ޚަބަރު

މިދިޔަ މަހު 127 މީހަކަށް ޑެންގީހުން ޖެހިގެން ރިޕޯޓްކުރި


  • މާރިޗް މަހަށް ވުރެ އޭޕްރީލް މަހު ޑެންގީހުން ޖެހިގެން ރިޕޯޓު ކުރި އަދަދު އިތުރު

މިދިޔަ މަހު 127 މީހަކަށް ޑެންގީހުން ޖެހިގެން ރިޕޯޓްކުރިކަން ހެލްތް ޕޮރޮޓެކްޝަން އެޖޭންސީ، އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިއީ އޭގެ ކުރީ އަޅާ ބަލާއިރު އިތުރު އަދަދެކެވެ.

ހެލްތް ޕޮރޮޓެކްޝަން އެޖޭންސީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން މިއަހަރުގެ މާރިޗު މަހު ޑެންގީހުން ޖެހިގެން ރިޕޯޓް ކޮށްފައިވަނީ 73 މީހުންނެވެ. 2024ވަނަ އަހަރު މާރިޗު މަހު ރިޕޯޓުކޮށްފައިވަނީ 126 މީހުންނެވެ. އަދި މި މިދިޔަ އޭޕްރީލްމަހު ޑެންގީހުން ޖެހިގެން 127 މީހުން ރިޕޯޓްކޮށްފައިވާއިރު، 2024ވަނަ އަހަރުގެ އޭޕްރީލްމަހު ރިޕޯޓުކޮށްފައިވަނީ 256 މީހުންނެވެ. އެހެންކަމުން މިދިޔަ އަހަރުގެ އޭޕްރީލް މަހާ އަޅާ ބަލާއިރު މިއަހަރުގެ އޭޕްރީލް މަހު ޑެންގީހުން ޖެހިގެން ރިޕޯޓް ކޮށްފައިވާ އަދަދު ކޮންމެވެސް މިންވަރަކަށް ވަނީ ދަށްވެފައެވެ.

ޑެންގީން ރައްކާތެރި ވުމަށް ކުރެވިދާނެ ކަންތައްތައް:

* މަދިރި ހެފުމުން ރައްކާތެރިވުމަށް މަދިރި ލޯޝަން / ސްޕްރޭ ބޭނުން ކުރުން
* ވީހާވެސް ބޮޑަށް ހަށިގަނޑު ނިވާވާގޮތަށް ފޭރާންލުން
* ކުޑަދޮރު ފަދަ ތަންތާނގައި މަދިރި ދާ ޖެހުން ނުވަތަ ގޭތެރޭގައި މަދިރި ގެ ބޭނުން ކުރުން
* މަދިރި ގިނަވާ ވަގުތުތަކުގައި ދޮރާއި، ކުޑަދޮރުތައް ލައްޕާފައި ބެހެއްޓުން
* ފެން ހަރުލާ ގޮތަށް ހުންނަ ތަންތަނާއި ތަކެތި ސާފުކުރުން
* ދައުރު ނުވާގޮތަށް ހުންނަ ބޮޑެތި ފެންގަނޑުތަކަށް މަދިރި ފަނި ކާ ކުދި މަސް ލުން

ހުރިހާ ވައްތެރެއްގެ މަދިރިވެސް އެންމެ ގިނަވަނީ ހެނދުނާއި ހަވީރު ގަޑީގައެވެ. އެގޮތުން އީޑިސް މަދިރި އާންމުކޮށް ހަފަނީ ދުވާލު ގަޑީގައެވެ. އީޑިސް މަދިރި ފަނި އަޅާފައި ހުންނަ ތަކެތީގެ ފެން ހުސްކުރިޔަސް، އެތަކެތީގައި މަދިރި ބިސް ހަރުލާފައި ހުރެއެވެ. އަދި ހަލާކުނުވެ 6 މަސްދުވަހަށްވުރެ ގިނަ ދުވަހު ހުރެއެވެ. މިފަދަ ތަކެތި ރަނގަަޅަށް ސާފުކުރުން މުހިންމެވެ.

ޑެންގީ ހުމަށް ގޭގަ ދެވޭނެ ފަރުވާ:

* އަރާމު ކުރުން
* ގިނަގިނައިން ދިޔާ ތަކެތި ބޭނުންކުރުން
* ހަށިގަނޑަށް ފައިދާ ހުރި ކާނާ ބޭނުންކުރުން
* ހުން މަޑުކުރުމަށާއި ގައިގައި ރިއްސުން ކުޑަކުރުމަށް ޕެނަޑޯލް ނުވަތަ ޕެރަސެޓަމޯލް ފިޔަވާ އެހެން އެއްވެސް ބޭހެއް ބޭނުން ނުކުރުން

ޑެންގީ ވައިރަސް ފެތުރެނީ ޑެންގީ ޖެހިފައިވާ މީހެއްގެ ގައިގައި އީޑީސް މަދިރި ހެފުމަށްފަހު، މި މަދިރި ގޮސް އަނެކާގެ ގައިގައި ހެފުމުންނެވެ.

މި ދުވަސްވަރަކީ ހުޅަނގު މޫސުމުގެ ވިއްސާރަ ކުރާ ދުވަސްވަރު ކަމުން ހާއްސަކޮށް ވާރޭ ވެހި ފެން ހަރުލާ ގޮތައް ހުންނަ ތަންތަން ނައްތާ ލުމަކީ މުހުންމު ކަމެކެވެ.