ޚަބަރު

ކުރިއަށް އޮތް 24 ގަޑިއިރުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސް


  • ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެންވޭ

  • ފާއިތުވި 24 ގަޑިއިރުތެރޭގައި އެންމެ ގިނައިން ވާރޭވެހިފައިވަނީ ފުވައްމުލައް ސިޓީއަށް

ކުރިއަށް އޮތް 24 ގަޑިއިރުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފިއެވެ. މެޓުން ވިދާޅުވީ ބޮޑަށް ވިއްސާރަކުރާނެ ކަމަށް ލަފާކުރެވެނީ ދެކުނުގެ އަތޮޅުތަކަށެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، ކުރިއަށް އޮތް 24 ގަޑިއިރު ވެސް ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރާނެކަމަށެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށެވެ. ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާކަމަށެވެ.

މެޓް އޮފީހުގެ ރިކޯޑުތައް ދައްކާގޮތުން ފާއިތުވި 24 ގަޑިއިރުތެރޭގައި އެންމެ ގިނައިން ވާރޭވެހިފައިވަނީ ފުވައްމުލައް ސިޓީއަށެވެ. ފުވައްމުލަކަށް 47.0 މިލިމީޓަރުގެ ވާރޭވެހިފައިވެއެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ ހުޅަނގުދެކުނާއި ހުޅަނގުން، ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ. އަދި ވިލާ ގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށެވެ. ކަނޑުތައް ގަދަވާނެކަމަށް މެޓުން ވިދާޅުވިއެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރަ މާދަމާއިން ފެށިގެން އަލިކުރާނެކަމަށް ލަފާކުރެވޭ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ.

ހުޅަނގު މޫސުމުގައި ވިއްސާރަވެ، ވައި ގަދަވެ، އަދި ކަނޑު ގަދަވުމަކީ އާންމު ކަމެކެވެ. އެހެންކަމުން މި ދުވަސްވަރު ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން ސަމާލުވުމަށް ކަމާއި ބެހޭ ފަރާތްތަކުން އިލްތިމާސްކުރައްވައެވެ. އެގޮތުން ދަތުރަށް ފެށުމުގެ ކުރިން މޫސުމާ ބެހޭ މަޢުލޫމާތު ހޯދައި، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމުގެ އިތުރުން ކުދި އުޅަނދުފަހަރުގައި ދަތުރުކުރާ ފަރާތްތަކުން އިތުރު ސަމާލުކަމެއް ދޭންޖެހޭކަމަށްވެސް ކަމާއިބެހޭ ފަރާތްތަކުން ވިދާޅުވެއެވެ.