ސްޕެއިންގެެ ޒުވާން ޑިފެންޑަރު ޑީން ޑޮނީ ހައުސެންގެ ސޮއި ހޯދުމާ ވަރަށް ގާތަށް ގޮސްފައިވާ ކަމަށް ސްޕެއިންގެ ނޫސްތަކުން ބުނަން ފަށައިފިއެވެ.
މެޑްރިޑާ ގާތްކަން އޮންނަ ނޫސްތަކުން ބުނަނީ މިހާރު މި ވިޔަފާރި ނިމިއްޖެ ކަމަށެވެ. އަގަކީ 58 މިލިއަން ޔޫރޯ ކަމަށްވެއެވެ. ނަމަވެސް ރަސްމީކޮށް އަދި އެއްވެސް ފަރާތަކުން މިކަން އިއުލާނެއް ނުކުރެ އެވެ.
ނެދަލަންޑްސްއަށް އުފަންވި އުމުރުން 20 އަހަރުގެ ހައުސެން އަކީ މި ވަގުތު ޔޫރަޕުގައި އެންމެ ވިދަމުން އަންނަ އެއް ޑިފެންޑަރެވެ. އިނގިރޭސިވިލާތުގެ ބޯންމަތަށް ކުޅެމުން އަންނަ ކުޅުންތެރިޔާ ވަނީ މި ސީޒަނުގައި 29 މެޗުން ތިން ލަނޑު ޖަހައިދީފަ އެވެ.
ހައުސެންގެ ސޮއި ހޯދުމަށް ރެއާލް އަވަސްވެގަތީ އެ ކުލަބުގެ ކޯޗުކަމާ ހަވާލުވާ ޒަބީ އަލޮންސޯ ކުޅުންތެރިޔާ އަށް ޝައުގުވެރިވުމުންނެވެ. އަދި ޒުވާން މޮޅު ޑިފެންޑަރު ގަތުމުގެ ރޭހަށް އެހެން ކުލަބުތަކުން ވަނުމުގެ ކުރިން އޭނާގެ ސޮއި ހޯދުމަށެވެ. މީގެ އިތުރުން ރެއާލްގެ ޑިފެންސްލައިނުގައި ހާ އަޅަމުންދާތީވެ އަންނަ މަހު ފަށާ ފީފާ ކުލަބު ވޯލްޑް ކަޕަށް ޑިފެންސް ވަރުގަދަ ކުރުމަކީވެސް އެކުލަބުން ވަރަށް އިސްކަންދޭ ކަމެކެވެ.
ރެއާލްއިން ބުނަނީ ކުލަބު ވޯލްޑް ކަޕް ފަށާއިރު ޓީމުގައި ފިޓްކޮށް ތިބޭނީ އެންމެ ދެ ޑިފެންޑަރުން ކަމަށެވެ. މިހެންވެ ލިވަޕޫލަށް ދޮޅު މިލިއަން ޕައުންޑް ދިނުމަށް ފަހު ކަނާތު ބެކް ޓްރެންޓް އެލެގްޒެންޑަރ-އާނޯލްޑް އަވަހަށް ގެނައުމަށް ވެސް ވަނީ ނިންމާފަ އެވެ. އޭނާ އަކީ މި ސީޒަން ނިމުމުން ހިލޭ ޓްރާންސްފާއެއްގައި ރެއާލް އަށް ބަދަލުވާން ނިންމާފައިވާ ކުޅުންތެރިއެކެވެ.