދިން ރަނގަޅު ނަތީޖާ ހޯދުމުގެ ވާދަވެރި މަސައްކަތެއްގެ ގޮތުގައެވެ. ނަތީޖާއެއްގެ ގޮތުން ވޭތުވެދިޔަ ތަނުގައި ކާމިޔާބުކަމާއެކު ސްކޫލު ތަޢުލީމު ނިންމައި ކުދިންތަކެއް މުޖުތަމަޢަށް ނިކުމެފައިވާކަން އެޑިއުކޭޝަން މިނިސްޓްރީއިން ފާހަގަކުރައްވައެވެ. އަދި ރާއްޖޭގެ އިޤްތިޞާދީ ޞިނާޢަތްތައް ފުޅާވެ، މަސައްކަތުގެ ވައްޓަފާޅިއަށާއި ވަޒީފާގެ ޝަރުތުތަކަށް ބޭނުންވާ ހުނަރާއި ސިފަތައް ތަޢުލީމީ ނިޒާމް ފުރިހަމަކޮށް ނިކުންނަ ކުދިންގެ ކިބައިގައި ނެތުންމިއީ، ވަޒީފާގެ މައިދާނަށް ނުކުންނަ ޒުވާނުންގެ އަދަދު މަދުވުމަށް މެދުވެރިވާ އެއް ސަބަބުކަންވެސް ފާހަގަކޮށްލެވެއެެވެ.
މިކަމަށް ޙައްލެއް ހޯއްދެވުމުގެ ގޮތުން ސަރުކާރުން އަޅުއްވާފައިވާ އެއް ފިޔަވަޅަކީ އިނގިރޭސިވިލާތުގެ އެޑެކްސެލް ޕްރޮގްރާމެއް ކަމަށްވާ، ބިޒްނަސް އެންޑް ޓެކްނޮލޮޖީ އެޑިޔުކޭޝަން ކައުންސިލް، ނުވަތަ ބީޓެކް ކޯސްތައް ރާއްޖޭގެ ތަޢުލީމީ ނިޒާމުގެ ތެރެއަށް ތަޢާރަފް ކުރެއްވުނެވެ. އަދި ޕްރޮގްރާމް ތަޢާރަފް ކުރެއްވުމާއިއެކު، ރާއްޖޭގެ ސްކޫލުތަކުގައި 4 ސްޓްރީމަށް ކިޔަވައިދެއްވުމުގެ މަގުފަހިވެ، ކުރިން ދަރިވަރުންނަށް ލިބެން ނެތް އެތައް ފުރުޞަތެއް ފަހިވެގެންދިޔައެވެ.
ރާއްޖޭގެ ސްކޫލް ތަޢުލީމީ ނިޒާމުގެ ތެރެއަށް ބީޓެކް ކޯސްތައް ތަޢާރަފް ކުރައްވާފައިވަނީ 2014 ވަނަ އަހަރުއެވެ. ޕައިލެޓް ޕްރޮގްރާމެއްގެ ގޮތުގައި ސާނަވީ ދަރިވަރުންނަށް ކުރިއަށްގެންދެވި މިޕްރޮގްރާމް ފަށްޓަވާފައިވަނީ މާލޭގެ 8 ސްކޫލަކާއި އަތޮޅުތެރޭގެ 4 ސްކޫލެއްގައެވެ. އަދި، ޕައިލެޓް ޕްރޮގްރާމްގެ ނަތީޖާ ރަނގަޅުވުމާއެކު އެޑިއެކޭޝަން މިނިސްޓްރީން 2015 ވަނަ އަހަރު މިޕްރޮގްރާމް މުޅި ރާއްޖެއަށް ތަޢާރަފްކުރެއްވިއެވެ.
އަލަށް ސްކޫލު ތަޢުލީމުގެ ތެރެއަށް ތަޢާރުފު ކުރެއްވި، ސްކޫލު ޓިވެޓް ސްޓްރީމުގެ ދަށުން، ސާނަވީގައި ދިވެހި އިސްލާމް، އިނގިރޭސި އަދި ހިސާބު މި 4 މާއްދާގެ އިތުރުން، އެ ދަރިވަރަކު ކުރިއަށްދާން ބޭނުންވާ ބީޓެކްގެ ކޯހެއް ފުރިހަމަކޮށް، އޯލެވެލް 4 މާއްދާ އާއި އެއްވަރުގެ ބީޓެކް ލެވެލް 2ގެ ސެޓްފިކެޓެއް ޙާސިލްކުރުމުގެ ފުރުޞަތު ދަރިވަރުންނަށް ލިއްބައިދެއެވެ.
މި ޕްރޮގްރާމްގެ ދަށުން ސްޕޯޓްސް، އާރޓް އެންޑް ޑިޒައިން، ބިއުޓީ ތެރަޕީ، ހޮސްޕިޓަލިޓީ އަދި ބިޒްނަސް ކޯސްތައް މިހާރު ގެންދަވަނީ ހިންގަވަމުންނެވެ. ބީޓެކް ޕްރޮގްރާމްގައި އިމްތިޙާނުގެ ބަދަލުގައި ބާއްވަވަނީ އެސައިންމަންޓްތަކެކެވެ. އަދި، މީގައި ޢަމަލީ މައިދާނުގައި ފުރިހަމަކުރަންޖެހޭ ޓާސްކްތަކެއްވެސް ފުރިހަމަކުރަންޖެހެއެވެ.
މީގެ އިތުރުން، ބީޓެކް އޭލެވެލްގެ ޕައިލެޓް ޕްރޮގްރާމެއް އައްޑޫ ހައި ސްކޫލްގައި މިހާރު ދަނީ ހިންގަވަމުންނެވެ. އެޑިއުކޭޝަން ޑިވެލޮޕްމެންޓް އޮފިސަރ ޒޫޝާން ވިދާޅުވީ މިހާރު ބީޓެކް ހަދަމުންދާ ދަރިވަރުންނަށް އަންނަ އަހަރު ބީޓެކް އޭލެވެލް ތަޢާރުފު ކުރެއްވުމަށް ނިންމާފައިވާ ކަމަށެވެ.
މި ޕްރޮގްރާމްގެ ދަށުން ތަމްރީނު ދެއްވުމާއި، ޕްރޮގްރާމް ހިނގާ ނުހިނގާ ގޮތް ބައްލަވައި ވަޒަން ކުރެއްވުމަށް ކޮންމެ ސްކޫލެއްގައި ބީޓެކް ޓީމެއް ކަނޑައަޅުއްވާ އެޑިޔުކޭޝަން މިނިސްޓްރީން ވަނީ ތަމްރީނު ދެއްވާފައެވެ.
ރާއްޖޭގެ 154 ސްކޫލެއްގައި 2050 އަށްވުރެ ގިނަ ދަރިވަރުންދަނީ މި ޕްރޮގްރާމްގެ ދަށުން ތަޢުލީމް ޙާޞިލްކުރަމުންނެވެ. ބީޓެކަކީ ބައިނަލްއަޤްވާމީ ފެންވަރުގެ ޕްރޮގްރާމަކަށްވުމާއި އެކު، މި ޕްރޮގްރާމް ކުރިއަށްދަނީ އިނގިރޭސި ވިލާތުގެ ކަމާއިބެހޭ އިދާރާތަކުގެ ބެއްލެވުމުގެ ދަށުންނެވެ. ބީޓެކް ޕްރޮގްރާމްގެ ސަބަބުން، ތަޢުލީމީ ނިޒާމް ފުރިހަމަކުރުމަށްފަހު ވަޒީފާގެ މައިދާނަށް ނިކުންނަ ކުދިންގެ އަދަދު އިތުރުވެ، ކުށްތަކަށް އަރައިގަންނަ ޒުވާނުންގެ ޢަދަދު މަދު ކުރެވޭނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ޤަބޫލުކުރައްވައެވެ.