ޚަބަރު

އައްޑޫ މީދޫގައި ފިޓްނަސް ސެންޓަރަކާއެކު ވޮލީ ޓާފެއްގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ: ވަޒީރު


އައްޑޫ ސިޓީ މީދޫގައި ފިޓްނަސް ރެކްރިއޭޝަން ސެންޓަރަކާއެކު ވޮލީ ޓާފެއްގެ މަސައްކަތާއި، ފުޓްބޯޅަ ދަނޑުގެ ލައިޓުތައް ހަރުކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފައްޓަވާނެ ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ޔަގީންކަން ދެއްވައިފިއެވެ.

އައްޑޫ ސިޓީ ކައުންސިލުގެ އޮފިޝަލަކު "ޕީއެސްއެމް ނިއުސް" އަށް މައުލޫމާތު ދެއްވި ގޮތުގައި ވަޒީރު އެ ޔަގީންކަން ދެއްވީ އައްޑުއަށް ކުރެއްވި ދަތުރުފުޅެއްގެ ތެރެއިން ކަމާގުޅޭ ދާއިރާތަކުގެ އިސްވެރިންނާއެކު ބޭއްވެވި ބައްދަލުވުމެއްގައެވެ.

އައްޑޫ ސިޓީ މީދޫގެ ކުޅިވަރުގެ ހާލަތާއި ގުޅޭގޮތުން ދާއިރާގެ ކައުންސިލް އާއި، މީދޫ އަވަށު އޮފީހާއި، އަދި އެކި ކުޅިވަރުތަކުގެ އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކާއެކު ކުޅިވަރާ ބެހޭ ވަޒީރު ރާފިޢު ވަނީ މަޝްވަރާ ކުރައްވާފައެވެ.

ހަފުތާ ބަންދުގައި އައްޑޫ ސިޓީއަށް ކުރެއްވި ދަތުފުޅެއްގެ ތެރެއިން ވަޒީރު ރާފިޢު ވަނީ ހޮނިހިރު ދުވަހު އައްޑޫ ސިޓީ މީދުއަށް ވަޑައިގެން ފުޓްބޯޅަ އަދި ހޭންޑްބޯޅަ ކުޅޭ ފަރާތްތަކާވެސް ބައްދަލުކުރައްވާފައެވެ. އަދި އެ ރަށުގައި ކުޅިވަރުކުޅޭ ތަންތަން ބައްލަވާލެއްވިއެވެ.