ދިވެހި ޢާއިލާތައް ބަދަހިވެ، ފުދުންތެރިވެ، ދިރިއުޅުމުގެ ފަސޭހަތައް އިތުރުވީ ވަރަކަށް ޤައުމުގެ ކުރިއެރުން ހަލުވިވެ، ކުރިމަގު އުޖާލާ ވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފަނު މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ބައިނަލްއަޤްވާމީ ޢާއިލާތަކުގެ ދުވަހުގެ ތަޙުނިޔާ ފޮނުއްވަވާ ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވަނީ ޢާއިލާތަކުގެ ބައިނަލްއަޤްވާމީ ދުވަހު، ދިވެހި ކޮންމެ ޢާއިލާއަކަށް ފަހިކަމާއި ފާގަތިކަމަށް އެދޭކަމަށް ވިދާޅުވެފައެވެ. ރައީސް ވިދާޅުވީ އިސްލާމްދީން އެންމެ ބޮޑު އިސްކަމެއް ދެނީ ޢާއިލީ ގުޅުންތައް ހަރުދަނާ ކުރުމަށްކަމަށެވެ. އަދި ދިވެހި ޢާއިލާތައް ބަދަހިވެ، ފުދުންތެރިވެ، ދިރިއުޅުމުގެ ފަސޭހަތައް އިތުރުވީ ވަރަކަށް ޤައުމުގެ ކުރިއެރުން ހަލުވިވެ، ކުރިމަގު އުޖާލާ ވާނެކަންވެސް ރައީސް ފާހަގަކުރެއްވިއެވެ. ރައީސް ވަނީ ދިވެހި ކޮންމެ ޢާއިލާއަކަށް ފާގަތި ދުވަސްތަކެއް ހޯދައި ދިނުމުގައި މާތް ﷲ ނަޞްރާއި ކާމިޔާބީ މިންވަރު ކުރެއްވުން އެދި ދުޢާކުރައްވާފައެވެ.
ޢާއިލާތަކުގެ ބައިނަލްއަޤްވާމީ ދުވަހު، ދިވެހި ކޮންމެ ޢާއިލާއަކަށް އަޅުގަނޑު އެދެނީ ފަހިކަމާއި ފާގަތިކަމަށް.
— Dr Mohamed Muizzu (@MMuizzu) May 15, 2025
އިސްލާމްދީން އެންމެ ބޮޑު އިސްކަމެއް ދެނީ ޢާއިލީ ގުޅުންތައް ހަރުދަނާ ކުރުމަށް. ދިވެހި ޢާއިލާތައް ބަދަހިވެ، ފުދުންތެރިވެ، ދިރިއުޅުމުގެ ފަސޭހަތައް އިތުރުވީ ވަރަކަށް ޤައުމުގެ… pic.twitter.com/AIzegXsYcM
ކޮންމެ އަހަރެއްގެވެސް މެއިމަހުގެ 15 ވަނަ ދުވަސް ފާހަގަކުރަނީ ބައިނަލްއަޤްވާމީ އާޢިލާތަކުގެ ދުވަހުގެ ގޮތުގައެވެ.
އާއިލާތަކުގެ ގުޅުން ވަރުގަދަކޮށް، ބާރުވެރިކުރުވުމަށް ޚާއްސަ އިސްކަމެއްދޭކަން އަދުގެ ސަރުކާރުންވަނީ ހާމަކުރައްވާ މުޙިއްމު މަސައްކަތްތަކެއް ފައްޓަވާފައެވެ. އެގޮތުން، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި އުމުރުން ދުވަސްވީ މީހުން އެ މީހުންގެ އާއިލާތަކުގެ ބެލުމުގެ ދަށަށް ބަދަލު ކުރުމަށް ސަރުކާރުން އެހީތެރިކަން ދޭން ވަނީ ނިންމަވާފައެވެ.
މީގެ އިތުރުން އާއިލާތަކުގެ ހާލަތު ބެލުމަށް ވެސް ސަރުކާރުން ވަނީ މަސައްކަތް ފަށާފައެވެ. އެގޮތުން، އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން މިހާރު ވަނީ "ހާލު ކިހިނެއް؟"ގެ ނަމުގައި ރާއްޖޭގެ ހުރިހާ އާއިލާތަކުގެ ހާލަތު ދެނެގަތުމުގެ ޕްރޮގްރާމެއްވެސް ފައްޓަވާފައެވެ. 5 އަތޮޅު ނޫން އެހެން ހުރިހާ އަތޮޅެއްގައި މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވާއިރު މި ޕްރޮގްރާމްއިން ލިބޭ މަޢުލޫމާތުގެ އަލީގައި އެކި އާއިލާތަކަށް އެހީތެރިކަން އަންނަނީ ފޯރުކޮށްދެއްވަމުންނެވެ.