ކުޅިވަރު

އަހަރެން ވަކިނުވާނަން، ވަކިކޮށްފާނެ: އަމޮރިމް


މެންޗެސްޓާ ޔުނައިޓެޑުގެ ކޯޗުކަމުން އޭނާ އަމިއްލައަށް ވަކިނުވާނެ ކަމަށާއި، ނަމަވެސް އޭނާ މަގާމުން ވަކިކޮށްފާނެ ކަމަށް ރުބެން އަމޮރިމް ބުނެފިއެވެ.

މި ސީޒަނުގެ ފަހު ބައިގައި ޓީމާ ހަވާލުވި ކޯޗު ބުނީ ޓީމުގެ ނަތީޖާ ދަށްވަމުން ދިއުމަކީ އެންމެންވެސް ކަންބޮޑުވާ ކަމެއް ކަމަށެވެ. ޔުނައިޓެޑް މި ވަގުތު އޮތީ އިނގިރޭސި ޕްރެމިއާ ލީގުގެ 16 ވަނާގަަ އެވެ. އެއީ 36 މެޗުން 39 ޕޮއިންޓާއެކުގަ އެވެ. ނަމަވެސް އެ ޓީމު އޮތީ ޔޫރޮޕާ ލީގުގެ ފައިނަލުގަ އެވެ.

"އަހަރެން ތުވާލި އެއްލާނުލާނަން. މީގެ މާނަ އަކީ އަހަރެން ވަކިކޮށްފާނެ ނަތީޖާ ގޯސްވާނަމަ. އަހަރެން ވަކިވެގެން ނުދާނަން. އަހަރެން އަބަދުވެސް މި ދައްކަނީ ނަތީޖާ ރަނގަޅު ކުރަންޖެހޭ ވާހަކަ. ވަކި ފެންވަރެއްގައި ކުޅެން ޖެހޭ ވާހަކަ. ވަކި ފެންވަރެއްގައި ނަތީޖާތައް ހުންނަންޖެހޭ ވާހަކަ. އެކަންކަން ނުކުރެވޭނަމަ އަހަރެންގެ މަގާމު ގެއްލުން ގާތް،" އަމޮރިމް ބުންޏެވެ.

މި ސީޒަނަކީ ޔުނައިޓެޑްގެ ތާރީހުގައި އެންމެ ދަށް ސީޒަން ކަމަށް ގިނަ ބަޔަކު ސިފަކުރެ އެވެ. އަދި އަމޮރިމް ވެސް ވަނީ މިހާރުގެ މެންޗެސްޓާ ޔުނައިޓެޑްގެ ޓީމަކީ އެކުލަބުގެ ތާރީހުގައި ވެސް ފެނުނު އެންމެ ދަށް ޓީމުގެ ގޮތުގަ އެވެ. އޭނާ ބުނީ ޔޫރޮޕާ ލީގުގެ ފައިނަލުން ޔުނައިޓެޑް ބަލިވެއްޖެނަމަ އެއީ ފަހަތަށް އެޅޭނެ ފިޔަވަޅެއް ކަމަށެވެ. ފައިނަލްގައި ޔުނައިޓެޑް ވާދަކުރާނީ އިނގިރޭސި ލީގުގެ 17 ވަނާގައި އޮތް ޓޮޓެންހަމާ އެވެ.

އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ޔުނައިޓެޑްގެ ވެރިން ވިސްނަމުންދަނީ ފައިނަލް މެޗުގެ ނަތީޖާ ކޮންމެ ގޮތަކަށް ނުކުތް ނަމަވެސް އެ ޓީމުގެ ކޯޗުކަމުގައި އަންނަ ސީޒަނުގައި އަމޮރިމް ބެހެއްޓުމަށް ކަމަށެވެ.

"އަހަރުމެންގެ ސްކޮޑް ގޯހެއްނޫން. އެހެންވީމާ ނަތީޖާ ރަނގަޅުވާން ޖެހޭނެ. ނަތީޖާ ނުނެރެވިދާނެމަ އެއީ ވަރަށް ބޮޑު މައްސަލައަކަށް ވެސް ވާނެ. މިހާރު މިރޭ ނަތީޖާތަކަކީ އަހަރެންނަށް ވެސް ހުތުރުވާނެ ނަތީޖާތަކެއް،" އަމޮރިމް ބުންޏެވެ.

އިނގިރޭސި ބައެއް މީޑިއާތަކުން ބުނަނީ ޔުނައިޓެޑްގެ ކޯޗަކަށް ކުރީގެ ގައުމީ ކޯޗު ގެރެތް ސައުތު ގޭޓް ގެނައުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށެވެ.