ޚަބަރު

ބީއެމްއެލްގެ ސްކޮލާޝިޕް ފަންޑަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި


  • ސްކޮލާޝިޕް ދެނީ ބޭންކިންގ އަދި ފައިނޭންސް ދާއިރާއިން ކިޔެވުމަށް

  • ސްކޮލާޝިޕް ފަންޑަށް ކުރިމަތިލުމުގެ އެންމެ ފަހު ތާރީހަކީ 10 ޖޫން

ބޭންކް އޮފް މޯލްޑިވްސްއިން ބޭންކިންގ އަދި ފައިނޭންސް ދާއިރާގައި މަސައްކަތްކުރާނެ ހުނަރުވެރި ދިވެހި ޒުވާނުން ބިނާ ކުރުމުގެ އަމާޒުގައި ހިންގާ ސްކޮލަރޝިޕް ފަންޑަށް ކުރިމަތިލުމަށް ހުޅުވާލައިފިއެވެ.

ބީއެމްއެލުން ވިދާޅުވީ ސްކޮލާޝިޕަކީ ބޭންކިންގ އެންޑް ފައިނޭންސްގެ ރޮނގުން މަތީ ތައުލީމު ހާސިލުކުރަން ޝައުގުވެރިވާ ދިވެހި ދަރިވަރުންނަށް ދުނިޔޭގެ އެންމެ މަތީ 200 ޔުނިވާސިޓީއަކުން މި ދާއިރާއިރާއިން ބޭނުންވާ ކޮންމެ އަންޑަރ ގްރެޖުއޭޓް ޕްރޮގްރާމެއް ފުރިހަމަކުރުމަށް ހުރިހާ ޅަރަދެއް ބޭންކުން ހަމަޖައްސައިދޭ ސްކޮލާޝިޕެއް ކަމަށެވެ. މި ސްކޮލާޝިޕަކީ މާލީ ދާއިރާގައި ދިވެހި ތަޖުރިބާކާރުން ބިނާކޮށް، ޤާބިލުކަން އިތުރުކުރުމަށް ބޭންކުން ކުރާ މަސައްކަތްތަކުގެ ތެރެއިން ބޭންކުން ކުރަމުން އަންނަ މުހިންމު އެއް މަސައްކަތެވެ.

ފަންޑުގެ ދަށުން ސްކޮލާޝިޕް ލިބޭ ދަރިވަރިންނަށް ޓިއުޝަން ފީ، މަހު އެލަވަންސް، ވިސާ ފީ، ފޮތާއި އެސްޓަބްލިޝްމަންޓް އެލަވަންސް އިތުރުން ދަތުރުފަތުރުގެ ޚަރަދު ބޭންކުން ހަމަޖައްސައިދޭނެއެވެ. އޭ ލެވެލް އިމްތިހާނުގެ ހުރިހާ މާއްދާއަކުން ފާސްވެފައިވާ އުމުރުން 18 އަހަރާއި 25 އަހަރާ ދެމެދުގެ ދިވެހިންނަށް މި ސްކޮލާޝިޕަށް ކުރިމަތިލެވޭނެކަމަށް ބީއެމްއެލުން ވިދާޅުވެއެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ މާލީ ދާއިރާއަށް ގާބިލު މީހުން އުފެއްދުމުގައި ބީއެމްއެލް ސްކޮލާޝިޕް ފަންޑުން ވަރަށް މުހިންމު ދައުރެއް އަދާކުރާ ކަމަށެވެ.

"ޒުވާން ދިވެހިންނަށް ދުނިޔޭގެ ފެންވަރު ރަނގަޅު މަތީ ތައުލީމު ހޯދުމަށް އެހީތެރިވެދިނުމުން އަޅުގަނޑުމެން މި އިންވެސްޓްކުރަނީ ދިވެހިރާއްޖޭގެ ބޭންކިންގ އަދި ފައިނޭންސް ދާއިރާގެ ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް" ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވިއެވެ.

2022 ވަނަ އަހަރު ބީއެމްއެލް ސްކޮލާޝިޕް ފަންޑް ތައާރަފްކުރުމަށް ފަހު މިހާތަނަށް 9 ދަރިވަރަށް ސްކޮލާޝިޕް ފޯރުކޮށްދީފައިވެއެވެ. މި ދަރިވަރުން ޔޫކޭ އަދި އޮސްޓްރޭލިއާގައި ތައުލީމު ހާސިލުކުރަމުން ދަނީ ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ޔުނިވާސިޓީތަކުގައިކަމަށް ބީއެމްއެލުން ވިދާޅުވެއެވެ. މިއަހަރުގެ ސްކޮލާޝޮޕް ފަންޑަށް ކުރިމަތިލުމުގެ އެންމެ ފަހު ތާރީހަކީ 10 ޖޫން 2025 އެވެ.