ރަށުގައި ތިބެގެން އޭޓީއެމްގެ ޚިދުމަތް ލިބުމަކީ ވިޔަފާރިތައް ފުޅާކޮށް ކުރިއެރުވުމަށް ލިބޭ ފުރުސަތެއް ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ، ނ. ކުޑަފަރީގައި އޭޓީއެމްގެ ޚިދުމަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
ނ. ކުޑަފަރީގައި އޭޓީއެމްގެ ޚިދުމަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ، ރާއްޖޭގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ޤާއިމްކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިސްނަންގަވައިގެން ކުރައްވާ މުހިންމު މަސައްކަތެއްކަމަށެވެ. އަދި ނ. ކުޑަފަރި ފަދަ އާބާދީ ކުޑަ ރަށްތައްވެސް މި މަޝްރޫޢުގެ ތެރޭގައި ހިމެނިފައިވުމަކީ މިކަމަށް ރައީސް ދެއްވާ އަހަމިއްޔަތުކަން ހާމަވާ ކަމެއްކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރުގެ ވާހަކަފުޅުގައި ނ. ކުޑަފަރީގައި އޭޓީއެމްގެ ޚިދުމަތް ފެށުމަށް ރަށަށް ލިބިގެންދާނެ ކުރިއެރުންތައް ވަނީ ފާހަގަކުރައްވާފައެވެ.
"މިހާތަނަށް ގިނަ ރަށްރަށުގެ ރައްޔިތުން ބޭންކުން ފައިސާ ނަގަން ޖެހެނީ ކައިރި ރަށްރަށަށް ދަތުރުކޮށްގެން. މިސާލަކަށް ނ. އަތޮޅުގެ ބައެއް ރަށްރަށުގެ ރައްޔިތުން މަނަދޫ ނުވަތަ ކެނދިކުޅުދޫއަށް ދަތުރުކުރަން ޖެހޭ. ކައުންސިލުން މަޢުލޫމާތު ދިން ގޮތުގައި މިފަދަ ދަތުރުތަކުގައި ލޯންޗު ޚަރަދަށް އެކަނި ގާތްގަނޑަކަށް 1200 ރުފިޔާ ޚަރަދުވޭ." އިޤްތިޞާދީ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވިއެވެ.
އިޤްތިޞާދީ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ، ކުޑަފަރީގައި ޤާއިމްކުރެވުނު އޭޓީއެމްގެ ސަބަބުން އެތައް ދުވަހެއް ވަންދެން ރައްޔިތުން އުފުލަމުން ދިޔަ ދަތިތަކަށް ހައްލެއް ލިބިގެންދާނެކަމަށެވެ. އަދި ނ. އަތޮޅަކީ ފަތުރުވެރިކަމުގެ ދާއިރާގައި ކުރިއަރާފައިވާ އަތޮޅެއްކަން ފާހަގަކުރައްވާ، ވަޒީރު ވިދާޅުވީ، އެރަށުގައި ޤާއިމްކުރެވުނު އޭޓީއެމްގެ ސަބަބުން ރަށު ފަތުރުވެރިކަމަށް އިތުރު އާރޯކަމެއް ލިބިގެންދާނެކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މުހިންމު ސިޔާސަތެއް ކަމުގައިވާ ރާއްޖެ ޑިޖިޓަލައިޒްކުރުމުގެ ސިޔާސަތުގެ ދަށުން "މޯލްޑިވްސް 2.0" ގެ ނަމުގައި ފެއްޓެވި މަޝްރޫއާ ބެހޭގޮތުންވެސް ވަޒީރުގެ ވާހަކަފުޅުގައި ވަނީ އަލިއަޅުއްވާލާފައެވެ.
"ޑިޖިޓަލް ޒަމާނަށް އަޅުގަނޑުމެން ދާއިރުގައި އަޅުގަނޑުމެން ހަނދާންނައްތާލައިގެން ނުވާނެ މިކަހަލަ ކުޑަ ރަށްތަކުގައި ހުރި އުނދަގޫތައް. އެހެންމަ މި މަސައްކަތް ކުރުމުގައި ޤައުމީ މަޝްރޫޢެއް ގޮތުގައި ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ދޭ ގޮތަކަށް އަދުގެ ރައީސް ފިޔަވައި އެހެން މީހަކު އެކަމެއް ކޮށްފައެއް ނެތް. މިއީ ފުރަތަމަ ފަހަރަށް ރާއްޖޭގެ ތާރީހުގައި ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންނަށް ސީދާ މި ވަޢުދު އެއްކޮށް ވެގެން ކުރައްވާ ފަހަރު." އިޤްތިޞާދީ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވިއެވެ.
ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މިއަހަރު ނިމުމުގެ ކުރިން އޭޓީއެމްތައް ބެހެއްޓުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ. މި މަސައްކަތުގެ ދަށުން މިހާރުވެސް ބައެއް ރަށްތަކުގައި އޭޓީއެމް ބަހައްޓާފައިވާއިރު ނ. އަތޮޅުގެ ރަށްތަކުގައިވެސް އޭޓީއެމްތައް ބެހެއްޓުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.